Roadha Mihaaru
"އިސްތިރީ"ގެ ޕްރިކްއެލްއެއް

"އިސްތިރީ"ގެ ޕްރިކްއެލްއެއް

27 ފެބުރުއަރީ 2021

މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރިލީޒްކުރި ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ޕްރިކްއެލްއެއް ހަދަން ނިންމައި، އެއަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރިލީޒްކުރި ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ޕްރިކްއެލްއެއް ހަދަން ނިންމައި، އެއަށް ތައްޔާރުވާން ފަށައިފި އެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށް، ރާޖްކުމާރު ރާއޯ އާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު 2018 ގެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން "އިސްތިރީ" ގެ ސީކްއެލްއެއް ވެސް ވަނީ ހަދަން ނިންމައިފަ އެވެ. އެކަމަކު އޭގެ ކުރިން ބެލުންތެރިންނާ ހަމައަށް އަންނާނީ "އިސްތިރީ" ގެ ޕްރިކްއެލް ކަމަށް މީޑިއާތަކުން ބުންޏެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ފިލްމަށް ދީފައިވާ ނަމަކީ "މުންޖާ" އެވެ. އަދި މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ "އަންދާދުން" ފަދަ ފިލްމުތައް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރު ސްރީރާމް ރަގްވަންއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޔޮގޭޝް ޗަންދޭކަރް އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "މުންޖާ" ގެ ބަތަލާއަކަށް މިހާރު ސަންޖަނާ ސާންގީ ނަގާފައިވާ ކަމަށެވެ. އޭނާ އަކީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ އެވެ. ސަންޖަނާ މިހާރު އަންނަނީ އަދިތިޔާ ރޯއި ކަޕޫރާ އެކު "އޯމް: ދަ ބެޓްލް ވިތިން" ގެ މަސައްކަތްކުރަމުންނެވެ.

ހަންގާމާ އިން ބުނިގޮތުގައި "މުންޖާ" ގެ ބަތަލާގެ ރޯލު ކުރިން އާލިއާ ބަޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު "މުންޖާ" ޝޫޓިން ރާވާ ދުވަސްވަރާއި އާލިއާގެ އެހެން ފިލްމަކާ މުޑިއަރާތީ އޭނާ ފިލްމު ގަބޫލުނުކޮށް ދޫކޮށްލީ އެވެ.

ހަންގާމާ އިން ބުނީ މި އަހަރުގެ މެދެއްހާ ހިސާބުގައި "މުންޖާ" ގެ ޝޫޓިން ފަށާނެ ކަމަށާއި ފިލްމުގެ ސްކްރިޕްޓް މިހާރު އިތުރަށް ޕޮލިޝްކުރަމުން އަންނަ ކަމަށެވެ. މީގެ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި "އިސްތިރީ" ގެ ޑައިރެކްޓަރު އަމަރް ހިއްސާވާނެ އެވެ. އޭނާ މިހާރު އަންނަނީ ވަރުން ދަވަނާއި ކްރިތީ ސެނަންއާ އެކު ހަދާ މޯންސްޓާ-ކޮމެޑީ "ބޭޅިޔާ" ގެ މަސައްކަތްކުރަމުންނެވެ.

"އިސްތިރީ" އަކީ އެ ފިލްމު ރިލީޒްކުރި އަހަރު އެންމެ ހިނގި އެއް ފިލްމެވެ. މީގައި ކިިޔައި ދެނީ އިންޑިއާގެ ރަށްފުށުގެ އަވަށެއްގައި ރޭގަނޑު ފިރިހެނުން ގެއްލޭތީ އެކަމުގެ ބިރުވެރިކަމުގައި ދިމާވާ މަޖާ ހާދިސާތަކެވެ. އަދި އެ ގޮތަށް ގެއްލޭ މީހުންނަކީ އަންހެން ޖިންނިއަކު ޖަހައިގެންދާ ބައެއް ކަމަށް އަވަށުގެ މީހުން ގަބޫލުރެ އެވެ. ފިރިހެނުން ގެއްލޭ އިރު، ސަަލާމަތް ވަނީ ހަމައެކަނި ލައިގެން ހުންނަ ފޭރާމެވެ.

"އިސްތިރީ" ގެ ކާމިޔާބީއާ ގުޅިގެން މެޑޮކް އިން ގެނެސްދޭ ދެވަނަ ހޮރޯ-ކޮމެޑީ "ރޫހީ" އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނާނެ އެވެ. އެ ފިލްމުގެ ތަރިންނަކީ ރާޖްކުމާރާއި ޖާންވީ ކަޕޫރްގެ އިތުރުން ވަރުން ޝަރުމާ އެވެ. މިއީ ކައިވެނިކުރާ ފިރިހެނުންނަށް އަންހެން ޖިންނިއެއްގެ ފަރާތުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.