Roadha Mihaaru
ހުސް ގޯތިތަކުގައި ގެ އަޅައިދިނުމުގެ ވައުދު ކޮބާ؟

ހުސް ގޯތިތަކުގައި ގެ އަޅައިދިނުމުގެ ވައުދަށް މި ވީ ކިހިނެއް؟

21 ފެބުރުއަރީ 2021

މުޅި ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުނީ ތިން ގޮތަކުން އެކަމަށް ހައްލެއް ހޯދައިދޭނެ ކަމުގެ ވައުދާ އެކީގަ އެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ވަނީ ހިމަނައިފަ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މުޅި ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުނީ ތިން ގޮތަކުން އެކަމަށް ހައްލެއް ހޯދައިދޭނެ ކަމުގެ ވައުދާ އެކީގަ އެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ވަނީ ހިމަނައިފަ އެވެ.

އެސްއޭޕީގައި ބުނެފައިވާ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތް ފުރަތަމަަ ގޮތަކީ އެއްމެދު އިމާރާތްތަކެއް ހަދައި ހައުސިން ޔުނިޓްތައް ދޫކުރުމެވެ. އެއީ ސީދާ ސަރުކާރުން ހަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ހިންގާނެ މަޝްރޫއުތަކެކެވެ. އެ ގޮތުން އަޅާ ފްލެޓްތައް ދޫކުރާނީ ދިގު މުއްދަތެއްގައި ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށެވެ. އެތަންތަން ލިބޭ މީހުން ޑައުންޕޭމަންޓްގެ ގޮތުގައި ވަކިވަރެއް ދައްކަން ޖެހޭނެ އެވެ.

ދެވަަނަ ގޮތަކީ ރަށްރަށުގައި މީހުންނަށްް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެ ނޭޅި ހުރި ހުސް ގޯތިތަކުގައި ސަރުކާރުން ގެ އަޅައިދިނުމެވެ. އެއީ ވެސް ދިގު މުއްދަތެއްގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ހިންގަން ރޭވި ޕްރޮގްރާމެކެވެ. އެ މަޝްރޫއުގެ ގިނަ ތަފްސީލުތަކެއް ކުރިން ހާމަކޮށްފައި ވާއިރު، އެ މައުލޫމާތުން އެނގޭ ގޮތުގައި އެ ގެތަކަށް ވަންނަ މީހުން ޑައުންޕޭމަންޓެއް ވެސް ދައްކާކަށް ނުޖެހޭނެ އެވެ. ފައިސާ ދައްކައި ޚަލާސްކުރަން 20 އަހަރު ލިބެ އެވެ.

ހުސް ގޯތިތަކުގައި ގެއަޅަން ބޭނުންވާ މީހުން ހޯދަން ސަރުކާރުން 2019ގައި އިއުލާނު ކުރުމުން ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ގިނަ އަދަދެއްގެ މީހުން ފޯމް ފުރި އެވެ. ފޯމް ފުރަން ފުރަތަމަ ދިން މުހުލަތުގައި ފޯމް ނުފުރުނު މީހުންގެ ޝަކުވާއާ ހެދި މުހުލަތު އިތުރު ވެސް ކޮށްދިނެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އަމާޒުކުރެއްވި އެއް ސުވާލު ބިނާކުރެއްވީ އެ ފޯމްތަކާ ބެހޭ ގޮތުންނެވެ.

އޭނާ އެއްސެވީ ގިނަ ބަޔަކު ފޯމު ލާފައިވާއިރު އެ މަސައްކަތާ ގުޅޭ މައުލޫމާތެއް ނުލިބި ލަސްވަނީ ކީއްވެތޯ އެވެ. އެގޮތަށް އެންމެ ފަހުން އެއްސެވީ އެ މައްސަލައާ ގުޅޭ އެހެން ސުވާލުތަކަށް އަސްލަމްގެ ސާފު ޖަވާބެއް ލިބިވަޑައިނުގަތުމުންނެވެ.

އެކަމަކު ދެން ވެސް ސާފު، ސީދާ ޖަވާބެއް ނުދެއްވައި މިނިސްޓަރު ތަފްސީލު ކޮށްދެއްވީ ރަށްރަށުގައި އެހެންް ހުރި ގެތައް އެޅިދާނެ ގޮތްތަކެއްގެ ވާހަކަ އެވެ. އެގޮތުން ރަށްރަށުން 99 އަހަރަށް ބިންތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ "ސީޑް މަނީ"ގެ ގޮތުގައި ބޭނުންކޮށްގެން، ކައުންސިލްތަކާއި ބޭންކްތަކާއި ގޯތިތަކުގެ ވެރިން އެއްބަސްވާ އެއްބަސްވުމެއްގެ ދަށުން ގެތައް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެގޮތަށް ގެ އަޅަން ޝައުގުވެރިވެ، ރަނގަޅު ހުށަހެޅުމެއް ނާންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ގެ އަޅަން ބޭނުންވެގެން ފޯމު ލީ ގާތްގަނޑަކަށް 6،000 މީހުން ލައްވާ ފުރުވި ފޯމްްތަކަށް ވީ ގޮތް އެ ޖަވާބުން ސާފެއް ނުވެ އެވެ.

"އެ ރަށްރަށުގައި އޭރު ފޯމްތައް ލީ ފަރާތްތަކުގެ ފޯމާ ގުޅިގެން ދެން އިތުރު އެއްވެސް ކަމެއް ކުރިއަށް ނުދާނެތޯއޭ، ދާނެތޯއޭ؟" އަސްލަމް ދެއްވި ޖަވާބުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ، ވަރަށް ސީދާކޮށް، ސުވާލުކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ ފޯމް ފުރުވުމުގެ "އެކްސައިސައިޒް"ގައި އޮޅުންތަކެއް އަރާފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އެ އެކްސަސައިޒްގައި ކުރި ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، "ހައުސިން ނީޑް" އޮތް ވަރެއް ބެލުމެވެ. އެއީ އެއްވެސް ހާލެއްގައި ގެއެއް އަޅައިދިނުމުގެ ޔަގީންކަން ސަރުކާރުން ދިނުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެވާޖ

"އެގޮތަށް އޭރު ބުނެފައި އޮތް ކަމުގައި ވިޔަސް އެކަމެއް ނުހިންގޭނެ. ޕްރެކްޓިކަލީ އިމްޕޮސިބުލް އިނގޭތޯ. ނުހިންގޭނެ ކޮންމެ ރަށެއްގައި. ހަހާސް ގެ އަޅަން އެމީހުންގެ ގެދޮރުގައި، ހަ ހާސް ގެއަށް އެބަ އޮތް ރިކްއެސްޓް އަައިސްފައި،" ކަންބޮޑުވުމާއި ހާސްކަމުގެ ރާގެއްގައި އަސްލަމް ވިދާޅުވި އެވެ.

އެގޮތަށް ޖަވާބު ދެއްވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ މެމްބަރުންގެ އަރިހުގައި މިނިސްޓަރުން އެ ވާހަކަ ދައްކަވާފައި އޮތީ ވަރަށް ބޮޑުކޮށްލައްވައިގެން ކަމަށެވެ. އަަދި އެގޮތަށް އެ ވާހަކަ އެތައް ތަނެއްގައި ދައްކަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިއްޒަތްތެރި ވަޒީރު، އިއްޒަތްތެރި ބައެއް މެމްބަރުންނަށް އަޅުގަނޑަށް ހީވަނީ ދިމާވެގެން އުޅޭ މައްސަލައަކީ އެ އިއްޒަތްތެރި ބައެއް މެމްބަރުން އަރިހުގައި ބައެއް ވަޒީރު ބޭފުޅުން އޮތީ ވަރަށް ބޮޑުކޮށް މިވާހަކަ އެއްކުރައްވައިގެން ޖޯލީގަޔާއި އުނދޯލިގޭގަޔާ، [ދައްކަވާފައި]. ދެން އެބޭފުޅުން ގަބޫލުުކުރައްވައިގެން ތިއްބެވީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އެ ވިދާޅުވީ ހަގީގަތުގައި ވެސް ދިމާވެގެން އުޅޭ މައްސަލަ އެވެ. ހުސްކޮށް ހުރި ގޯތިތަކުގައި ގެއަޅަން ބޭނުންވާ މީހުން ލައްވާ ފޯމް ފުރުވި އިރު ސަރުކާރުން ބުނީ އެއީ ކޮށްދޭނެ ކަމެއް ކަމަށެވެ. އެއީ ހައުސިން ނީޑް އޮތް ވަރު ބަލަން ކުރާ ސާވޭއެއް ކަމަކަށް ނުބުނެ އެވެ. ރާއްޖޭގައި ހައުސިން ނީޑް އޮތް ވަރު އެންމެ ރަނގަޅަށް އެނގޭނެ އެއް ޕާޓީއަކީ އެމްޑީޕީ އެވެ.

ރަށްރަށުގައި ގެއެއް އަޅަން ހޭދަވާ މުއްދަތާއި އެކަން ވާ ގޮތް، ކެމްޕޭން ޖަލްސާތަކުގައި ނަޝީދު ތަކުރާރުކޮށް ދައްކަވާފައިވެ އެވެ. ގެއެއް އެޅުމުގެ މަރުހަލާތައް ނިމޭއިރު އާއިލާ ވެސް އޮންނަނީ ގިނަ ފަހަރު ރޫޅިފައި ކަމަށް ވިދާޅުވެ އެ މަނިކުފާނު ތަކުރާރުކޮށް ދައްކަވާ އެ ވާހަކަފުޅު މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ވެސް ދެއްކެވި އެވެ.

އަސްލަމްގެ ޖަވާބުން ދޭހަވި ގޮތުގައި ރަށްރަށުގެ ހުސް ގޯތިތަކުގައި ގެ އެޅޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ހުސް ބިންތައް ވިއްކާލަން ކައުންސިލްތައް އެއްބަސްވުމެވެ. އެކަމަކު އެއީ ހައްލެއް ނޫނެވެ. އަދި އެއީ ސަރުކާރުން ވައުދު ވީ ގޮތެއް ވެސް ނޫނެވެ.