Roadha Mihaaru
ކޮވިޝީލްޑް އެމްއެފްޑީއޭގެ ދިރާސާގައި

ކޮވިޝީލްޑް އެމްއެފްޑީއޭގެ ދިރާސާގައި

25 ޖެނުއަރީ 2021

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، ކޮވިޝީލްޑަށް ހުއްދަދިނުމާ މެދު ގޮތެއް ނިންމަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެ ލިޔެކިޔުންތައް ދިރާސާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، ކޮވިޝީލްޑަށް ހުއްދަދިނުމާ މެދު ގޮތެއް ނިންމަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެ ލިޔެކިޔުންތައް ދިރާސާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެމްއެފްޑީއޭގެ އިސް ވެރިޔަކަށް ހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު "މިހާރު"އަށް ވިދާޅުވީ ކޮވިޝީލްޑް އުފައްދާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ވަނީ ހުރިހާ ތަފްސީލްތަކެއް އެމްއެފްޑީއޭ އަށް ފޮނުވައިފަ އެވެ. އޭނާ ވިދާޅުވީ އެ ވެކްސިނަށް ހުއްދަ ދިނުމާ މެދު، ވީ އެންމެ އަވަހަކަށް ގޮތެއް ނިންމާނެ ކަމަށެވެ. އެކަމަކު ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

މިދިޔަ ބުދަދުވަހު ރާއްޖެ ގެނެސްފައިވާ ކޮވިޝީލްޑްގެ 100،000 ޑޯޒު ޖަހަން ފެށޭނީ އެމްއެފްޑީއޭގެ ހުއްދަ ލިބިގެންނެވެ.

ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް، ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުނި، ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެވެ. ރާއްޖޭގައި މިހާރު ވެސް، ސީރަމް އިންސްޓިޓިއުޓުގެ ވެކްސިންތައް ގަވާއިދުން ބޭނުންކުރެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާ ގޮތުގައި ރައްކާތެރި އަދި ނަތީޖާ ރަނގަޅު ކަމަށް ތަހުލީލުތަކުން ދައްކާ ވެކްސިނަކަށް ވުމުގެ އިތުރުން ކޮވިޝީލްޑަކީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ބެހެއްޓޭ ވެކްސިނަކަށް ވާތީ އެ ވެކްސިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދޭން ފަސޭހަވާނެ އެވެ.

"އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ހުރިހާ ޑޭޓާއެއް ލިބިފައި އެބަހުރި. ޑަބްލިޔުއެޗްއޯ އަށް ހުށަހަޅާފައި ހުރި ފަދައިން ހުރިހާ ތަފްސީލްތަކެއް ހުރީ ލިބިފައި."- ޑރ. ޝާހު

ޑަބްލިޔުއެޗްއޯ އަށް މަޑުނުކޮށް އަމިއްލަ ނިންމުމަކަށް ދެވިދާނެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރިވިއުކުރަމުން އަންނަ ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑް ހިމެނެ އެވެ. ކޮވިޝީލްޑާ މެދު ގޮތެއް ނިންމޭނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ލަފާކުރަނީ އަންނަ މަހު މެދު ތެރޭގަ އެވެ. އެކަމަކު އެ ތާރީހު ބަދަލު ވެސް ވެދާނެކަން ޑަބްލިޔުއެޗްއޯގެ ތާވަލުގައި ފާހަގަކޮށްފައިވެ އެވެ.

ޑަބްލިޔުއެޗްއޯ އިން ކޮވިޝީލްޑް ރަނގަޅު ކަމަށް ނިންމަންދެން ރާއްޖެ އިން މަޑުކުރާކަށް ނުޖެހޭނެ އެވެ. ޑަބްލިޔުއެޗްއޯ އިން އެއްފަހަރާ ގިނަ ވެކްސިންތަކެއް ރިވިއުކުރަމުން އަންނަ އިރު، ގޮތް ނިންމަން ގިނަ ދުވަސްތަކެއް ނަގަ އެވެ. ކޮވިޑަށް ޑަބްލިޔުއެޗްއޯ އިން މިހާތަނަށް އެންޑޯޒްކޮށްފައި ވަނީ ފައިޒާގެ ވެކްސިން އެކަންޏެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަންނަން އެހެން ގައުމުތަކުން ވެސް ކުއްލި ހާލަތަށް ވެކްސިންތައް ފާސްކުރަމުން އަންނަ ގޮތަށް ރާއްޖެ އަށް ވެސް އަމިއްލަ އަށް އެކަން ކުރެވިދާނެ އެވެ. ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީއަކީ އެމްއެފްޑީއޭ އެވެ.

ޑަބްލިޔުއެޗްއޯ އިން ކޮވިޝީލްޑް ރަނގަޅު ކަމަށް ކަނޑައަޅަންދެން މަޑުކުރާނީތޯ ނުވަތަ އަމިއްލަ ދިރާސާ އަށް ބިނާކޮށްގެން އެމްއެފްޑީއޭ އިން ގޮތެއް ނިންމާނީތޯ ސުވާލުކުރުމުން ޑރ. ޝާހު ވިދާޅުވީ ސަރުކާރުން އެކަން އަދި ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށެވެ.

ރާއްޖެ އަށް ކޮވިޝީލްޑް ވެކްސިން ގެނެސް، އެއާޕޯޓުގައި. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެ އަށް ކޮވިޝީލްޑް ވެކްސިން ގެނެސް، އެއާޕޯޓުގައި. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެކަމަކު ޑރ. ޝާހު ވިދާޅުވި ގޮތުގައި ސީރަމް އިންސްޓިޓިއުޓުން ފޮނުވާފައިވާ މައުލޫމާތު ދިރާސާކުރުމާއި އިތުރަށް ލަފައެއް ބޭނުންވިޔަސް ހޯދުމުގެ ގާބިލްކަން އެމްއެފްޑީއޭގައި އެބަ ހުއްޓެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަނީ އެހެން ގައުމުތަކުގެ ރެގިއުލޭޓަރީ މުއައްސަސާތަކުގެ މާހިރުންނާ ވެސް ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ހުރިހާ ޑޭޓާއެއް ލިބިފައި އެބަހުރި. ޑަބްލިޔުއެޗްއޯ އަށް ހުށަހަޅާފައި ހުރި ފަދައިން ހުރިހާ ތަފްސީލްތަކެއް ހުރީ ލިބިފައި،" ކޮވިޑް-19 ވެކްސިން ސްޓިއަރިން ކޮމިޓީގެ ޗެއާއަކަށް ވެސް ހުންނެވި މެޑިކަލް ޑޮކްޓަރު ވިދާޅުވި އެވެ.

"އެމްއެފްޑީއޭ އިން އެ މައުލޫމާތުތައް ދިރާސާކުރަމުން ދަނީ."

އިންޑިއާގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލުން ވަނީ ކޮވިޝީލްޑަށް ހުއްދަދީފަ އެވެ.

ކޮވިޑް-19ގެ ވެކްސިނާ ބެހޭގޮތުން އެޗްޕީއޭގެ ތަފްސީލް މައުލޫމާތު

މިދިޔަ ހުކުރުދުވަހު ކޮވިޝީލްޑަށް ހުއްދަދިން ލަންކާ އަށް އިންޑިއާ އިން ހިލޭ އެ ވެކްސިން ފޮނުވާނެ ކަމަށް ލަންކާ ސަރުކާރުން ބުނެފައި ވަނީ އަންނަ ބުދަދުވަހު އެވެ. ބޫޓާން، މިޔަންމާ އަދި ސީޝެލްސް އަށް ވެސް ކޮވިޝީލްޑް ވެކްސިން ވަނީ ލިބިފަ އެވެ.

އިންޑިއާގައި މައްސަލަ ބޮޑުވެގެން އުޅޭ އެ ގައުމުގެ އަމިއްލަ ވެކްސިން ކަމަށް ވާ ކޯވެކްސިން އާއި ކޮވިޝީލްޑަކީ ދޭއްޗެކެވެ. ބާރަތު ބަޔޯޓެކްގެ ކޯވެކްސިންއާ މެދު ކަންބޮޑުވުން އުފެދުނީ ޓްރަޔަލްތައް މުޅިން ނުނިމެނީސް އަދި އެ ޓެސްޓުތަކުގެ ނަތީޖާއާ ބެހޭ މައުލޫމާތު އާއްމު ނުކުރަނީސް ވެކްސިނަށް ހުއްދަދިނުމުންނެވެ.