Roadha Mihaaru
ފަހު ވަގުތު ކާޑިޒް އިން ބާސެލޯނާ ހުއްޓުވައިފި

ފަހު ވަގުތު ކާޑިޒް އިން ބާސެލޯނާ ހުއްޓުވައިފި

21 ފެބުރުއަރީ 2021

ބާސެލޯނާ (ފެބްރުއަރީ 21) - ސްޕެނިޝް ލީގުގައި މިރޭ ފަހު ވަގުތު ގޯލު ޖަހައި ކާޑިޒް އިން ބާސެލޯނާއާ 1-1 އިން އެއްވަރުކޮށްފި އެވެ.

ބާސެލޯނާ (ފެބްރުއަރީ 21) - ސްޕެނިޝް ލީގުގައި މިރޭ ފަހު ވަގުތު ގޯލު ޖަހައި ކާޑިޒް އިން ބާސެލޯނާއާ 1-1 އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އިން ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ ހަތް މެޗަށް ފަހު ނިމުން އައިސްފަ އެވެ. ބާސެލޯނާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 23 މެޗުން 47 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ސެވިއްޔާ އިން އޮސަސޫނާ ބަލިކޮށްފިނަމަ ބާސެލޯނާ ހަތަރު ވަނަ އަށް ވެއްޓޭނެ އެވެ.

ލީގުގެ އެއް ވަަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ އިން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގައި ލިއޮނަލް މެސީ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ކާޑިޒްގެ ކުޅުންތެރިން ބާސެލޯނާގެ ޕެޑްރީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ގޯލަކީ މި ފަހަރު ލީގުގައި މެސީ ޖެހި 16 ވަނަ ގޯލެވެ. ލީގުގެ ލަނޑު ލިސްޓު ކުރީގައި އޮތީ މެސީ އާއި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް އެވެ. ދެ ކުޅުންތެރިން ވެސް ވަނީ މިހާތަނަށް 16 ގޯލު ޖަހައިފަ އެވެ.

މި މެޗު މެސީ އަށް ހާއްސަވާ އަނެއް ސަބަބަކީ ލީގުގައި ބާސެލޯނާ އަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ގާއިމްކުރެވުމެވެ. މިއީ މެސީ ލީގުގައި ބާސެލޯނާ އަށް ކުޅެދިން 506 ވަނަ މެޗެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 505 މެޗު ކުޅުނު ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އަތުގަ އެވެ.

ބާސެލޯނާ އަށް ޕެޑްރީ އާއި ފްރެންކީ ޑި ޔޯން ޖެހި ދެ ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ކާޑިޒް އަށް އެއްވަަރުކޮށްދިން ލަނޑު މެޗުގެ ފަހު މިނިޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ އަލެކްސް ފެނާންޑޭޒް އެވެ. މިއީ އޭރިއާތެރެއިން ބާސެލޯނާގެ ކްލެމެންޓް ލޯންގްލޭ ކާޑިޒްގެ ރުބެން ސޮބްރީނޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ކާޑިޒް އިން ވަނީ މި ސީޒަނުގައި އެ ޓީމު ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިކޮށްފަ އެވެ.