Roadha Mihaaru
10،000 ޑޮލަރު ބޭރު ކުރާ ނަމަ ޑިކްލެއާ ކުރަންޖެހޭ

ޑިކްލެއަަ ކުރަން ޖެހޭ އަދަދު 10،000 ޑޮލަރަށް ލިމިޓްކޮށްފި

17 ޖެނުއަރީ 2021

ދިހަ ހާސް ޑޮލަރަށް ވުރެ ބޮޑު އަދަދެއް ރާއްޖެ އެތެރެކޮށް ނުވަތަ ރާއްޖެއިން ބޭރު ކުރާ ނަމަ ޑިކްލެއާ ކުރަން ޖެހޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިހަ ހާސް ޑޮލަރަށް ވުރެ ބޮޑު އަދަދެއް ރާއްޖެ އެތެރެކޮށް ނުވަތަ ރާއްޖެއިން ބޭރު ކުރާ ނަމަ ޑިކްލެއާ ކުރަން ޖެހޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސައިފި އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވަކި އަދަދަކަށް އިތުރަށް ނަގުދު ފައިސާއިން ރާއްޖެ އެތެރެކުރާ ނުވަތަ ބޭރުކުރާ ފައިސާ ކަސްޓަމްސް އަށް އަންގަން ޖެހޭނެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަދާފައިވާ ގަވާއިދު ކުރިން އޮންނަނީ 20،000 ޑޮލަރު (308،000ރ.) އިން ފެށިގެން މަތީގެ އަދަދުތަކުން ނަގުދު ފައިސާ ގެންދާ ނަމަ އަންގަން ޖެހޭ ގޮތަށެވެ.

އެ ގަވާއިދަށް އެމްއެމްއޭ އިން މިދިޔަ ޑިސެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން މިހާރު 10،000 ޑޮލަރު (154،000ރ.) އިން ފެށިގެން މަތީގެ އަދަދުތަކުން ނަގުދު ފައިިސާ ރާއްޖެ އެތެރެކޮށް ނުވަތަ ބޭރުކުރާ ނަމަ، ކަސްޓަމްސް އަށް އަންގަން ޖެހޭނެ އެވެ. އަދި އެ އަދަދަށް ފައިސާ ހުރީ ދިވެހި ރުފިޔާ ނުވަތަ ބޭރުގެ އެހެން ފައިސާއަކުން ކަމަށް ވިޔަސް، ކަސްޓަމްސް އަށް އަންގަން ޖެހޭނެ އެވެ.

ފައިސާ ގެންދިއުމުގައި ކަސްޓަމްސް އަށް ސައްހަ ނޫން މައުލޫމާތު ދީފި ނަމަ ނުވަތަ ކުށަކާ ގުޅުންހުރި ފައިސާއެއް ކަމަށް ޝައްކުވާ ފަައިސާ ހިފެހެއްޓުމުގެ ބާރު ވެސް ކަސްޓަމްސް އަށް އޮވެ އެވެ.

ދާދިފަހުން އެމްއެމްއޭއިން ވަނީ ނަގުދު ފައިސާއިން ދުވާލަކު ނެގޭ މިންވަރު 200،000ރ. އަށް ލިމިޓް ކުރަން ބޭންކްތަކަށް އަންގައިފަ އެވެ. އެގޮތަށް އެންގީ ނަގުދު ފައިސާ ގެންގުޅުން މަދު ކުރުމުގެ ގޮތުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.