Roadha Mihaaru
އައްޑޫގައި ކޮވިޑްގެ ސީރިއަސް ކޭސްއެއް އަދި ނެތް

އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި އެންމެން ތިބީ ގޭގައި، ސީރިއަސް ކޭސްއެއް ނެތް: މޭޔަރު

08 ފެބުރުއަރީ 2021

އައްޑޫން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ އެއްވެސް މީހަކު އަދި ނެތް ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ އެއްވެސް މީހަކު އަދި ނެތް ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ބަޔަކަށް ކޮވިޑް ޖެހުމުން ސިޓީ އެއްކޮށް ވަނީ މޮނިޓަރިންގަ އެވެ. މިހާތަނަށް 48 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އަންނަނީ މި މީހުންގެ ކޮންޓްރެކްޓް ޓްރޭސިން ހަދަމުންނެވެ.

ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމީދީ ކްލަސްޓާ އިން ޕޮޒިޓިވްވި 25 ބިދޭސީންނާއި އައްޑޫގެ ގުޅިފައިވާ އަވަށްތަކުން އޭވިއޭޝަން ކޮމާންޑާ ގުޅުން އޮވެގެން ޕޮޒިޓިވްވި 18 ދިވެހިންނެވެ. އޭގެ ތެރޭގައި އައްޑޫގައި މަތީ ސާނަވީ އަށް ކިޔައިދޭ ހިތަދޫ އައްޑޫ ސްކޫލްގެ ދަރިވަރަކު ވެސް ހިމެނެ އެވެ. ނަމަވެސް އެ ދަރިވަރު ޕޮޒިޓިވްވިކަން މިއަދު އެނގުނު އިރު، މޮނިޓަރިންއާ ގުޅިގެން އާދީއްތަ ދުވަހުން ފެށިގެން އައްޑޫގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތާ ބެހޭ ގޮތުން މިރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި މޭޔަރު ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރޭގައި މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހާލަތުގައި އެއްވެސް މީހަކު ނެތް ކަމަށާއި އެ އެންމެން ވެސް ތިބީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހިސާބަށް ހިނގައްޖެ ނަމަ އެކަމަށް ހާއްސަ ހޮސްޕިޓަލްގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ ކޮވިޑް ހޮސްޕިޓަލްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހިތަދޫގެ ކުރީގެ ރީޖަނަލް ހޮސްޕިޓަލެވެ.

"ޕޮޒިޓިވް މީހުންގެ ހާލަތާއި ހޮސްޕިޓަލާއި އައްޑޫގެ ޕަބްލިކް ހެލްތިން ވަރަށް ގާތުން ބަލަމުން އެބަގެންދޭ،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިސޮލޭޝަނަށް އައްޑޫގައި މި ވަގުތު ބޭނުން ކުރަމުން އަންނަ ގަމުގެ ދޫގަހުގައި މި ވަގުތު ޕްރޮޖެކްޓެއްގެ މަސައްކަތަށް ދިޔަ ބަޔަކު އައިސޮލޭޝަނުގައި ތިބުމުން، އިތުރު ފެސިލީޓީތަކެއް ބަލަމުން އަންނަ ކަމަށެވެ.

"އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މި އަންނަނީ،" މޭޔަރު ވިދާޅުވި އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ސޯބެ ވިދާޅުވީ ބަލި ފެތުރުނު ކަމަށް ބެލެވެނީ އޭވިއޭޝަން ކޮމާންޑްގެ ޓްރޭނިންތަކަކަށް ދިޔަ ބައެއްގެ ފަރާތުން ކަމަށެވެ. ނަމަވެސް އެކަން އެތަނުން ދޮގުކޮށްފައިވެ އެވެ.

އެކަމަކު ސޯބެ ވިދާޅުވީ މިހާތަނަށް ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު ބަލި ފެތުރުނީ އޭވިއޭޝަން ކޮމާންޑްގެ ބައެއްގެ ފަރާތުން ކަމަށެވެ. އެހެންވެ އެކަން ބަލަންޖެހޭ ފަރާތްތަކުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލްގެ އަދި މިތަނުގެ ޓާސްކް ފޯހުގެ މެންޑޭޓުގައި އޮތް ކަމެއް ނޫން އެކަން ތަހުގީގު ކުރުމަކީ. އަޅުގަނޑު ދެކެނީ އެކަން ކުރަންޖެހޭ ފަރާތްތަކުން އެކަން ކުރަމުންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން މިއަދުން ހަވީރުން ފެށިގެން ކެފޭ/ރެސްޓޯރަންޓްތަކާއި ސެލޫންތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. އަދި ވިޔަފާރި ގާޑިޔާތައް ހިންގުން ވެސް މަނާކޮށްފައިވާ އިރު ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނައިން މީހުން ނުވެއްދުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅެން ވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.