Roadha Mihaaru
ނިހާންގެ ޝަރީއަތް: ޖަވާބުދާރީވާން އިތުރު ފުރުސަތެއް

ނިހާނަށް ކުރާ ދައުވާތަކާ ގުޅިގެން ޖަވާބުދާރީވާން އިތުރު ފުރުސަތެއް

25 ފެބުރުއަރީ 2021

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ޖަވާބުދާރީވާން އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު އޭނާ އަށް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ޖަވާބުދާރީވާން އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު އޭނާ އަށް ދީފި އެވެ.

ވިލިމާލޭ ދާއިރާގެ ކުރީގެ މެެމްބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާ އެކެވެ. އެ ދައުވާތައް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ. އޭނާ ކުށް ކޮށްގެން ހޯދި މުދާ ދައުލަތަށް ނަގަން އެ މައްސަލާގައި އެދިފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ނިހާންގެ ވަކީލުންގެ ޓީމުން ބުނީ ދައުލަތުން ހުށަހެޅި ބައެއް ލިޔުންތައް ސާފުނުވާ ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ ކުރިން އެކަން ސާފުކުރަން ބޭނުންވާ ކަމަށް ނިހާންގެ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން އެދުނީ ސާފުނުވާ ލިޔުންތަކަކީ ކޮބައިކަން ލިޔުމުން އެންގުމަށެވެ. އޭރުން އިދާރީ ގޮތުން އެކަންކަން ހަމަޖައްސައިދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން މައްސަލަ ކޯޓުގެ އެހެން ސެކްޝަނެއްގައި އޮތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދިި ގާޒީ ބަދަލުވެއްޖެ ނަމަ، އެކަން ދައުވާލިބޭ ފަރާތަށް އަންގަން ޖެހޭނެ ކަމަށް ނިހާންގެ ވަކީލުން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލަ އޮތީ އެ ސެކްޝަންގައި ކަމަށެވެ. އަދި އެ ސެކްޝަންގައި މައްސަލަ އޮތްކަމުގެ ލިޔުން ހަވާލު ނުކުރެވި އޮތީ ރެޖިސްޓްރޭޝަން ސެކްޝަނަށް ދިމާވި އިދާރީ އޮޅުމަކުން ކަމަށާއި މިއަދު އެ ލިޔުން ހަވާލު ކުރާނެ ކަމަށް ގާޒި ވިދާޅުވި އެވެ.

އެ މައްސަލަ ކޯޓުގައި އޮތުމުން ނިހާންގެ ޕާސްޕޯޓް ޝަރީއަތް ނިމެންދެން ހިފަހައްޓައި، އޭނާ ފުރުން އޮތީ މަނާކޮށްފަ އެވެ.