Roadha Mihaaru
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ބޮޑެތި ޝަކުވާތަކެއް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ޝަކުވާތަކެއް ބަލަނީ

24 ފެބުރުއަރީ 2021

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިސް ދެ ބޭފުޅުން ކަމަށްވާ ރަޖިސްޓްރާ އާލިޔާ ހަނީފާއި އެޑްމިނިސްޓްރޭޓާ އެންޑް އެޗްއާރް ޑިރެކްޓަރު އަބްދުލްއަޒީޒް އަހުމަދާ މެދު މުވައްޒަފުން ޝަކުވާކޮށްފައިވާ ކަމަށް ބުނާ ލިޔުމެއްގެ މައްސަލަ ބަލަން އެތަނުން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިސް ދެ ބޭފުޅުން ކަމަށްވާ ރަޖިސްޓްރާ އާލިޔާ ހަނީފާއި އެޑްމިނިސްޓްރޭޓާ އެންޑް އެޗްއާރް ޑިރެކްޓަރު އަބްދުލްއަޒީޒް އަހުމަދާ މެދު މުވައްޒަފުން ޝަކުވާކޮށްފައިވާ ކަމަށް ބުނާ ލިޔުމެއްގެ މައްސަލަ ބަލަން އެތަނުން ފަށައިފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މުވައްޒަފުން ހުށަހެޅި ކަމަށް ބުނެ އެ އޮފީސް ތެރޭގައި ދައުރުވާ އަށް ސޮފްހާގެ ލިޔުމެއް ވަނީ އެ ޓްރައިބިއުނަލްގެ މެމްބަރުންނަށް އީމެއިލުން ފޮނުވައިފަ އެވެ. އެކަމަކު މުވައްޒަފުންގެ ނަމުގައި ފޮނުވި އެ އީމެއިލް އަކީ މުވައްޒަފުން ފޮނުވި ލިޔުމެއްތޯ ބަލަމުން އަންނަ ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. ބައެއް މުވައްޒަފުންނަށް އަންގާފައި ވަނީ އެ ލިޔުމުގައި އެއްވެސް ހިއްސާއެއްވާ ނަމަ، އެކަން އެޑްމިން އަށް އެންގުމަށެވެ. އަދި ބައެއް މުވައްޒަފުން ބުނަނީ އެ ލިޔުމަށް ފަހު އޮފީސްތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

އާލިޔާ އާއި އަޒީޒާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ވަނީ އެ ލިޔުމުގައި ކޮށްފަ އެވެ. އޭގެތެރޭގައި މި މަހުގެ 15 ވަނަ ދުވަހު އެ އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ވެސް އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި މުވައްޒަފުން އޮފީހަށް ނެރެ މަސައްކަތް ކުރުވާފައިވާ ކަމުގެ ތުހުމަތު ވެސް ހިމެނެ އެވެ.

އެ މުވައްޒަފު ކޮވިޑަށް ޕޮޒިޓިވްވުމުން ހަމަ އެ ދުވަހު އެހެން މުވައްޒަފުން ވެސް ކޮވިޑަށް ޓެސްޓް ކުރި އެވެ. އަދި ނެގެޓިވްވި މުވައްޒަފުން އޭގެ އަނެއް ދުވަހު މަސައްކަތަށް ނެރުނެވެ. އޭގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވި އެ އޮފީހުގެ އެޑްމިން މުވައްޒަފުންނާއި ލީގަލް މުވައްޒަފުން ވެސް ހިމެނެ އެވެ. އެކަމަކު ފަހުން، އެ މީހުން ވެސް ވަނީ ކަރަންޓީނަށް ފޮނުވައިފަ އެވެ. އެހެންވެ، އެ އޮފީހުގައި މި ވަގުތު މަސައްކަތް ކުރަނީ މުވައްޒަފުންގެ ދެބައިކުޅަ އެއްބައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި މަސައްކަތް ކުރަނީ ވިއްސަކަށް މުވައްޒަފުންނެވެ. އެއީ ލީގަލް އަދި އެޑްމިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެތާނގައި އެންމެ އިސްކޮށް ތިއްބަވަނީ ރަޖިސްޓްރާ އާލިޔާ އާއި ޑިރެކްޓަރު އަބްދުލްއަޒީޒެވެ.

އެ ސިޓީގައި ހުރި ވާހަކަތައް އާލިޔާ އާއި އަޒީޒް ވެސް ދޮގުކުރެއްވި އެވެ. އަދި އެ ލިޔުމަކީ އެތަނުގެ މުވައްޒަފުންގެ ލިޔުމެއް ނޫން ކަމަށް މުވައްޒަފުން ވެސް އަންގާފައިވާ ކަމަށް އަޒީޒް ވިދާޅުވި އެވެ. އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި އެ އޮފީހުގެ ބައެއް މުވައްޒަފުން އެކަން ދޮގުކުރެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި އެ އޮފީހުގެ މުވައްޒަފަކު ބުނީ، އެއީ ސައްހަ ލިޔުމެއް ކަމަށާއި އޮފީސް ހިންގުމުގައި އާލިޔާ އާއި އަޒީޒް ގެންގުޅުއްވަނީ އަމިއްލަ ގޮތްތަކެއް ކަމަށެވެ. އެޗްޕީއޭ އިން ޑައިރެކްޓް ކޮންޓެކްޓްވި މުވައްޒަފުންނަށް ކަރަންޓީން ނޯޓިސް ދިނުމާ ހަމައަށް އެ އެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތަށް ނެރުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، މި ހާލަތުގައި ޑައިރެކްޓް ކޮންޓެކްޓްވި ބައެއް މުވައްޒަފުން އެކަހެރިވާން އެދުނު ނަމަވެސް އެއީ މުހިއްމު ކަމެއް ނޫން ކަމަށް އޮފީހުގެ އިސް ބޭފުޅުން ވިސްނައިދީފައިވާ ކަމަށެވެ.

އެހެން ޝަކުވާތަކުގައި އާލިޔާ އާއި އަޒީޒް ވަޒީފާގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެ އޮފީހުގެ ޓްރައިބިއުނަލް އޮފިސަރެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރު ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން 37،000ރ.ގެ މުސާރައާ އެކު، ކައުންސެލާ ޖެނެރަލްގެ މަގާމާއި، ޗީފް އެޑްމިނިސްޓްރޭޓާ ނަމުގައި ދެ މަގާމު އުފެއްދީ ވެސް އާލިޔާ އާއި އަޒީޒަށް ޓާގެޓްކޮށްގެން ކަމަށް ލިޔުމުގައި ބުނެފައި ވެ އެވެ. އެ ދެ މަގާމަށް އިންޓާނަލްކޮށް ހުޅުވައިލި އިރު އެ ދެ މަގާމަށް ޝަރުތު ހަމަވާ އެ އޮފީހުގައި ތިބީ ވެސް އެ ދެ ބޭފުޅުން އެކަންޏެވެ.