Roadha Mihaaru
އުރީދޫ އޭޖީއެމް އަންނަ މަހުގެ ދެ ވަނަ ދުވަހު

އުރީދޫ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހު

16 ފެބުރުއަރީ 2021

އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ "ފަހި ވޯޓު" ޕޯޓަލް މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފޯމު މި މަހުގެ 28ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ.

ރަޖިސްޓްރީ ކުރުމަށް އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް infinity.mv ނުވަތަ investor.relations@ooredoo.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. ރަޖިސްޓްރޭޝަނާ ގުޅޭ ހުރިހާ ފޯމެއް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ އިއްޔެގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޖަލްސާގައި މިދިޔަ އަހަަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34ރ. ބެހުމަށް އުރީދޫގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މި އަދަދު ފާސް ކުރާނީ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.

އުރީދޫން ނެރުނު އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 181.2 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.