Roadha Mihaaru
ވޭމަންޑޫ އިންޖީނުގޭގައި ރޯވެ 10 މިލިއަނުގެ ގެއްލުން

ވޭމަންޑޫ އިންޖީނުގޭގައި ރޯވެ 10 މިލިއަނުގެ ގެއްލުން

25 ފެބުރުއަރީ 2021

ތ. ވޭމަންދޫ އިންޖީނުގޭގައި އިއްޔެ އަލިފާން ރޯވުމުން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި ނަމަވެސް ޖަނަރޭޓަރުތަކެއް ގެންގޮސް މިރޭ އެ ރަށަށް ކަރަންޓު ދެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތ. ވޭމަންދޫ އިންޖީނުގޭގައި އިއްޔެ އަލިފާން ރޯވުމުން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި ނަމަވެސް ޖަނަރޭޓަރުތަކެއް ގެންގޮސް މިރޭ އެ ރަށަށް ކަރަންޓު ދެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޖީނުގޭގައި ރޯވިތާ ގިނަ އިރުތަކެއް ނުވެ ވޭމަންޑުއަށް ވަޑައިގެން އެ ރަށުގައި ހުންނެވި ސައީދު ވިދާޅުވީ އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތީ ގޮތުން ހައްލެއް ހޯދުމަށް، އެ ރަށު ކައިރީ ރަށްރަށުން ދެ ޖެނެރޭޓަރެއް މިހާރު ވޭމަންޑޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މާލެ އިން އިތުރު ދެ ސެޓެއް ވެސް މިރޭ ފަތިހު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"[ވޭމަންޑޫއަށް] މިރޭ ކަރަންޓު ލިބޭނެ ވަރު ކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ދާއިމީ ހައްލެއް ލިބޭނެ ދެ ދުވަހެއްގެ ތެރޭގައި،" ސައީދު ވިދާޅުވި އެވެ.

ވޭމަންޑޫ އިންޖީނުގެ. -- ފޮޓޯ: ފެނަކަ

ވޭމަންޑޫ އިންޖީނުގެ. -- ފޮޓޯ: ފެނަކަ

ސައީދު ވިދާޅުވީ ވޭމަންޑޫގައި ބޭނުންކުރަމުން އައީ 600 ކިލޯވޮޓް، 500 ކިލޯވޮޓް އަދި 450 ކިލޯވޮޓްގެ ތިން ޖެނެރޭޓަރު ކަމަށެވެ. އަލިފާނުގެ ހާދިސާގައި މި ހުރިހާ ޖެނެރޭޓަރެއް ވަނީ ހަލާކުވެފަ އެވެ.

އެ ރަށު އިންޖީނުގޭގައި އަލިފާންރޯވީ އިއްޔެ މެންދުރު 2:30 ހާއިރު އެވެ. އަލިފާން ނިއްވާލެވުނީ އޭގެ ދެ ގަޑިއެއްހާއިރު ފަހުން ރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފުން ކުރި މަސައްކަތުންނެވެ.

ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ގެއްލުންވެފައި. -- ފޮޓޯ: ފެނަކަ

ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ގެއްލުންވެފައި. -- ފޮޓޯ: ފެނަކަ

ސައީދު ވިިދާޅުވި އަލިފާނުގެ ހާދިސާގައި އިންޖީނުގެ ފިޔަވައި އެހެން ތަނަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަލިފާން ނިއްވުމާއި ހާދިސާ އަށް ފަހު ވެސް ރަށު ރައްޔިތުން ދެއްކީ ރީތި ނަމޫނާއެކެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އިންޖީނު ގޭގެ އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރު ވެފަ އެވެ. ސައީދު ވިދާޅުވީ އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.