Roadha Mihaaru
ކޮލިފައިންގައި އީގަލްސް ނުކުންނާނީ ތިމްޕޫއާ ދެކޮޅަށް

ކޮލިފައިންގައި އީގަލްސް ނުކުންނާނީ ބޫޓާން ތިމްޕޫއާ ދެކޮޅަށް

27 ޖެނުއަރީ 2021

މި އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.

އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި ވާދަކުރާއިރު، މި ފަހަރުގެ ކޮލިފައިން މެޗުތައް ކުރިއަށްދާނީ އެއް ލެގަށެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ދެ ލެގަށް ކުޅޭ އުސޫލަށް މި ވަގުތު އަމަލުނުކުރާގޮތަށް ނިންމާފައިވާތީ އެވެ. އޭއެފްސީ ކަޕްގެ ގުރުއަތުލުން މިއަދު ކުރިއަށްދިޔައިރު ދެކުނު އޭޝިއާގެ މެޗުތައް ކަނޑައަޅާފައިވަނީ އޭއެފްސީގެ ރޭންކިން އަށް ބަލައިގެންނެވެ.

ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު އޮންނާނީ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އީގަލްސް އިން ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ބުރުގައި އަބަހާނީގެ މައްޗަށް ކުރިހޯދައިފިނަމަ ޕްލޭއޮފް ބުރުގައި ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ގަދަބާރު ބެންގަލޫރުއާ އެވެ. ބެންގަލޫރަށް ޕްލޭއޮފްގެ ޖާގަ ކަށަވަރުވާނީ ޕްރިލިމިނަރީ ފުރަތަމަ ދެ ވަނަ ބުރުގެ މެޗުން މޮޅުވެގެންނެވެ. އެ ބުރުގައި ބެންގަލޫރު ކުޅޭނީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ސްރީލަންކާގެ ޕޮލިސް އާއި ނޭޕާލުގެ އާމީ ކްލަބް ކުޅެގެން މޮޅުވާ ޓީމަކާ އެކު އެވެ.

ޕްރިލިމިނަރީ ދެ ވަނަ ބުރުގެ މެޗުތައް ކުޅޭނީ އޭޕްރީލް 14 ވަނަ ދުވަހު އެވެ. އަދި ޕްލޭއޮފް މެޗު އޮންނާނީ އޭޕްރީލް 21 ވަނަ ދުވަހު އެވެ. ޕްލޭއޮފް މެޗުން މޮޅުވެ ކޮލިފައިން ބުރު ކާމިޔާބުކުރާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގެ ފަހު ޖާގަ ލިބޭނެ އެވެ. މި ވަގުތު އެ ގްރޫޕްގެ ތިން ޖާގަ ކަށަވަރުކޮށްފައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށްދާނީ މެއި 14 އިން 20 އަށެވެ.

އީގަލްސް އިން މި ފަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރަނީ މިދިޔަ ސީޒަނުގައި ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. މި ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް އިން ސީޒަނަށް ނުކުތީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. އެކަމަކު ލީގުގެ ފުރަތަމަ ބުރުގެ ހަ މެޗަށް ފަހު މޯހަން އެ ޓީމާ ވަކިވުމުން މި ވަގުތު އީގަލްސްގެ ޒިންމާއާ ހަވާލުވެ ހުރީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. އީގަލްސް އިން އަންނަނީ ހެޑް ކޯޗެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ ކްލަބް ވެލެންސިއާ އިން ވަނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ތިމްޕޫ ބަލިކޮށްފަ އެވެ. ބޫޓާންގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، މާލޭގައި ވެލެންސިއާ މޮޅުވީ 3-0 އިންނެވެ. އީގަލްސް އިން ތިމްޕޫއާ ދެކޮޅަށް ކުޅޭ މެޗު ބާއްވާނެ ދަނޑެއް އަދި އޭއެފްސީން ނުނިންމަ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކޮވިޑް-19އާ ހެދި ކުރިއަށްގެންދަން ނިންމާފައި އޮތީ ސެންޓްރަލައިޒްކޮށެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އިން ވަނީ ޕްރިލިިމިނަރީ ބުރުގައި ޑަކާ އަބަހާނީ ބަލިކޮށް ޕްލޭއޮފްގައި ބެންގަލޫރު ކަޓުވާލައިފަ އެވެ. ބެންގަލޫރު ވަނީ މީގެ ކުރިން 2018 ވަނަ އަހަރު ޕްލޭއޮފް ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ރާއްޖޭގެ ޓީމުތަކުގެ ތެރެެއިން ބެންގަލޫރު އަތުން މޮޅުވީ މާޒިޔާގެ އިތުރުން ނިއު ރޭޑިއަންޓް އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް މެޗުތައް ބާއްވަން ރާއްޖޭން ބިޑް ކާމިޔާބުކޮށް މިދިޔަ އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު މަހު ހަތަރަކަށް މާލޭގައި ކުޅޭ ގޮތަށް ހަމަޖެހުނެވެ. މެޗުތަކުގެ ޝެޑިއުލް ވެސް އާންމުކުރި އެވެ. ރާއްޖޭގެ މާޒިޔާ އިން އެ މުބާރާތަށް ޕްރެކްޓިސް ފަށާފައިވަނިކޮށް އޭއެފްސީން މުބާރާތް ކެންސަލްކުރަން ޖެހުނީ ބައެއް ގްރޫޕްގެ މެޗުތައް ބާއްވާނެ ގައުމެއް ނެތުމުންނެވެ. އޭއެފްސީން މި ފަހަރުގެ މުބާރާތް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ބިޑްކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ އެވެ.