Roadha Mihaaru
ކިލޯއެއް ހުންނަ ތަރުކާރީއެއް 29 ކިލޯއަށް ބޮޑުވެއްޖެ

މި ތަރުކާރީގެ އެވްރެޖް ބަރުދަނަކީ ކިލޯއެއް، އެކަމަކު މީގައި 29 ކިލޯ

22 ފެބުރުއަރީ 2021

ތަރުކާރީގެ ބާވަތެއް ކަމަށްވާ ޓާނިޕަކީ އާންމު ގޮތެއްގައި ކިލޯއެއްގެ ބަރުދަން ހުންނަ އެއްޗެކެވެ. އެކަމަކު ކެނެޑާ މީހެއް ކަމަށްވާ ޑެމިއެން އެލާޑާ ހެއްދި ތިން ޓާނިޕްގެ ބަރުދަނުގައި 22-29 ކިލޯ ހުއްޓެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަރުކާރީގެ ބާވަތެއް ކަމަށްވާ ޓާނިޕަކީ އާންމު ގޮތެއްގައި ކިލޯއެއްގެ ބަރުދަން ހުންނަ އެއްޗެކެވެ. އެކަމަކު ކެނެޑާ މީހެއް ކަމަށްވާ ޑެމިއެން އެލާޑާ ހެއްދި ތިން ޓާނިޕްގެ ބަރުދަނުގައި 22-29 ކިލޯ ހުއްޓެވެ.

އޭނާ އަށް ރެކޯޑް ލިބުނު ތިން ޓާނިޕްގައި، އެކަތީގައި 29 ކިލޯ، ދެ ވަނަ އެތީގައި 24.4 ކިލޯ އަދި ތިން ވަނަ އެތީގައި 22.9 ކިލޯ ހުއްޓެވެ.

ކުރިން އެންމެ ބޮޑު ޓާނިޕްގެ ރެކޯޑަކީ 17.7 ކިލޯ އެވެ. އެ ރެކޯޑް ލިބުނީ 2016 ގަ އެވެ.

ޑެމިއަން ކިޔައިދިން ގޮތުގައި އޭނާ އަކީ އަބަދުވެސް ދަނޑުވެރިކަށް ލޯބިކުރާ މީހެކެވެ. އެގޮތުން 2016 ގައި އޭނާ ހެއްދި ޓާނިޕެއްގެ ބަރުދަން ބެލި އިރު އޭގައި 7 ކިލޯ ހުއްޓެވެ. އެހެންވެ އޭނާ ގަބޫލުކުރީ އެއަށް ވުރެ ބޮޑު އެއްޗެހި ހައްދަން މަސައްކަތްކޮށްފި އެކަން ވެދާނެ ކަމަށެވެ. އެހެންވެ، ތިން އަހަރުގެ ތެރޭގައި އެެންމެ ބޮޑު ތިން ޓާނިޕް ހެއްދި މީހާގެ ރެކޯޑް ހަދަން ހިތުލައިގެން ފެށި މަސައްކަތުން 2019 ގައި ހެއްދުނު އެންމެ ބޮޑު އެތީގެ ސައިޒަކީ 15.5 ކިލޯ އެވެ.

"އެ ސައިޒްގެ އެއްޗެއް ހެއްދުނީމަ އެނގިއްޖެ އަދި ހިތްވަރެއްލައިފި ނަމަ އެއަށް ވުރެ ބޮޑު އެއްޗެއް ވެސް ހެއްދެދިނާކެނަން. އެހެންވެ ކުރިން ރެކޯޑް ހެދި ޓާނިޕްގެ މައުލޫމާތު ހޯދާފައި މިދިޔަ އަހަރު މަސައްކަތް ފެށީ ރެކޯޑް މި ފަހަރު ކޮންމެހެން ވެސް މުގުރާލަން،" ޑެމިއަން ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ރެކޯޑަކަށްވި ތިން ޓާނިޕް ހެއްދުނީ މުޑުވަށް ވަރަށް ރަނގަޅު އޮށް ހޯދައިގެން އެކަމަށް ވަރަށް ބޮޑު ހުސްވެގެން ކުރެވުނު މަސައްކަތުންނެވެ. ޑެމިއަން ބުނިގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރު ވަޑާމުގެ މަސައްކަތް މުޅިން އެއްފަރާތްކޮށްފައި ހުރިހާ ވަގުތެއް ދިނީ އޭނާގެ ގޯތިތެރޭގައި ޓާނިޕް ހައްދާށެވެ.

"އަހަންނަށް އެނގޭ މި މަސައްކަތް ކުރެވުނު ގޮތުން މި ފަހަރު ރެކޯޑް މުގުރާލެވޭނެކަން. އެކަމަކު އުންމީދެއްނުކުރަން ރެކޯޑް ހަދާފައި އޮތް ޓާނިޕަށް ވުރެ ދިހަ ކިލޯ ބަރު ވާނެ އެއްޗެއް ހެއްދޭނެ ކަމަކަށް. ޑެމިއަން ބުންޏެވެ. "ކޮންމެއަކަސް މަސައްކަތް މިއޮތީ ކާމިޔާބުވެފައި. ވަރަށް އުފަލުން މި ހުރީ."

މީގެ ކުރިން ވެސް ބައެއް މީހުން ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް ބޮޑެތި ސައިޒްތަކަށް ހައްދައިފެން ރެކޯޑް ހަދާފައިވެ އެވެ. އެގޮތުން މިހާތަނަށް ހެއްދި އެންމެ ބޮޑު ކެރަޓަކީ 10.17 ކިލޯގެ އެއްޗެކެވެ. އެންމެ ބޮޑު އެވަކާޑޯ އަކީ 2.55 ކިލޯގެ އެއްޗެކެވެ. އަދި އެންމެ ބޮޑު ފިޔަ އަކީ 8.5 ކިލޯގެ އެއްޗެކެވެ.