Roadha Mihaaru
ޑްރަގް ދީގެން ކުއްޖަކާ ބެހުނު މައްސަލަ ބޭރުކޮށްލައިފި

ޑްރަގު ދީގެން ކުއްޖަކު ރޭޕްކުރި މައްސަލަ: އިސްތިއުނާފް ލަސްވުމުން ހައި ކޯޓުން މައްސަލަ ބޭރުކޮށްލައިފި

26 ޖެނުއަރީ 2021

ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީ، މަސްތު ކުރުވައިގެން އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ސަލާމަތްވި މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރުން ލަސްވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީ، މަސްތު ކުރުވައިގެން އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ސަލާމަތްވި މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރުން ލަސްވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

އޭޕްރީލް، 2014 ގައި ހުޅުމާލޭގައި ކުއްޖަކު ސްކޫލަށް ގެންދިޔަ މަގުމަތީގައި އެ ކުއްޖާ ގެއަކަށް ވައްދައި، މަސްތުވާތަކެތި ދީގެން މަސްތު ކުރުވުމަށް ފަހު އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރި ދައުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ އޮކްޓޫބަރު، 2016 ގަ އެވެ. އަނިޔާ ލިބުނު ކުއްޖާ އުމުރެއް ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ނުލިބި އޮއްވާ އިސްތިއުނާފްގެ މުއްދަތު ހަމަވުމުން ހައި ކޯޓުގައި ދައުލަތުން އެދުނީ މަގްބޫލު އުޒުރެއް އޮތް ކަމަށް ބަލައި، އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނުމަށެވެ. އެ ހުއްދަ ފެބްރުއަރީ، 2017 ގައި ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދިނަސް، އިސްތިއުނާފް މައްސަލަ ޕީޖީ އޮފީހުން ހުށަހެޅީ އޭގެ ދެ އަހަރު ފަހުން އޮކްޓޫބަރު، 2019 ގަ އެވެ. ޕީޖީ އޮފީހުން ގަބޫލުކުރީ އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނުމުން އެ މައްސަލަ އިސްތިއުނާފް ކުރެވުނީ ކަމަށެވެ. އެކަމަކު އާންމު އުސޫލުން އިސްތިއުނާފްގެ ހުއްދަ ދިނަސް، އިސްތިއުނާފް މައްސަލަ ހުށަހެޅުމުން ނޫނީ އެ މައްސަލަ ބަލައިގަތް ކަމަކަށް ނުވާނެ އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް ކުރުމުގެ ހުއްދަ ދިންތާ ދެ އަހަރާއި އަށް މަސް ފަހުން ކަމަށެވެ. އެއީ އިސްތިއުނާފް ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަށް ވުރެ މާ ދިގު މުއްދަތެއް ކަމަށާއި އަދި ޚާއްސަ ޟަރޫރީ ހާލަތްތަކުގައި އިސްތިއުނާފްގެ މުއްދަތު ހަމަވުމަށް ފަހު އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނަސް، އެ ހާލަތު ނެތިދިއުމަށް ފަހު އެ ހުއްދައެއް ދެމި ނޯންނާނެ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފަ އިވަނީ އިސްތިއުނާފް މުއްދަތު ހަމަވިތާ މާ ދިގު މުއްދަތެއް ފަހުން އެ މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމެވެ.