Roadha Mihaaru
އޭއޭއޭ މައްސަލާގައި ސިވިލް އޭވިއޭޝަންގެ އިހުމާލު!

ފްލައިން ސްކޫލުގެ މައްސަލަ: އޮޑިޓުން ފާހަގަވީ ސިވިލް އޭވިޝަން އޮތޯރިޓީގެ އިހުމާލުތަކެއް!

20 އޮކްޓޯބަރ 2021

އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ހިންގުމުގެ ގާބިލުކަން ބަލާނެ އިންތިޒާމުތަކެއް ހަމަޖެހިފައިވީ ނަމަވެސް ނަތީޖާ ހާސިލް ނުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހެދި އޮޑިޓްތަކުގައި ފާހަގަވި މައްސަލަތައް އިސްލާހުކުރަން ފިޔަވަޅު ނޭޅުމުން ކަމަށް އެ އޮތޯރިޓީން އޭއޭއޭ ރެގިއުލޭޓްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ޕާފޯމަންސް އޮޑިޓުގައި ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ހިންގުމުގެ ގާބިލުކަން ބަލާނެ އިންތިޒާމުތަކެއް ހަމަޖެހިފައިވީ ނަމަވެސް ނަތީޖާ ހާސިލް ނުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހެދި އޮޑިޓްތަކުގައި ފާހަގަވި މައްސަލަތައް އިސްލާހުކުރަން ފިޔަވަޅު ނޭޅުމުން ކަމަށް އެ އޮތޯރިޓީން އޭއޭއޭ ރެގިއުލޭޓްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ޕާފޯމަންސް އޮޑިޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު އޮޑިޓު ރިޕޯޓުގައިވާ ގޮތުން ޕައިލެޓުން ތަމްރީނު ކުރަން ހަވާލުވި އޭއޭއޭ ގާބިލްކުރުމަށް އިންތިޒާމުތަކެއް ހަދާފައި ހުއްޓަސް، މި އިންތިޒާމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ހާސިލެއް ނުވެ އެވެ. ފްލައިން ސްކޫލު ހިންގުމުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުނުވަނީ އޮތޯރިޓީން އޮޑިޓްކުރުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާ ނުވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުގައި މިހާރުގެ އޭވިއޭޝަން ދާއިރާގެ ހާލަތަށް އެކަށީގެންވާ ގޮތަށް އޭވިއޭޝަން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެސްފައެއް ނުވެ އެވެ. ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާ އިތުރު ބަޔަކު ނެތުމުން، އެ ސްކޫލުގެ ފްލައިޓްތައް ގްރައުންޑްކޮށް އޮޕަރޭޝަންތައް ސަސްޕެންޑްކޮށްފި ނަަމަ، ދަރިވަރުންނަށް ލިބިދާނެ ގެއްލުން ބޮޑުވެދާނެ ކަމަށް ބަލައި ފިޔަވަޅު ނޭޅުމުން ލިބުނު ގެއްލުން މާ ބޮޑު ކަމަށް އޮޑިޓުގައި ވެ އެވެ.

އެ ރިޕޯޓުގައި ބުނީ ޝަކުވާ އަދި މައްސަލަ ހުށަހެޅުމުން ދަރިވަރުންނާ ގުޅޭ ކަންކަން ބެލި ކަމަށެވެ. އެކަމަކު ދަރިވަރުންގެ ހައްގުތަކާއި ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ޕްރޯއެކްޓިވްކޮށް ބަލާފައި ނުވާ ކަމަށް އޮޑިޓުގައިވެ އެވެ.

"ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަރިވަރުންގެ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެންމެ މުހިއްމު ވަގުތުުގައި ފޯރުކޮށްދެވިފައިނުވާކަން ފާހަގަކުރެވުނެވެ،" އޮޑިޓުގައި ވެ އެވެ.

އެކަން ދިމާވަނީ ގާނޫނުން ނުވަތަ ގަވާއިދުން މޮނިޓާކުރުމުގެ ޒިންމާ ސީދާ ވަކި އިދާރާއަކަށް މަތިކޮށްފައިނުވާތީ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލައިން ސްކޫލް ހިންގުމާއި މެއިންޓެއިނަންސް އަދި މަތިންދާބޯޓުތަކުގެ އެއާވޯދިނެސްއާ ގުޅުންހުރި އޮޑިޓްތައްކޮށް، ހުރި މައްސަލަތައް އޮތޯރިޓީން އައީ ފާހަގަކުރަމުންނެވެ. އެކަމަކު މަތިންދާބޯޓުތަކުގެ އެއާވޯދިނެސް ރިވިއުގައި ފާހަގަކުރެވުނު ކަންކަން އިސްލާހުނުކުރެވި ދިގު މުއްދަތެއް ހޭދަވުމާއި ފިޔަވަޅު އެޅުން ވެސް ލަސްވި ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.

"މި މަތިންދާބޯޓުތަކުގެ އިންސްޕެކްޝަނުގައި ފާހަގަކުރެވުނު ކަންކަން ދެވަނަ ފަހަރަށް ދިމާވުން ހުއްޓުވުމަށް އެ މައްސަލަތަކުގެ ރޫޓް ކޯސް އިސްލާހުކޮށްފައިނުވާ އިރު ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކަމަށް ފިޔަވަޅު އެޅުން ލަސްވެފައިވަނީ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ކަންކަން އެ އިދާރާގައި ރަނގަޅަށް ރާވާފައި ނުވާތީ ކަން ފާހަގަކުރެވޭ،" އޮޑިޓުގައިވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ: އޮޑިޓުގައި ބުނެފައިވާ ގޮތުގައި އޭއޭއޭ އަށް ފިޔަވަޅު އެޅުމުގައި މިނިސްޓްރީން ވަނީ ޖެހިލުންވެފައި.-- ފޮޓޯ/ މިހާރު

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ: އޮޑިޓުގައި ބުނެފައިވާ ގޮތުގައި އޭއޭއޭ އަށް ފިޔަވަޅު އެޅުމުގައި މިނިސްޓްރީން ވަނީ ޖެހިލުންވެފައި.-- ފޮޓޯ/ މިހާރު

އޮތޯރިޓީގެ އަނެއް މައްސަލައަކީ މެއިންޓެއިނެންސާ ގުޅުން ހުރި ކަންކަމުގެ އޮޑިޓުގައި ފާހަގަކުރެވުނު ކަންކަން އިސްލާހުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ޕްލޭން އެސްއޯޕީގައިވާ މުއްދަތުގައި ހޯދާފައި ނުވުމެވެ. އެ ޕްލޭންގައިވާ ގޮތަށް 2019 އަދި 2020 ވަނަ އަހަރު ޕްލޭން ހުށަހެޅި ނަމަވެސް 2018 ވަނަ އަހަރު މުއްދަތަށް ހުށަހަޅައިފައެއް ނުވެ އެވެ. އަދި މުއްދަތަށް ހުށަހަޅަން އޮތޯރިޓީން ބާރު ނާޅާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ފްލައިން ސްކޫލުގެ ތަމްރީނަށް ބޭނުންކުރާ މަތިންދާބޯޓު ފްލީޓްގެ ކެޕޭސިޓީ ވެސް ހަރުދަނާ އުސޫލަކުން ބަލައިފައެއް ނުވެ އެވެ. އެކަމަކު ނޮވެމްބަރު 4، 2018 ގައި ކުރެވުނު އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަންތަކާ ގުޅޭ އޮޑިޓުގައި ފްލައިން ސްކޫލުގައި އެކަށީގެންވާ މަތިންދާބޯޓު ފްލީޓް އޮތްތޯ ބަލައި އޮޑިޓު ޗެކް ލިސްޓުގައި ފްލައިން ސްކޫލުގައި އެކަށީގެންވާ ފްލީޓެއް އޮތް ކަމަށް ފާހަގަކޮށްފައިވެ އެވެ. އެގޮތަށްް ފާހަގަކޮށްފައި އޮތީ ކޮމާޝަލް ޕައިލެޓް ލައިސެންސް ޓެސްޓަށް ބޭނުންކުރާ މަތިންދާބޯޓުގެ އިތުރުން ޓެސްޓް ހެދުމަށް ބޭނުންކުރެވޭނެ މަލްޓި އިންޖީން މަތިންދާބޯޓެއް އޮތުމުން ކަމަށް މައުލޫމާތުދޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެކަމަކު 24 އޮކްޓޫބަރު 2019 ގައި ކުރެވުނު އޮޑިޓާއި ކިޔަވާ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކުރި ތަހުގީގުގައި ފްލައިން ސްކޫލުގައި އެކަށީގެންވާ މަތިންދާބޯޓު ފްލީޓް ނެތް ކަމަށް އޭވިއޭޝަން އޮތޯރިޓީން ފާހަގަކުރެ އެވެ. އަދި މަތިންދާބޯޓު ފްލީޓު ކެޕޭސިޓީ ހަރުދަނާ އުސޫލަކުން ބަލަމުން ނުދާ ނަމަ އެ ފަރާތަކީ ތަމްރީނުތައް ހިންގުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމަށް ކަށަވަރުނުކުރެވޭނެ ކަމަށް ވެސް އޭގައި ބުންޏެވެ.

އޮޑިޓު ރިޕޯޓުގައި ބުނިގޮތުގައި ގަވާއިދާ ހިލާފު އަމަލުތަކާ ގުޅިގެން ޖޫރިމަނާ ކުރުމަށް ސާފު އުސޫލެއް ކަނޑައަޅައިފައެއް ނުވެ އެވެ. އަދި ޖޫރިމަނާކުރެވޭ އަދަދު ނިސްބަތުން ކުޑަވުމުގެ މައްސަލަ ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެއީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން ޖޫރިމަނާކުރެވެނީ 5،000 އާއި 500،000ރ، އާ ދެމެދުގެ އަދަދަކަށްވާތީ އެވެ.

އިސްލާހުކުރަން ލަފާދޭ ގޮތް:

- އެއާވޯދިނެސް ރިވިއުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރާނެ ގޮތުގެ ޕްލޭން މުއްދަތަށް ހުށަނާޅާ ނަމަ، އުސޫލެއް ކަނޑައަޅައި، އުސޫލުގެ ދަށުން އޮޕަރޭޓަރުންނަށް ފިޔަވަޅު އެޅުން.

- އޭވިއޭޝަން ގަވާއިދަށް ތަކުރާރުކޮށް ހިލާފުވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކުގެ ކަންކަން އިތުރަށް ބަލައި، އެކަށީގެންވާ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެ ހާއްސަ ވަކި ސްޓްރެޓެޖީއެއް އެކުލަވާލުން.

- އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަންތަކުގައި އެކަށީގެންވާ ވަރަށް މަތިންދާބޯޓު ހުރިތޯ ބަލާނެ ތަފްސީލު އޮޑިޓް ޕްރޮސީޖާއެއް ކަނޑައަޅައި، ކޮންމެ އަހަރަކު ވެސް އެއް އުސޫލަކުން އެކަން ބަލައި ލިޔެކިޔުން ބެލެހެއްޓުން.

- އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަނަށް އަލަށް ގުޅޭ ދަރިވަރުންގެ އަދަދާއި އެ ދަރިވަރުން ހަދައި ކޯސްތަކަށް ބޭނުންވާ މަތިންދާބޯޓު އޮގަނައިޒޭޝަންގައި ހުރިވަރަށް ރިއާޔަތްކުރެވޭނެ ގޮތަކަށް އޮޑިޓް ޕްރޮސީޖާ ކަނޑައެޅުން.

އޭއޭއޭ ބޮއްސުންލައިގެން ދިއުމުން، އެ ތަނުގެ ހިންގުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ހަވާލުކޮށްފަ އެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން އައީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުންނެވެ. ނަމަވެސް ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ.

އޭގެ އިތުރުން، ފްލައިން ސްކޫލު ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭއޭއޭ އަށް ކުއްޔަށް ދީފައިވާ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. އެހެންވެ، އެފަދަ ސަބަބުތަކާ ހުރެ "ސޭލްސް އެންޑް ޕާޗޭސް" އެއްބަސްވުން މިދިޔަ މަހުގެ ތެރޭގައި ވަނީ އުވާލައިފަ އެވެ.

އެ ސްކޫލުގައި ކިޔަވާ 173 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެވިޑުން ބުނި ނަމަވެސް އެއްބަސްވުން އުވާލިއިރު ވެސް އެއިން އެއްވެސް ކަމަކަށް ހައްލެއް ލިބިފައެއް ނުވެ އެވެ. ކިޔެވުން ކުރިއަށް ނުދާތީ ދަރިވަރުން ތިބީ ގޮތް ހުސްވެފަ އެވެ. ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ޗެކް ރިޕަބްލިކް ގުޅިގެން ފްލައިން ސްކޫލެއް ހިންގަން ތައްޔާރުވެފައިވާއިރު އަންނަ ޑިސެމްބަރުގައި އަލުން ކޯހުގެ ކިޔެވުން ފެށޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.