Roadha Mihaaru
ޗެމްޕިއަންސް ލީގުގައި ރެއާލް ތަފާތުވާނެ: ގަސްޕެރީނީ

ޗެމްޕިއަންސް ލީގުގައި ރެއާލް ތަފާތުވާނެ: ގަސްޕެރީނީ

24 ފެބުރުއަރީ 2021

މިލާން (ފެބްރުއަރީ 24) - ރެއާލް މެޑްރިޑްގެ ފޯމު އަބަދުވެސް ޗެމްޕިއަންސް ލީގުގައި ތަފާތުވާނެ ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ އެޓަލަންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ބުނެފި އެވެ.

މިލާން (ފެބްރުއަރީ 24) - ރެއާލް މެޑްރިޑްގެ ފޯމު އަބަދުވެސް ޗެމްޕިއަންސް ލީގުގައި ތަފާތުވާނެ ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ އެޓަލަންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެޓަލަންޓާ މިރޭ އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭނެ އެވެ. މިދިޔަ އަހަރު އަލަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރަށް ކޮލިފައިވި އެޓަލަންޓާ އަށް މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ރެއާލާ ކުޅެން ޖެހިފައިވާއިރު، ގަސްޕެރީނީ ދެކެނީ މިއީ މިހާތަނަށް މި މުބާރާތުގެ ނޮކައުޓް ބުރުގައި އެޓަލަންޓާގެ ތާރީހުގައި ކުޅޭނެ އެންމެ ބޮޑު މެޗުގެ ގޮތުގަ އެވެ.

"ރެއާލް އަބަދުވެސް ޗެމްޕިއަންސް ލީގުގައި ތަފާތު ދައްކާނެ. އެ ޓީމު ޗެމްޕިއަންސް ލީގަށް ނުކުންނައިރު އޮންނަނީ ވެސް ތަފާތު ރޫހެއްގައި. ލީގުގައި (ސްޕެނިޝް ލީގުގައި) ކޮންމެ ފޯމެއްގައި ރެއާލް އޮތް ކަމުގައި ވިޔަސް ޗެމްޕިއަންސް ލީގަށް އެ ޓީމު ނުކުންނަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން. އެކަން ރެއާލްގެ ނަތީޖާތަކުން ވެސް އެނގޭ،" 13 ފަހަރު ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފައިވާ ރެއާލާ ބެހޭގޮތުން ގަސްޕެރީނީ ބުންޏެވެ.

"މި ސީޒަނަށް ބަަލައިފިނަމަ އިންޓަ މިލާން ދަނޑުގައި ރެއާލް ހޯދި މޮޅުން ވެސް އެކަން ސާފުވާނެ،"

އެޓަަލަންޓާއާ ދެކޮޅަށް ނުކުންނައިރު ރެެއާލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާގެ މައްސަަލަތަކެވެ. އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭ ރެއާލްގެ ކުޅުންތެރިންގެ ތެރޭގައި ކަރިމް ބެންޒެމާ، އެޑެން ހަޒާޑް، ސާޖިއޯ ރާމޯސް، ޑެނީ ކާވަހާލް، މާސެލޯ އަދި އެޑާ މިލިޓާއޯ ހިމެނެ އެވެ.

"އަހަރެން އެ އިންޖަރީގެ ލިސްޓެއް ނުބަލަން. އެ ހުރިހާ އަނިޔާއެއްގެ މައްސަލަ ދިމާވެފައި ވަނިކޮށް ރެއާލް ލީގު (ސްޕެނިޝް ލީގު) ގެ ދެ ވަނަ އަށް އެރީ ވެސް. ރެއާލަކީ ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ދަންނަ ކްލަބެއް،" ގެސްޕަރީނީ ބުންޏެވެ.

ގެސްޕަރީނީ ބުނީ ޒިދާނާ ދެކޮޅަށް އޭނާ ނުކުންނަން ބޭނުމީ ކުޅުންތެރިއަކަށް ވުރެން ބޮޑަށް ކޯޗެއްގެ ގޮތުގައި ކަމަށެވެ. އެއީ ދަނޑުމަތީގައި ޒިދާންގެ ހުނަރާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތުމުން ކަމަށް ގެސްޕަރީނީ ބުންޏެވެ.

ޒިދާން ބުނީ އެޓަލަންޓާއާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތު ލިބިފައި ނެތް ކަމުގައި ވިޔަސް ރެއާލުން މި މެޗަށް ނުކުންނާނީ ކޮންމެ ހާލަތެއްގައި ވެސް ނަތީޖާއެއް ނެރުމުގެ ވިސްނުމުގައި ކަމަށެވެ. ޗެމްޕިއަންސް ލީގަށް މުޅިން އަލަށް ނުކުމެ މިދިޔަ އަހަރު އެޓަލަންޓާ އިން ވަނީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައި ކަމަށާއި ރެއާލުން އެކަމާ ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް ޒިދާން ބުންޏެވެ.

އެޓަލަންޓާ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ދެން ކުޅޭ އަނެއް މެޗުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.