23 އޮކްޓޯބަރ 2020
އައްޑޫގައި ހިންގާ ފްލައިން ސްކޫލާ މެދު ޝަކުވާކޮށް، ޕެޓިޝަނެއްގައި ސޮއި ކުރި އެ ސްކޫލުގެ ހަތަރު ދަރިވަރަކު މިއަދު ސްކޫލުން ވަކިކޮށްފި އެވެ.
އައްޑޫގައި ހިންގާ ފްލައިން ސްކޫލާ މެދު ޝަކުވާކޮށް، ޕެޓިޝަނެއްގައި ސޮއި ކުރި އެ ސްކޫލުގެ ހަތަރު ދަރިވަރަކު މިއަދު ސްކޫލުން ވަކިކޮށްފި އެވެ.
ބޮޑު އަގު ނަގައިގެން ޕައިލެޓުން ތަމްރީނު ކުރާ އެ ސްކޫލުގެ 86 ދަރިވަރުން ސޮއިކޮށް، ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މީގެ ދުވަސްކޮޅެއް ކުރިން ޕެޓިޝަން ހުށަހެޅީ، އެ ތަނުގައި ތަފާތު ކުރުމާއި ބިދޭސީންނަށް އިސްކަން ދިނުމާއި އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގުން ފަދަ ގިނަ ޝަކުވާތަކެއްކޮށެވެ.
ދަރިވަރުންގެ އެ ޕެޓިޝަނާ ގުޅިގެން ހަޔާ އެޑިއުކޭޝަނުން އިއްޔެ ވަނީ ސްކޫލާ މެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން މިހާރު ތިބި ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުވަނީސް، އިތުރު ދަރިވަރުން ނުނެގުމަށާއި އެހެން ގިނަ ކަންތައްތަކެއް ކުރަން އެންގި އެވެ. އަދި އެތަނުގައި ކިޔަވާ ދަރިވަރުންގެ ކޯސް ކުރިއަށް ދާ ގޮތުގެ ތަފްސީލު ދިނުމަށް ވެސް އެދިފައި ވެ އެވެ.
ނޫހުގައި ނަންނުޖެހުމަށް އެދި ވާހަަކަ ދެއްކި ދަރިވަރަކު ބުނީ، މިނިސްޓްރީގެ އެންގުންތަކަށް އިޖާބަދިނުމުގެ ކުރިން، ޕެޓިޝަނުގައި ސޮއި ކުރި ދަރިވަރުން ވަކިކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން މިހާތަނަށް ހަތަރު ކުއްޖަކަށް، ސްކޫލުން ވަކިކުރި ކަމުގެ ސިޓީ ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.
ވަކި ކުރި ސަބަބެއްގެ ގޮތުގައި ސިޓީގައި ވަނީ، 24 މަހުން ފުރިހަމަ ކުރަން ޖެހޭ ކޯހެއް، މުއްދަތު ހަމަވި އިރުވެސް ނުނިންމުމެވެ.
އެކަން ދިފާއުކޮށް ދަރިވަރުން ބުނީ، ހަމައެކަނި ތިއަރީ ކްލާސްތަކަށް ވެސް ދަރިވަރުން އަހަރު ދުވަސް ހޭދަކުރާއިރު، އެހެން އިމްތިހާނުތަކާއި އުދުހުންތައް ބާކީ ދުވަސްތަކުގައި ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.
"މިތަނަށް ވަދެ އަހަރެއް ވާއިރު ވެސް ބައެއް ކުދިންނަށް ފްލައިން ނުފެއްޓި އެބަތިބި. އެހާ ދުވަސްކޮށް، ފްލައިން ފަށާފައި، އެގްޒާމް ނިންމާފައި، ފްލައިންގެ ވަގުތު ހަމަ ކުރާނީ ކިހިނެތް،؟" އެ ދަރިވަރު ބުންޏެވެ.
އޭނާ ބުނީ ސްކޫލާ މެދު އެ ފަދަ ޝަކުވާތައް ކުރި ދަރިވަރުންނާ މެދު މީގެ ކުރިން ވެސް ފިޔަވަޅު އެޅި ކަމަށެވެ. ގިނަ އަދަދެއްގެ ކުދިން ސޮއިކޮށް މި ފަހަރު ޕެޓިޝަން ހުށަހެޅި އިރު ވެސް، ސްކޫލުން ވަކިކޮށް ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން އެނގޭ ކަމަށް ބުންޏެވެ.
"އެކަމަކު އެ ނޫން އިތުރު ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. ކުރިއަށް ދާނެ އެއްވެސް ގޮތެއް ނުފެނުނީމައި އަޅުގަނޑުމެން ޕެޓިޝަން ހުށަހެޅީ ވެސް،" 200އަށް ވުރެ ގިނަ ކުދިން ކިޔަވާ ސްކޫލުގެ ދަރިވަރު ބުންޏެވެ.
"ފަހަރެއްގައި ޕެޓިޝަނުގައި ސޮއި ކުރި ހުރިހާ ކުދިން ވެސް ވަކިކޮށްފާނެ،"
އޭނާ ބުނީ ދަރިވަރުން ވަކިކުރި މައްސަލަ ކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލައި ދޭނެ ކަމަށް އެތަންތަނުން ބުނެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން، ސްކޫލުގެ އިސް ފަރާތެއްގެ ބަހެއް ނުލިބުނެވެ.
ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެެއް ވެއްޖެ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް މިދިޔަ އަހަރު ވެސް ހުށަހެޅި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އަހަރު އެ ސްކޫލު އޮޑިޓްކުރުމަށް ފަހު ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެކަންތައްތައް ރަނގަޅުކުރަން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ވެސް ފްލައިން ސްކޫލުން މަަސައްކަތްކޮށްފައި ނުވާ ކަަމަށް ބަޔާނުގައި ބުނެފައިވެ އެވެ. "... ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ އެކަޑަމީ އޮޑިޓްކުރުމަށް ފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހު ވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށް ވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލުން ފެށިގެން މި އަހަރުގެ އޮކްޓޯބަރާ ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާ އެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމަމެވެ،" ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ބަަޔާނުގައިވެ އެވެ.
އޭއޭއޭގެ ދަރިވަރުންގެ ކިޔެވުން ނިންމަން ސަރުކާރު ލޯނެއް
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!
ފްލައިން ސްކޫލުގެ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީއަށް
އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި އޭޖީގެ ލަފައަކަށް
ހައްލު ނުލިބި، ފްލައިން ސްކޫލް ބޭރުކުރަން ގޮވާލައިފި
ރާއްޖެއަށް އިތުރު ފްލައިން ސްކޫލެއް ބޭނުން: މިނިސްޓަރު
ޕައިލެޓް ޓްރެއިންގެ ލޯނުން ރާއްޖޭން ބޭރުގައި ކިޔެވޭނެ
ޕައިލެޓްކަން ކިޔަވަން ބޭނުންވަނީ ބޭރުގެ ވަޒީފާއަށް ދާން
ޕައިލެޓް ކޯސް ލިބުނު ބައެއް މީހުން ކޯސް ބަދަލުކުރަނީ
ވަޒީފާ ނެތް، ޕައިލެޓުންގެ ޖާގަ ލިމިޓްކޮށްފި