Roadha Mihaaru
ޗެލްސީ ބަލިކޮށް ލެސްޓާ ލީގުގެ އެއް ވަަނަ އަށް

ޗެލްސީ ބަލިކޮށް ލެސްޓާ ލީގުގެ އެއް ވަަނަ އަށް

20 ޖެނުއަރީ 2021

ލެސްޓާ (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 2-0 އިން މޮޅުވެ ލެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލެސްޓާ (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 2-0 އިން މޮޅުވެ ލެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލެސްޓާ ލީގުގެ އެއް ވަނައިގައި އޮތީ 19 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިރޭ ސިޓީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ބައްދަލުކުރާއިރު، ޔުނައިޓެޑް ރަށުންބޭރުގައި ނުކުންނާއި ފުލަމްއާ ދެކޮޅަށެވެ. ޔުނައިޓެޑާއި ސިޓީގެ މެޗުތަކުން ނުކުންނަ ނަތީޖާތަކަށް ފަހު ގަދަ ތިނެއްގެ މަގާމުތަކަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

ރޭ ލެސްޓާ އަށް ލީޑުނަގައިދިނީ މެޗުގެ ހަ ވަނަ މިނިޓްގައި ނައިޖީރިއާގެ މިޑްފީލްޑަރު ވިލްފްރިއެޑް އެންޑީޑީ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ޗެލްސީ އަށް އެއްވަރުކޮށްދޭން ކަލުމް ހަޑްސަން އޮޑޯއި އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއްނުކުރެވުނެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް ލެސްޓާގެ ޖޯނީ އެވަންސް ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ނިންމީ ޕެނަލްޓީއެއް ދޭށެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު އެވަންސް ފައުލުކުރީ އޭރިއާބޭރުންކަމަށްވާތީ ފަހުން ނިންމީ ހިލޭ ޖެހުމަކަށް ބަދަލުކުރާށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާގެ ދެ ވަނަ ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ޖޭމްސް މެޑިސަން އެވެ.

ޗެލްސީން ދެ ވަނަ ހާފް ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރީ ލެސްޓާ އިންނެވެ. ލެސްޓާގެ ޖޭމްސް ޖަސްޓިން ބޮލުން ޖެހި ބޯޅައެއް އަރިމަތިން ބޭރަށްދިޔައިރު، ޔޫރީ ޓިއެލެމަންސް ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. ޗެލްސީން ދެ ވަަނަ ހާފުގައި ޓިމޯ ވާނާ އާއި ހަކީމް ޒިޔެޗް އަރުވައިގެން ވެސް ލަނޑެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް މި ސީޒަން ފެއްޓުމުގެ ކުރިން އާ ކުޅުންތެރިން ހޯދަން އެންމެ ބޮޑު ހަރަދެއް ކުރީ ޗެލްސީންނެވެ. ޗެލްސީ އެންމެ ފަހުން ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި މަހުގެ ނިޔަލަށް ލަމްޕާޑަށް ޗެލްސީގެ ހާލަތު ރަނގަޅު ނުކުރެވިއްޖެނަމަ އެ ކްލަބްގެ ބޯޑުން އޭނާގެ މުސްތަގުބަލާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

ލީގުގައި ރޭ ވެސްޓް ހޭމް ކުޅުނު މެޗުން ވަނީ 2-1 އިން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ. މި މޮޅާ އެކު ވެސްޓް ހޭމް ވަނީ 19 މެޗުން 32 ޕޮއިންޓް ހަަމަކޮށް ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. ޗެލްސީ އަށް ވަނައިގައި އޮތީ 19 މެޗުން 29 ޕޮއިންޓާ އެކު އެވެ.