Roadha Mihaaru
ފްލައިން ސްކޫލުގެ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީއަށް

ފްލައިން ސްކޫލުގެ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އިންޓަރެސްޓް މާފުކޮށްފި

08 ޖޫން 2021

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ތެރެއިންް، 15 ދަރިވަރަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނު، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ތެރެއިންް، 15 ދަރިވަރަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނު، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ލޯނުތައް މިނިސްޓްރީގެ ދަށަށް މި ބަދަލުކުރަނީ ފްލައިން ސްކޫލާ ބެހޭ ގޮތުން ދަރިވަރުން ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން މިމަަހުގެ 11 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ކަންކަމާ ގުޅިގެންނެވެ. އެ ނިންމެވުންތަކުގެ ތެރޭގައި އެ ސްކޫލުގެ ދަރިވަރުން ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކަށް އިންޓަރެސްޓް އަރަމުންދާތީ، އެ ލޯނުތައް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހިމެނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ބޭންކުން ނެގި ލޯނު މިނިސްޓްރީއަށް ބަދަލުކުރުމުން، ލޯނު ނުދެއްކިގެން ކުރިން އަރާފައިވާ އިންޓަރެސްޓް ދައްކާކަށް ނުޖެހޭނެ އެވެ. އަދި ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު ފްލައިން ސްކޫލުގައި ކިޔަވާ 96 ދަރިވަރެއްގެ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުން ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނެސްފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން ބީއެމްއެލްގެ ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންގެ ލޯނު ވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެންދާތީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެތަނުގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާގެ ހުއްދަ ބާތިލްކޮށްފަ އެވެ. އަދި ފްލައިން ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ އެ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް ބާތިލްކުރާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ދީފައިވެ އެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު، އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރާތާ ގިނަ ދުވަސްތަކެެއް ވެއްޖެ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ވެސް ދަރިވަރުން ހުށަހަޅައިފައިވެ އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ބޮޑެތި ލޯނުތައް ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެކަމަކު ކޯސް ނުނިމި، ތިން ހަތަރު އަހަރު ހޭދަވަމުން ދާތީ އެ ދަރިވަރުންގެ ލޯނުގެ ފައިސާ ހުސްވެ، އިތުރަށް ވެސް ލޯނު ނަގަން ޖެހޭ ކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.