Roadha Mihaaru
11،000 ދަރިވަރުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި

11،000 އަށް ވުރެ ގިނަ ކުދިން ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިފި

13 ސެޕްޓެމްބަރ 2021

ސްކޫލުތަކުގެ 11،000 އަށް ވުރެ ގިނަ ކުދިން މިހާތަނަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތަކުގެ 11،000 އަށް ވުރެ ގިނަ ކުދިން މިހާތަނަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑުން ދިފާއުވުމަށްޓަކައި، އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ މަހުގެ 15 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 214 ސްކޫލަކުން އުމުރުން 12-17 އަހަރާ ދެމެދުގެ 40،000 ކުދިންގެ ތެރެއިން 35،152 ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށެވެ. އަދި 88 ސްކޫލެއްގެ 11،653 ކުދިން ވެކްސިންގެ ދެވަނަ ޑޯޒު ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ނިންމާފައި ވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް އަލުން ފަށާށެވެ. އޭގެ އިތުރުން، ސްކޫލުތަކަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ނިންމާފައި ވާތީ ސްކޫލުތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ޑޯޒުތައް ފުރިހަމަކޮށްފައިވެ އެވެ.

ރާއްޖޭގައި ކޮވިޑު ފެތުރެން ފެށި ފަހުން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ކިޔަވައިދިނީ އޮންލައިން ކޮށެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، މިދިޔަ މަހުގެ 10 ވަނަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު ހުރިހާ ކުދިން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް 319،080 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު އަދި 388،776 މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ވެސް ކޮށްފަ އެވެ.