Roadha Mihaaru
ދުވާލު މަގު ބަންދު ނުކުރެވޭ ގޮތަށް ހަމަޖައްސައިފި

ކޮންސްޓްރަކްޝަން މަސައްކަތަށް ދުވާލު މަގު ބަންދުނުކުރެވޭ ގޮތް ހަދައިފި

18 ޖެނުއަރީ 2021

މިހާރު އޮންނަ ގޮތަށް ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ނުކުރެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ. އޭގެ ބަދަލުގައި އެފަދަ މަސައްކަތްތަކަށް ދެން ހުއްދަ ދޭނީ ރޭގަނޑު ކުރާ ގޮތަށެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިހާރު އޮންނަ ގޮތަށް ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ނުކުރެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ. އޭގެ ބަދަލުގައި އެފަދަ މަސައްކަތްތަކަށް ދެން ހުއްދަ ދޭނީ ރޭގަނޑު ކުރާ ގޮތަށެވެ.

ޝީޓު އެޅުން ފަދަ މަސައްކަތްތައް ކުރަން މަގު ބަންދުކުރަން ރޭގަނޑު ވަގުތު ކުރިން ހުއްދަ ދެމުން އައި ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ އެކު ރޭގަނޑު ބޭރުގައި އުޅުން މަނާވި އެވެ. އެހެންވެ، އެ މަސައްކަތް ކުރަން ހުއްދަ ދޭން ފެށީ ދުވާލު އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ، ރޭގަނޑު މަގު ބަންދުކުރަން ހުއްދަ ދިނީ މަޖުބޫރު ވެގެން ކަމަށެވެ.

"މިއީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތެއް ވެސް ނޫން. އަޅުގަނޑުމެންނަށް އަބަދު ވެސް ގިނަ ޝަކުވާތަކެއް ލިބޭ، [ރޭގަނޑު ކޮންސްޓްރަކްޝަން މަސައްކަތްކުރާތީ] އަޑުގަދަވެގެން ނުނިދޭތީވެ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ހުރިހާ ކަމެއްގައި އެހެން އިދާރާތަކުން ހުއްދަ ދެމުން އަންނަނީ ޓްރެފިކަށް ފަސޭހަ ވާނެ ގޮތަށް ކަމަށާއި މާލޭގައި އުޅޭ ރައްޔިތުންނާ ދޭތެރޭ ނުވިސްނާ ކަމަށެވެ. އަދި މި ގޮތަށް ބަދަލުކުރަން މި ޖެހުނީ ސްކޫލްތައް ހުޅުވުމުން ދަރިވަރުންނަށް ފަސޭހަ ވާނެ ގޮތް ހަދަން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މިއީ އޭނާ ސަޕޯޓުކުރައްވާ ނިންމުމެއް ނޫން ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މާލޭގައި އުޅޭ ރައްޔިތުންނަށް ހަމަޖެހިލައިގެން ނިދޭނެ ގޮތް ހެދުމަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މާ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަން ހަވީރު 6:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށް ހުއްދަ ދޫކުރި ނަމަވެސް، ރޭގަނޑު 10:00 ގެ ކުރިން މަސައްކަތް ނިންމަން އޭނާ އިލްތިމާސްކުރެއްވި އެވެ. މިއީ މިދިޔަ ހަފްތާގައި ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހު ނިންމި ނިންމުމެކެވެ.

ނަމަވެސް ކުދިކުދި މަސައްކަތްކުރަން ދުވާލު ވަގުތުތަކުގައި މަގު ބަންދުކުރުމުގެ ހުއްދަ އަދިވެސް ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

"ދުވާލަކު 15-20 ތަން ބަންދުކުރަން އަޅުގަނޑުމެންނަށް އެދިފައިވޭ. އެ ހުރިހާ ތަންތަނެއް އެއް ވަގުތަކު ބަންދެއް ނުކުރެވޭނެ،" ޝިފާ ވިދާޅުވި އެވެ.