Roadha Mihaaru
ވިލާ އެއާއިން މެއި މަހު ފްލައިން ސްކޫލެއް ހުޅުވަނީ

ވިލާ އެއާއިން ފްލައިން ސްކޫލެއް ހަދައި އަންނަ މެއި މަހު ކިޔަވައިދޭން ފަށަނީ

24 ފެބުރުއަރީ 2021

ޕައިލެޓުން ތަމްރީނުކުރަން ވިލާ އެއާ އިން ފްލައިން ސްކޫލެއް ހުޅުވައި އަންނަ މެއި މަހު ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕައިލެޓުން ތަމްރީނުކުރަން ވިލާ އެއާ އިން ފްލައިން ސްކޫލެއް ހުޅުވައި އަންނަ މެއި މަހު ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެ އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "މިހާރު" އަށް މިއަދު ވިދާޅުވީ ފްލައިން ސްކޫލުގެ ހިންގަން ބޭނުންވާ ހުއްދަތަކަށް ސިވިލް އޭވިއޭޝަނުގައި އެދިފައިވާ ކަމަށެވެ.

ވިލާ ކޮލެޖާއެކު އެ ސްކޫލު ހިންގަން ނިންމާފައިވަނީ ވިލާ އިން ތަރައްގީކޮށް އޮޕަރޭޓްކުރާ އެއާޕޯޓު އޮންނަ ރަށް، ގއ. މާމިގިލީގަ އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ފްލައިން ސްކޫލެއް ހުޅުވަން މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފަށަން ނިންމާފައި ވަނިކޮށް ކޮވިޑް-19 އާ ހެދި އެކަމަށް ހުރަސްއެޅި މަސައްކަތް ލަސްވީ އެވެ.

"އަޅުގަނޑުމެން އޭގެ މަސައްކަތްތައް އަނެއްކާ ފަށައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވިލާ ކޮލެޖާ އެކު ގުޅިގެން ކުރަން. އެ މަސައްކަތްތައް އެބަދޭ ކުރިއަށް. އިރާދަކުރެއްވިއްޔާ މެއި މަހަށް ހުއްދަތަކާ އެއްޗެހި ލިބޭ ވަރަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ޓާގެޓްކޮށްގެން މި ގެންދަނީ. އެކަމާ ދޭތެރޭ ރަނގަޅު ޔަގީންކަމެއް ވެސް އެބަ އޮތް،" ނާޝިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނަން އެ ޓާގެޓަށް ރީޗުވާން،"

ކިޔަވައިދޭން ފެށުމަށް މާމިގިލީގައި ކްލާސްރޫމުތައް ހަދައި ދަރިވަރުން ދުއްވާނެ ބޯޓު ހޯދައި ހެނގަރުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.

ވިލާ އެއާއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އެތެރޭގައި ހިންގާ އެޕްރޫވްޑް ޓްރެއިނިން އޯގަނިޒޭޝަނުން ވެސް ޕައިލެޓުން ތަމްރީނުކުރަމުންނެވެ. އެކަމުގެ ތެރެއިން އިންޑިއާ އާއި ލަންކާގެ ޕައިލެޓުންނަށް ތަމްރީނު ދީފައި ވެ އެވެ.

"އެއީ އަޅުގަނޑުމެން ނުކުރާ ކަމެއް ނޫން. އަޅުގަނޑުމެން ފެށުނީއްސުރެ ކުރާ ކަމެއް. ވަރަށް ރަނގަޅު އެސްޓަބްލިޝްމެންޓެއް ވިލާ އެއާގެ ތެރޭގައި އިންނަ. އަޅުގަނޑުމެންނަކީ ޕައިލެޓުން އުފައްދާ ބައެއް،" ނާޝިދު ވިދާޅުވި އެވެ.

ވިލާގެ ފައުންޑަރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނަކީ ދިވެހިން ބޭރަށް ފޮނުވައިގެން މަތީ ތައުލީމްގެ ފުރުސަތު ފަހިކޮށްދިން ތަނެކެވެ. އެ ފައުންޑޭޝަނުން އެކަނި ވެސް ބޭރުގެ އެކި ގައުމުތަކަށް ފޮނުވައިގެން 74 ދިވެހި ޕައިލެޓުން ތަމްރީނުކޮށްދީފައި ވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު އަންނަނީ މޯލްޑިވިއަން އާއި ޓީއެމްއޭގައި ވެސް މަސައްކަތްކުރަމުންނެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ތައުލީމަކީ ވިލާ ގްރޫޕުން ވަރަށް ބޮޑަށް ކުރިއަރުވަން ބޭނުންވާ ކަމެކެވެ.

"ދިވެހި ޕައިލެޓުންނާއި ބޭރު ޕައިލެޓުން ވެސް ރާއްޖެ އައިސް ޓްރެއިނިން ހެދޭނެ ފުރުސަތު ވިލާ އެއާ އާއި ވިލާ ކޮލެޖު ގުޅިގެން ދުރުނޫން މުސްތަގުބަލެއްގައި ފެށޭނެ،" ނާޝިދު ވިދާޅުވި އެވެ.

ފްލައިން ސްކޫލާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ވިދާޅުވީ ނާޝިދު ވިދާޅުވީ މާޔޫސް އެއް ނުވާނެ ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ފްލައިން ސްކޫލު ހިންގަނީ އައްޑޫގަ އެވެ. ނަމަވެސް އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ހިންގާ ކޯހުގެ މުއްދަތު ދިގުލައިގެން ދިއުމުގެ ސަބަބުން ދަރިވަރުންނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެކަން ސަރުކާރުގެ ސަމާލުކަމަށް ވެސް ގެނެސްފައި ވެ އެވެ.