Roadha Mihaaru
ވަޓްސްއެޕް ޗެޓް ހިސްޓްރީ ޓެލެގްރާމަށް ގެންދެވޭނެ

ވަޓްސްއެޕް ޗެޓް ހިސްޓްރީ ޓެލެގްރާމަށް އިމްޕޯޓްކުރެވޭ ގޮތް ހަދައިފި

30 ޖެނުއަރީ 2021

ޓެލެގްރާމަށް ވަޓްސްއެޕް ޗެޓް ހިސްޓްރީ ގެންދެވޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެލެގްރާމަށް ވަޓްސްއެޕް ޗެޓް ހިސްޓްރީ ގެންދެވޭ ގޮތަށް ހަދައިފި އެވެ.

މިކަން ބުރާސްފަތި ދުވަހު އިއުލާންކޮށް ޓެލެގްރާމުން ބުނީ އައިއޯއެސް އާއި އެންޑްރޮއިޑްގެ އަހުލުވެރިންނަށް ވެސް މި ފީޗާ މަސައްކަތް ކުރާނެ ކަމަށެވެެ. އަދި ޗެޓް ހިސްޓްރީ އިމްޕޯޓްކުރާނެ ގޮތް ވެސް ކިޔައި ދީފައިވެ އެވެ.

ޓެލެގްރާމުން މި ފީޗާ ތައާރަފު މި ކުރީ ވަޓްސްއެޕުން އަމަލުކުރަން އުޅޭ އާ ޕްރައިވެސީ ޕޮލިސީއާ މެދު ހިތްހަމަނުޖެހި ޓެލެގްރާމާއި އެހެން ޗެޓް އެޕްލިކޭޝަންތަކަށް ބަދަލުވާ މީހުން އިތުރުވެފައި ވަނިކޮށެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގެ އިތުރުން ލައިން އާއި ކަކާއޯ ޓޯކްގެ ޗެޓް ހިސްޓްރީ ވެސް ޓެލެގްރާމަށް ގެންދެވޭނެ އެވެ. އެއީ ވަކިވަކިން ކޮށްފައި ހުންނަ މުއާމަލާތްތަކާއި ގްރޫޕް މުއާމަލާތް ވެސް ހިމެނޭ ގޮތަށެވެ.

ޓެލެގްރާމަށް ޗެޓް ހިސްޓްރީ އިމްޕޯޓްކުރުމުން އަސްލު މެސެޖްތައް ފޮނުވި އިރަކާއި އެ މެސެޖްތައް ޓެލެގްރާމަށް ގެންދިޔަ އިރެއް އެނގޭނެ ގޮތަށް ލޭބަލް ވެސްކޮށްފައި އިންނާނެ އެވެ. އަދި މިގޮތަށް ޗެޓް ހިސްްޓްރީ ޓެލެގްރާމަށް ފޮނުވާއިރު އޭގައި ހުންނަ ފޮޓޯތައް ލާފައި ނުވަތަ ނުލައި ވެސް ފޮނުވޭނެ އެވެ.

މިގޮތަށް އިމްޕޯޓްކުރާ ޗެޓް ހިސްޓްރީ ޓެލެގްރާމްގައި އަތުރާލެވިގެން ދާނީ އެ އިމްޕޯޓްކުރި އިރެއްގެ ތަރުތީބަކުންނެވެ.

ޓެލެގްރާމުން ދާދި ފަހުން ބުނެފައިވާ ގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން މި ފަހުން ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވާން ފެށީ ވަޓްސްއެޕުން އަލަށް އަމަލުކުރަން ނިންމި އުސޫލަކާ ހެދި އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހިގެން ވަޓްސްއެޕްގެ ބަދަލުގައި ޓެލެގްރާމް ބޭނުންކުރާ މިންވަރު އިތުރުވެފައިވެ އެވެ.

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ވަރަށް ޒާތީ ގިނަ މައުލޫމާތު ފޭސްބުކާ ހިއްސާކުރަންޖެހޭ ގޮތަށް ވަޓްސްއެޕުން އަންނަ މަހު އަމަލުކުރަން ނިންމި އުސޫލަށް އަމާޒުވި ފާޑުކިޔުންތަކާ ހެދި އެކަން މިހާރު ވަނީ ފަސްކޮށްފަ އެވެ.

ޓެލެގްރާމުން ބުނެފައިވާ ގޮތުގައި އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 500 މިލިއަނާ ގާތްކުރެ އެވެ. ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރަ އެވެ.