Roadha Mihaaru
ޓީވީ ބަތަލު އަލީ އަށް ބޯނީގެ ވެބް ސީރީޒެއް

ޓީވީ ބަތަލު އަލީ އަށް ބޯނީގެ ވެބް ސީރީޒެއް

20 ސެޕްޓެމްބަރ 2020

އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން އެކްޓަރު އަލީ ގޯނީ، ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން އެކްޓަރު އަލީ ގޯނީ، ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

ދާފި ފަހުން ކަލާޒް އިން ނިންމައިލި ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ: މޭޑް އިން އިންޑިއާ" ގައި ވެސް ވާދަކުރި 29 އަހަރުގެ އެކްޓަރު ސޮއިކުރި ވެބް ސީރީޒަކީ "ޒިދު" އެވެ. އެއާ ބެހޭ ގޮތުން އަލީ ބުނީ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ ބޯނީ ޕްރޮޑިއުސްކުރާ އުފެއްދުމަކުން ފުރުސަތު ލިބުމަކީ ކެރިއަރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިއީ މިހާތަނަށް އެކްޓަރެއްގެ ގޮތުގައި އަހަންނަށް ލިބުނު އެންމެ ބޮޑު ފުރުސަތަށް ވާނެ. އެންމެ ބޮޑަށް އުފާވަނީ ޒިދު އަކީ ބޯނީގެ އުފެއްދުމަކަށްވާތީ،" "ނާގިން 3" އާއި "ޔޭ ހޭ މޮހައްބަތޭން" ފަދަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު ބުންޏެވެ.

ކަޝްމީރުގެ މުސްލިމު އާއިލާއަކަށް އުފަން އަލީ ބުނީ "ޒިދު" ގައި އޭނާ އަށް މަސައްކަތްކުރަން ލިބުނީ ބޮލީވުޑްގެ އެކްޓަރު އަމިތު ސާދާ އެކުގައި ކަމަށްވުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަމިތަކީ އަހަރެން ވަރަށް ގަޔާވާ އެކްޓަރެއް. އަދި ކުރިން އަމިތު ކުޅެފައިވާ ބައެއް ވެބް ސީރީޒްތަކެއް ފެނިފައި ހުރީމަ އޭނަގެ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" އަލީ ބުންޏެވެ.

"ޒިދު" އަކީ ވިޝާލް މަންގާލޯރްކަރް ޑައިރެކްޓްކުރާ އެއްޗެކެވެ. މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު ވާހަކައިގެ މައިގަނޑު ޕްލޮޓް އެނބުރޭނީ އިންޑިއާގެ ވަތަނީ ރޫހު ދައްކުވައިދޭ އަސްކަރިއްޔާގެ ވާހަކައެއްގެ ވަށައިގެންނެވެ.

އަލީ ބުނީ އޭނާ މިހާރު އަންނަނީ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން ލުއިކޮށް މާޝަލް އާޓްސް ޓްރޭނިންތަކެއް ވެސް ހަދަމުން ކަމަށެވެ. "ޒިދު" ގައި އަލީ ފެނިގެންދާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ.

"އުންމީދުކުރަން ބެލުންތެރިންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ޒިދު ވާނެ. އަހަރެންގެ އެންމެ ބޮޑު ފޯކަސް އަކީ ކެރެކްޓާ ބިލްޑްކޮށް، މޮޅު އެކްޓިންއެއް ދެއްކުން،" އަލީ ބުންޏެވެ. "ހަމަ ގައިމު ވެސް އަސްކަރީ އޮފިސަރެއްގެ ފާޑުވެރިކަން ގެންނާނަން ހަށިގަނޑަށް ގެންނަ ބަދަލުން. އަދި މިއީ ވަރަށް ޗެލެންޖިން ރޯލަކަށް ވާނެ."

"ޒިދު" ގެނެސްދޭނެ ޕްލެޓްފޯމަކާއި ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ވެބް ސީރީޒަށް އަލީ އެއްބަސްވީ އަންނަ މަހުގެ 3 ގައި ކަލާޒް އިން ދައްކަން ފަށާ "ބިގް ބޮސް" ސީޒަން 14 އިން ލިބުނު ފުރުސަތު ވެސް ދޫކޮށްލައިފަ އެވެ.