Roadha Mihaaru
ޔާމީނަށް ވާދަނުކުރެވޭ ނަމަ އިންތިހާބަށް ވަހީދު ތައްޔާރު

ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ އިންތިޚާބަށް ވަހީދު ތައްޔާރު

28 ފެބުރުއަރީ 2021

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވިއްޖެ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން އެ މަނިކުފާނު ބަލައިގެންފި ނަމަ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ޝައުގުވެރިވެވަޑައިގަންނަވާ ކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރޭ ހާމަކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވިއްޖެ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން އެ މަނިކުފާނު ބަލައިގެންފި ނަމަ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ޝައުގުވެރިވެވަޑައިގަންނަވާ ކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރޭ ހާމަކުރައްވައިފި އެވެ.

ސިޔާސީ ހަރަކާތްތަކާ ދުރުގައި ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ޑރ. ވަހީދު، އިންތިޚާބަށް ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ދިވެހި ރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގަ އެވެ.

އާއްމުން ސުވާލު ފޮނުވާ އެ ޕްރޮގްރާމްގައި އިންތިޚާބުން ޔާމީނަށް ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވަނީ ކިހާ ވަރަކަށްތޯ ޕްރެޒެންޓަރު އެހުމުން ވަހީދު ވިދާޅުވީ "އަޅުގަނޑުމެންގެ ޕާޓީން ގަބޫލުކުރަނީ އެ މަނިކުފާނަށް އެ ފުރުސަތު އެބަ އޮތް" ކަމަށެވެ. ޕާޓީ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެގޮތަށް ގަބޫލުކުރައްވައިގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ނިންމާނީ ގައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅަށް. އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށް ވާ ނަމަ އެއީ އެންމެ ރަނގަޅު ގޮތް: ވަހީދު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގެން އިންތިޚާބުން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ޕާޓީން ގަބޫލުކުރެ އެވެ. އެކަމަކު ވެސް ސިޔާސީ މަސްރަހު ފުރޮޅިގެން ދަނީ ޔާމީނަށް މި ސަރުކާރުގެ ދަތިކުރުންތަކާ އެކުގައި ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ޖެނުއަރީ 25، 2015 ގައި ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ރައީސް އޮފީސް ފޮޓޯ

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ޖެނުއަރީ 25، 2015 ގައި ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ރައީސް އޮފީސް ފޮޓޯ

އިންތިޚާބު ކައިރިވެ ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ބަދަލުގައި ރައްޔިތުންނަށް ދައްކާނީ ކޮން ބޭފުޅެއްތޯ ނިންމުމުގެ ބާރު އޮތީ، ޑރ. ވަހީދު ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީގެ ކައުންސިލަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޔާމީނަށް ކުރިމަތިނުލެއްވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ޕާޓީގައި ޕްރައިމަރީއެއް ބާއްވަވާނެ. އޭރުން ދެން އެނގޭނީ،" ޑރ. ވަހީދު ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ޕްރެޒެންޓަރު އެހުމުން ވިދާޅުވީ "އެއްޗެއް ދަންނަވަން އަދި މާ އަވަސް" ކަމަށެވެ.

"ނަމަވެސް އަޅުގަނޑު މިހުރީ ވެވުނު ގޮތަކަށް ގައުމަށް ޚިދުމަތް ކުރުމަށް ތައްޔާރަށް،" ޑރ. ވަހީދު ވިދާޅުވި އެވެ.

އޭގެ ފަހުން ދެން ވިދާޅުވީ ޕާޓީ އާއި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނު ވާދަކުރެއްވުން ކަމަށް ޕާޓީން ގަބޫލުކުރާ ނަމަ އެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް ތައްޔާރު ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވި ގޮތުގައި ޕާޓީގެ ނިންމުމަކުން އެ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ ވެސް ރައީސްކަމުގައި އިތުރަށް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އިއްޒަތެއް އަދި ޝަރަފެއް ނެތެވެ. ގާނޫނުއަސާސީގެ ދަށުން ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރައްވާފައިވާ ކަމަށާއި މުހިންމީ ގައުމަށް ޚިދުމަތެއް ކޮށްދެއްވެން އޮތް ނަމަ އެ ވާޖިބު އަދާކުރެއްވުން ކަމަށް ވިދާޅުވި އެވެ.

"މިނިކާ ބާޒަކަށް" އަޅުގަނޑު ނުވާނެ

އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ތުހުމަތުތަކާ އެކު ޝަރީއަތް ފަށާފައި ވަނިކޮށް ޕާޓީގެ އާއްމު މެމްބަރުންނަށް ދެއްވި މެސެޖެއްގައި، 2023ގެ އިންތިޚާބަށް ޔާމީން ވަނީ އިޝާރާތް ކުރައްވައިފަ އެވެ. އެ މަނިކުފާނު ޕާޓީގެ މަސައްކަތްތަކުގައި ނެތް ހާލަތެއްގައި "މިނިކާ ބާޒުތަކެއް" ޕާޓީއަށް ވެރިވެގަންނަން އުޅޭނެ ކަމަށާއި އެ ފުރުސަތު ނުދޭން އާއްމު މެމްބަރުންނަށް އިލްތިމާސްކުރެއްވި އެވެ.

ޑރ. ވަހީދު ވިދާޅުވީ މިނިކާ ބާޒުތަކެއް ޕާޓީއާ ކައިރިވިޔަ ނުދޭން ވިދާޅުވެ ޔާމީން އިޝާރާތް ކުރައްވާފައި ވަނީ ސީދާ އިންތިޚާބާ ދިމާކޮށް ޕާޓީއާ ގުޅޭ ބޭފުޅުންނަށް ކަަމަށެވެ. އެ މަނިކުފާނަކީ އެފަދަ "ބާޒެއް ނޫން" ކަން ޔަގީންކޮށްދެއްވަން ވިދާޅުވީ 2013 ވަނަ އަހަރު އަމިއްލަ ޕާޓީގެ ގާތްގަނޑަކަށް 10،000 މެމްބަރުންނާ އެކު ޕީޕީއެމަށް ސޮއިކުރެއްވި ކަމަށެވެ.

"ޕާޓީއެއް އޮތް މީހަކު ޕާޓީ އުވާލާފައި މީހުން ގޮވައިގެން ގޮސް ޕީޕީއެމް ތެރެއަށް ވަން މީހެއް އަޅުގަނޑަކީ. ބޭރުން އަންނަ މީހަކާ ވަރަށް ތަފާތު ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޑރ. ވަހީދު ވިދާޅުވި އެވެ.

ީޕީޕީއެމް ކޯލިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަދައްކަވަނީ؛-- ފޮޓޯ: އިދިކޮޅު ކޯލިޝަން

ީޕީޕީއެމް ކޯލިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަދައްކަވަނީ؛-- ފޮޓޯ: އިދިކޮޅު ކޯލިޝަން

އަޑުގެ ޕްރޮގްރާމްގައި ޑރ. ވަހީދު ވަނީ އެ މަނިކުފާނުގެ ކުރު ވެރިކަމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ވެރިކަން ނިމުމުގައި އެއްވެސް ދައުރެއް އަދާނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ބައްދަލުކޮށް އެދުނީ ނަޝީދު އިސްތިއުފާ ދެއްވައިފި ނަމަ ދެން ހައްދަވާނެ ގޮތަކާ ގުޅޭ ގޮތުން ކަަމަށާއި އެ މަނިކުފާނު އިސްތިއުފާ ދެއްވުމުން ވެރިކަމުގެ ހުވާކުރެއްވީ ގާނޫނުއަސާސީގައި އޮތް ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.