Roadha Mihaaru
ޔޫކޭ ޓޫރިސްޓުން ހަނީމޫންނަށް އަންނަން ބޭނުންވަނީ ރާއްޖެ

އިނގިރޭސިވިލާތުގެ ޓޫރިސްޓުން ހަނީމޫނަށް އަންނަން ބޭނުންވަނީ ރާއްޖެ އަށް

15 ޖެނުއަރީ 2021

އިނގިރޭސިވިލާތުގެ ޓޫރިސްޓުން މި އަހަރުގެ ތެރޭގައި ހަނީމޫނަށް ދާން އެންމެ ބޭނުންވާ މަންޒިލަކީ ރާއްޖެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިނގިރޭސިވިލާތުގެ ޓޫރިސްޓުން މި އަހަރުގެ ތެރޭގައި ހަނީމޫނަށް ދާން އެންމެ ބޭނުންވާ މަންޒިލަކީ ރާއްޖެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޕާސަނަލް ފައިނޭންސް ކުންފުންޏެއް ކަމަށްވާ "ނާޑްވޮލެޓް" އިން ހެދި މި ސާވޭގައި އިނގިރޭސިވިލާތުގެ އަލަށް ކައިވެނި ކުރި 1000 މީހުން ވަނީ ބައިވެރިވެފަ އެވެ. މި ސާވޭއަކީ ކައިވެންޏަށް އެހުމާއި ކައިވެނިން ފެށިގެން ހަނީމޫނާ ހަމައަށް ދާނެ ހަރަދުތަކާ ގުޅޭ މައުލޫމާތު އެއްކުރުމަށް ހެދި ސާވޭއެކެވެ.

މި ސާވޭގައި ކައިވެނި ކުރުމަށާއި ހަނީމޫނަށް ދާން ބޭނުންވާ މަންޒިލްތަކުގެ މައުލޫމާތު ވަނީ ހޯދައިފަ އެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ކައިވެންޏަށް އަހަން ދާން ބޭނުންވަނީ އެމެރިކާގެ ނިއުޔޯކަށެވެ. އަދި ކައިވެނި ޕާޓީ ބާއްވަން އިޓަލީ އަށް ދާން ބޭނުންވާއިރު ހަނީމޫނަށް ދާން ބޭނުންވަނީ ރާއްޖެ އަށެވެ.

އިނގިރޭސިވިލާތުގެ ޓޫރިސްޓުން ހަނީމޫނަށް ދާން ބޭނުންވާ ގައުމުތައް

- ދިވެހިރާއްޖެ

- ހަވާއީ (މައުވީ)

- ގްރީސް (ސެންޓޮރިނީ)

- އިޓަލީ (ޕުލިއާ)

- ޖަޕާން

ޓޫރިޒަމާ ގުޅުންހުރި އެކި އެވޯޑު ހަފްލާތަކުގައި ވެސް ރާއްޖެ އަށް ވަނީ އެންމެ ކަމުދާ ހަނީމޫން މަންޒިލްގެ އެވޯޑު ލިބިފަ އެވެ. އަދި ހަނީމޫނަށް ދާން އެންމެ ބޭނުންވާ ރިސޯޓުތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ރިސޯޓުތައް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 1،494 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.