Roadha Mihaaru
ކަރަން ޕަޓޭލް ވެސް ވެބް ސީރީޒަކަށް

ކަރަން ޕަޓޭލް ވެސް ވެބް ސީރީޒަކަށް

20 ފެބުރުއަރީ 2021

ވެބް ސީރީޒްތައް ކުޅޭ އިންޑިއާގެ ތަރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން ޕަޓޭލް ވެސް ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވެބް ސީރީޒްތައް ކުޅޭ އިންޑިއާގެ ތަރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން ޕަޓޭލް ވެސް ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މިދިޔަ އަހަރު ސްޓާ ޕްލަސް އިން ނިންމައިލި ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަނުގައި ބަޖާޖްގެ ރޯލު ފަހުން ކުޅުނު އެކްޓަރުގެ އަލަތު ވެބް ސީރީޒަކި އެމްއެކްސް ޕްލެޔާ އިން މިދިޔަ އަހަރު ގެނެސްދިން "ރަކްތަންޗަލް" ގެ ދެ ވަނަ ސީޒަނެވެ.

ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން އެ ސީރީޒަކީ ރިތާމް ސްރިވަސްތާވް ގެނެސްދިން ނުވަ އެޕިސޯޑްގެ އެއްޗެކެވެ. މީގެ ދެވަނަ ސީޒަން "ރަކްތަންޗަލް 2" ގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު ކަރަން ފެންނާނީ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ކަމަށާއި ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން އޭނާ މިހާރު ހަށިގަނޑު ވެސް ވަރުގަދަކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ރަކްތަންޗަލް" އަކީ 1980 ގެ އަހަރުތަކުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ގެނެސްދިން އެއްޗެކެވެ. ފުރަތަމަ ސީޒަނުގެ މައިގަނޑު ކާސްޓުންނަކީ ނިތިކިން ދީރް އާއި ކްރަންތީ ޕްރަކާޝް ޖާގެ އިތުރުން ޗިތަންރަންޖަން ތުރިޕަތީ އެވެ.

"ރަކްތަންޗަލް" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އިރު މީގެ ދެވަނަ ސީޒަނުން ކަރަން ފެނުންވެގެން ދާނީ ބެލުންތެރިންގެ މަގުބޫލުކަން އިތުރަށް ބޮޑުވާނެ ކަމެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

މިދިޔަ މަހު އަންހެނުންނާއި ދަރިފުޅާ އެކު ދިވެހިރާއްޖޭގެ ކްރޮސްރޯޑްސްގައި ޗުއްޓީ ވެސް ހޭދަކުރި ކަރަން، 37، ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ މޮހައްބަތޭން" އާއި "ތޭރީ މޭރީ ލަވް ސްޓޯރީޒް" އަދި "ކަރަމް އަޕްނާ އަޕްނާ" ފަދަ ސިލްސިލާތައް ހިމެނެ އެވެ.

"ކަސޯޓީ" ގެ ދެވަނަ ސީޒަނުން ކަރަން އަށް ފުރުސަތު ލިބުނީ ކުރިން އޭގައި ބަޖާޖްގެ ރޯލު ކުޅުނު ކަރަން ސިންގް ގްރޯވާ އެ ރޯލު ދޫކޮށްލުމުންނެވެ. ނަމަވެސް ކަރަން އެ ރޯލް ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުނަވީސް ސިލްސިލާ އަށް ޖެހުނީ ނިމުން ގެންނާށެވެ.

ކަރަން އަކީ ބައެއް ފީޗާ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ޝޫޓްއައުޓް ވަޑާލާ" އަދި "ސިޓީ އޮފް ގޯލްޑް" ހިމެނެ އެވެ.