Roadha Mihaaru

ރިޕޯޓްކުރުމުން އަޅާނުލައި ތިއްބާ ގެއެއްގެ ތެރެއަށް ފާރެއް ވެއްޓި ބޮޑު ގެއްލުމެއް

މާލޭގައި ހަދަމުންދިޔަ އިމާރާތަކާ ޖެހިގެންހުރި ގޭގެ އިން ފާރު އެ ގޭތެރެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ގެއެއްގެ ތެރެއަށް ފާރެއް ވެއްޓި ބޮޑު ގެއްލުމެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖުލައި 2025

މާލޭގައި ހަދަމުންދިޔަ އިމާރާތަކާ ޖެހިގެންހުރި ގޭގެ އިން ފާރު އެ ގޭތެރެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ލަގްޒަރީ ފުރަގަހުގައި އޮންނަ އަނބުގަސްމަގުގައި ހުންނަ މ. ތަކަންދޫ ގޭގެ ފާރު ވެއްޓުނީ މ. ހަވާއީ ގޭގައި މަސައްކަތް ކުރަނިކޮށެވެ.

ތަކަންދޫ ގޭގައި ދިރިއުޅޭ މީހަކު "މިހާރު" އަށް ބުނީ ވެއްޓުނު ފާރަކީ ވަރަށް ދުވަސްވެފައި ހުރި ފާރެއް ކަމަށާއި ގާތްގަނޑަކަށް އަށް ފޫޓަށް ރާނާފައި ހުރި އެ ފާރާ އިންވެގެން އޮތް ގެ ހަދަން ފެށުމުން އެ ފާރަށް ގުޑުން އަރަމުން ދިޔަ ކަމަށެވެ. އެކަމަކު މަސައްކަތް ކުރާތާ އަށް މަސް ވީ އިރު ވެސް ކުރި އެއްވެސް ރިޕޯޓަކަށް ކަމާބެހޭ އިދާރާއަކުން ހައްލެއް ހޯދައިނުދިން ކަމަށް އޭނާ ބުންޏެވެ.

"ރިޕޯޓު ކުރިން އެތައް ފަހަރަކު، އެ މީހުން ގެންނަން ވެސް ގެނައިން. ކުރިން ވެސް ބުނިން މި ދުވަސް އަންނާނޭ. އެހެން ހުއްޓާ މިއަދު އެ ފާރު އެ ވެއްޓުނީ 5:00 ހާއިރު،" އޭނާ ބުންޏެވެ.

މ. ތަކަންދޫގޭ ފާރު ވެއްޓިފައި.

މ. ތަކަންދޫގޭ ފާރު ވެއްޓިފައި.

އޭނާ ބުނީ މިއަދު ތަކަންދޫ ގޭގެ ފާރު ވެއްޓުނީ ހަވާއީ ގޭގެ ވަށާފާރު ރާނަން ފެށުމުން ކަމަށެވެ.

"އެ ފާރު އެ މީހުން ރޭނުމުގެ ބަދަލުގައި ތައްގަނޑަށް ކޮންކްރީޓް މި އަޅަނީ. އޭގެ އެތެރޭގައި ހޮއި ހެދިދާނެތީ ޕަމްޕަކުން ޕްރެޝާ ކުރާނެ. ޕަމްޕުން ފިލްކުރާ ވަރަކަށް ބިންގަނޑަށް ގުޑުން އަންނާނެތާ، އެހެން ހަދަމުންދަނިކޮށް އެ ފާރު އެ ވެއްޓުނީ،" އޭނާ ބުންޏެވެ.

އެ ގެއިން ވާހަކަދެއްކި މީހާ ބުނީ އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެކަމަކު އޭނާ އާއި އާއިލާ އުޅޭ އެޕާޓްމަންޓަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށެވެ. ދޮރުތަކުގެ ބިއްލޫރިތައް ތެޅުމުގެ އިތުރުން ހިފާގެންގުޅޭ ގިނަ ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފާރު ވެއްޓިގެން ރިޕޯޓްކުރުމުން މިހާރު ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުންގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުން ވެސް އެތަނުގައި ހަރަކާތްތެރިވަމުން ކަމަށެވެ.