Roadha Mihaaru
ބާނީ ސޭންޑާޒްގެ "މީމް" ފެޝަން ޓްރެންޑަކަށް

ބާނީ ސޭންޑާޒްގެ "މީމް" ފެޝަން ޓްރެންޑަކަށް

24 ޖެނުއަރީ 2021

މިިދިޔަ ބުދަ ދުވަހު އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސާ ކަމަލާ ހެރިސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސެނަޓަރު ބާނީ ސެންޑާޒް ވަޑައިގެން އިންނެވި ގޮތުގެ ފޮޓޯ އިން މީމްތައް ހަދައި ސޯޝަލް މީޑިއާ ފުރާލުމާ އެކު ފެޝަން ޓްރެންޑަކަށް ވެސް މި ފޮޓޯ ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިިދިޔަ ބުދަ ދުވަހު އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސާ ކަމަލާ ހެރިސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސެނަޓަރު ބާނީ ސެންޑާޒް ވަޑައިގެން އިންނެވި ގޮތުގެ ފޮޓޯ އިން މީމްތައް ހަދައި ސޯޝަލް މީޑިއާ ފުރާލުމާ އެކު ފެޝަން ޓްރެންޑަކަށް ވެސް މި ފޮޓޯ ވެއްޖެ އެވެ.

އެ ފޮޓޯގައި ފެންނަނީ ފިނިގަދަކަމުން ސޭންޑާޒް، 79، "ކުރުގެޅިގެން" ދެއަތް މޭމައްޗަށް ހުރަސްކޮށްލައްވައިގެން މާސްކެއް އަޅުއްވައިގެން ގޮނޑީގައި އިށީނދެ އިންނަ ތަނެވެ.

ދަނޑިވަޅުގެ ބޭނުންކޮށް ބާނީގެ ކެމްޕޭނުން ވަނީ ކަޅު ކުލައިގެ ކްރެކްނެކް ސްވިޓަރެއްގެ މޭމަތީގައި މި މީމް ފޮޓޯ ޖަހައިގެން ވިއްކަން ފަށައިފަ އެވެ. އޭގެ ތިރީގައި ކުދި އަކުރުން "ބާނީ" ވެސް ލިޔެފައި އިނދެ އެވެ. ސްވެޓް ތައްޔާރުކޮށްފައި ވަނީ ކޮޓަން ފްލީސްއިން އަދި ސްމޯލް/މީޑިއަމް އަދި ލާޖް ސައިޒުން ލިބޭ ގޮތަށެވެ.

މި ފަރުމާ ފެޝަން ޓްރެންޑެއްގެ ގޮތުގައި ގެނެސްދިނީ ބާނީގެ ކެމްޕޭން ސްޓޯރުންނެވެ. ބާނީގެ ވެބްސައިޓްގައި "ޗެއާމަން ބާނީ ސޭންޑާޒް" ގެ ނަމުގައި މި ސްވެޓަރު ވިއްކަނީ 45 ޑޮލަރަށެވެ. އެ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ސޭންޑާޒް ތަމްސީލުކުރައްވާ ވާމަންޓްގެ "މީލްސް އޯން ވީލްސް" އަށް ކަމަށެވެ. އެއީ އެމެރިކާގައި ބަނޑުހައިހޫނުކަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތެކެވެ.

ބާނީ ސޭންޑާޒް "މީމް" ހިމަނައިގެން ނެރުނު ސްވެޓަރު ވިއްކަން ފެށުމާ އެކު ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. އެހެންވެ ސޭންޑާޒްގެ ޓީމުން ބުނީ އެ ސްވެޓަރު ދެން ލިބޭނީ 3-6 ހަފުތާ ފަހުން ކަމަށެވެ.

މި އަށް ލިބެމުން ބޮޑު ތަރުހީބާ ގުޅިގެން، މަޝްހޫރު ޓޯކް ޝޯ "ލޭޓް ނައިޓް ވިތު ސެތު މޭޔާޒް" ގައި ސޭންޑާޒް ވިދާޅުވީ މިއީ ދުވަހަކު ވެސް ލަފާކުރެއްވި ކަމެއް ނޫން ކަމަށެވެ.

"އަހަރެން އެއްވެސް ބައެއްގެ ސަމާލުކަން ހޯދާކަށް ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މަސައްކަތެއް ނުކުރަން. ފިނިގަދަމުން އެކަމުން ސަލާމަތްވޭތޯ ގޮނޑީގައި އިށީނދެލައިގެން އިނީ،" އޭނާ ވިދާޅުވި އެވެ.