Roadha Mihaaru
ތިން ވަނަ ޑިވިޝަން ޓީމެއް އަތުން ރެއާލް ކަަޓައިފި

ތިން ވަނަ ޑިވިޝަން ޓީމެއް އަތުން ރެއާލް ކަަޓައިފި

21 ޖެނުއަރީ 2021

މެޑްރިޑް (ޖެނުއަރީ 21) - ސްޕެނިޝް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ރޭ ތިން ވަނަ ޑިވިޝަނުގެ އަލްކޮޔާނޯ އަތުން 2-1 އިން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ.

މެޑްރިޑް (ޖެނުއަރީ 21) - ސްޕެނިޝް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ރޭ ތިން ވަނަ ޑިވިޝަނުގެ އަލްކޮޔާނޯ އަތުން 2-1 އިން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ.

އަލްކޮޔާނޯ އަކީ މިދިޔަ 100 ވަރަކަށް އަހަރު ތެރޭ ސްޕެނިޝް ކަޕުގައި ރެއާލް އަތުން މޮޅުވި ތިން ވަނަ ޑިވިޝަނަށް ނިސްބަތްވާ ފަސް ވަނަ ޓީމެވެ. ސްޕެނިޝް ކަޕްގެ ތަށި 19 ފަހަރަށް އުފުލާލާފައިވާ ރެއާލަށް އެ މުބާރާތް އެންމެ ފަހުން ކާމިޔާބުކުރެވުނީ މީގެ ހަތް އަހަރު ކުރިންނެވެ. އެ ޓީމުން 1993 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންމެ ދެ ފަަހަރު އެވެ.

ސީޒަންގެ ފެށުން ގޯސްވި ނަމަވެސް ރެއާްލް ވަނީ މަސައްކަތްތަކެއްކޮށް ފަހުން ކުޅުން ރަނގަޅުކޮށްފަ އެވެ. އެކަމަކު ފަހަކަސް އައިސް ކުޅުނު މެޗުތަކުގައި އަނެއްކާ ވެސް ރެއާލްގެ ނަތީޖާތަކަށް ވަނީ އަސަރުކޮށްފަ އެވެ. ރެއާލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ރޭގެ މެޗުން ބަލިވުމާ އެކު މިދިޔަ 10 ވަރަކަށް ދުވަސް ތެރޭ ރެއާލަށް މި ވަނީ ދެ މުބާރާތް ގެއްލިފަ އެވެ. ސްޕެނިޝް ސުޕަ ކަޕްގެ ސެމީން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ އެ މުބާރާތުގެ ތަށި ދިފާއުނުކުރެވުނެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން މަގާމުގައި ދެމިހުރުމަށް ޕްރެޝަރު ބޮޑުވެފައިވާއިރު އޭނާ ބުނީ ކުޅުންތެރިންގެ އިތުބާރު އަދިވެސް އެބައޮތް ކަމަށެވެ.

"އަހަންނަކީ ކޯޗު. އަހަރެން މި ބަލީގެ ޒިންމާ ނަގަން. ދެން އަހަރެން މަސައްކަތްކުރާނީ ލަލީގާ އާއި ޗެމްޕިއަންސް ލީގު ހޯދަން. އެކަން ހާސިލްކުރަން ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭ. ޔަގީންވާ އެއް ކަމަކީ ކުޅުންތެރިންގެ އިތުބާރު އަދިވެސް އަހަންނަށް އެބައޮތްކަން. އެއީ މި ކަހަލަ ދަނޑިވަޅެއްގައި ބޮޑު ހިތްހަމަ ޖެހުމެއް،" ރޭގެ މެޗަށް ފަހު ޒިދާން ބުންޏެވެ.

ބަދަލުތަކާ އެކު ރޭގެ މެޗަށް ނުކުތް ރެއާލް ލީޑުނެގީ ފުރަތަމަ ހާފުގައި ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ޖެހި ގޯލުންނެވެ. އަލްކޮޔާނޯ އެއްވަރުކުރީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ހޯސޭ ސޯލްބެސް ޖެހި ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާ ގިނައިރެއް ނުވެ އަލްކޮޔާނޯގެ ލޮޕޭޒަށް ރަތް ކާޑެއް ދެއްކި އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ދެއްކި ހިތްވަރާ އެކު އަލްކޮޔާނޯ އިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ގޯލު ޖަހައިދިނީ ހުއާނާން އެވެ.