Roadha Mihaaru
ޕްރީ ސްކޫލާއި ކޮލެޖުތައް ބަންދުކުރަން އަންގައިފި

މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތައް ބަންދުކުރަން އަންގައިފި

02 ފެބުރުއަރީ 2021

ކޮވިޑު ކޭސްތައް އާދަޔާ ޚިލާފަށް އަނެއްކާވެސް އިތުރުވާން ފެށުމާއެކު، މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތަކާއި ޔުނިވާސިޓީ/ކޮލެޖުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު ކޭސްތައް އާދަޔާ ޚިލާފަށް އަނެއްކާވެސް އިތުރުވާން ފެށުމާއެކު، މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތަކާއި ޔުނިވާސިޓީ/ކޮލެޖުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.

އެ އެޖެންސީން އެގޮތަށް އެންގީ މާލެ ސަރަހައްދުގައި ކޮވިޑު-19ގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅެއްގެ ގޮތުންނެވެ.

އެގޮތުން ޕްރީ ސްކޫލުތަކާއި ނާސަރީތަކާއި ޑޭކެއާގެ ހިދުމަތްދޭ ތަންތަން މާދަމާ އިން ފެށިގެން ބަންދުކޮށް، ޔުނިވާސިޓީ/ކޮލެޖުފަދަ ތަންތަނުގައި ކުރިއަށް އޮތް ދެ ހަފުތާގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކުރަން އެޗުޕީއޭ އިން ވަނީ އަންގައިފަ އެވެ. ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކުގައި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައި ވެ އެވެ.

މާލެ ސަރަހައްދުގައި ޕްރީ ސްކޫލު ދަރިވަރުންނަށް އަލުން ކިޔަވައިދޭން ފެށީ ގާތްގަނޑަކަށް އަހަރެއް ފަހުން މިދިޔަ މަހުގެ 10 ގަ އެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ހުޅުވައި އެ ތަނުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.

ޕްރީ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކުރި ނަމަވެސް ސްކޫލުތައް ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ ވިދާޅުވެފަ އެވެ. އޭނާ "މިހާރު" އަށް ވިދާޅުވީ ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ހޯދަމުން އަންނަ ކަމަށެވެ.

"މި ގޮތަށް އަމަލުކުރަނީ ދަރިވަރުން ސްކޫލަށް ދިއުން ހުއްޓާލައިފި ނަމަ، އެ ކަމުގެ ނޭދެވޭ އަސަރުތައް ދަރިވަރުގެ މުޅި އުމުރަށް ކުރާނެތީ. ދަރިވަރުންގެ ސަލާމަތްތެރިކަމަކީ މި ވުޒާރާއިން އެންމެ އިސްކަންދޭ ކަންތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި މިނިސްޓްރީން ދެން އެންމެ ބޮޑަށް އިސްކަންދެނީ އެ ކުދިންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކިޔަވައިދޭ ވަގުތު ހިމާޔަތްކުރަން ކަމަށެވެ. މިހާތަނަށް ސްކޫލުތަކުން އެއްވެސް ގޮތަކަށް ބަލި ފެތުރިފައި ނުވިއަސް ސްކޫލުތަކުން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ކައިރިން މޮނީޓާ ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.