Roadha Mihaaru
ސެމްސަންގު އާފޯނު ދައްކާލައިފި؛ ޗާޖަރާއި ހެޑްފޯނު ނެތް

ސެމްސަންގުގެ އާ ފޯނުތައް ދައްކާލައިފި؛ ޗާޖަރާއި ހެޑްފޯނުް ގަންނަން ޖެހޭނީ ވަކިން

14 ޖެނުއަރީ 2021

އާ އަހަރާ އަކު އާ ފޯނުތަކެއް ފުރަތަމަ ނެރުމުގެ ޝަރަފާ އެކު، ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް21 ސީރީޒްގެ ފޯނުތައް މިރޭ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ އަހަރާ އަކު އާ ފޯނުތަކެއް ފުރަތަމަ ނެރުމުގެ ޝަރަފާ އެކު، ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް21 ސީރީޒްގެ ފޯނުތައް މިރޭ ދައްކާލައިފި އެވެ.

އެ ސީރީޒްގައި ތިން މޮޑެލްއެއް ހިމެނެ އެވެ. އެއީ ގެލެކްސީ އެސް21، އެސް21 ޕްލަސްގެ އިތުރުން އެސް21 އަލްޓްރާ އެވެ. ފޯނުތައް ދައްކާލުމުގެ ކުރިން ސެމްސަންގުން ވަނީ، ޗާޖަރު ނުލައި އެޕަލްގެ އާ ފޯނު ނެރުމުން އެކަމަށް ޖޯކު ޖެހި ނަމަވެސް ސެމްސަންގުގެ މި ފޯނުތަކާ އެކު ޗާޖަރެއް ވެސް އަދި ހެޑްފޯނެއް ވެސް ނުލިބޭނެ ކަމަށް ބުނެފަ އެވެ. އެއީ ތިމާވެއްޓަށް އެހީވުމުގެ ގޮތުން ކަމަށް ބުންޏެވެ.

މިހާރު ވައިގައި ހިފަމުން އަންނަ 5ޖީ ނެޓްވޯކާ އިރު ނެރުނު ސެމްސަންގުގެ އާ ފޯނުތަކަށް ބަލާއިރު އެސް21 6.2 އިންޗީގެ ޑިސްޕްލޭ ހިމެނޭ 8 ޖީބީގެ ރޭމް އަދި 256 ޖީބީގެ ސްޓޯރޭޖް އެކުލެވޭ ފޯނެކެވެ. މީގެ އަގު ފެށެނީ 799.99 ޑޮލަރުންނެވެ.

ގެލެލްސީ އެސް21 ޕްލަސް އަކީ 6.7 އިންޗީގެ ފޯނެކެވެ. އަދި ރޭމް އާއި ސްޓޯރޭޖްގެ ކެޕޭސިޓީ އަކީ ހަމަ އެސް21 ގެ ވެސް ކެޕޭސިޓީ އެވެ. އަގު ފެށެނީ 999.99 ޑޮލަރުންނެވެ.

އެސް ޕެން ވެސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އެސް21 އަލްޓްރާގައި 6.8 އިންޗީގެ ޑިސްޕްލޭއާ އެކު 2 ޖީބީ ރޭމާ 512 ޖީބީގެ ސްޓޯރޭޖް ހިމެނެ އެވެ. މިއީ ސެމްސަންގުން އެސް ޕެން ސްޓައިލަސްއާ އެކު ނެރޭ ފުރަތަމަ ފޯނު ވެސް މެ އެވެ. އަގު ފެށެނީ 1،199 ޑޮލަރުންނެވެ.

ފޯނުތަކަށް މިއަދުން ފެށިން ޕްރި-އޯޑާކުރެވޭނެ އެވެ. އެކަމަކު އާންމުކޮށް ވިއްކަން ފަށާނީ މި މަހުގެ 29 އިން ފެށިގެންނެވެ. ސެމްސަންގުން ބުނި ގޮތުގައި އެސް21 ސީރީޒްގެ ފޯނުތައް ލިމިޑެޓް ޓައިމް ފްރޭމެއްގެ ތެރޭގައި އަސްލު އަގުތަކަށް ވުރެ ހެޔޮކޮށް ގަތުމުގެ ފުރުސަތު އޮންނާނެ އެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ފޯނާ އެކު ވަނީ އެ ކުންފުނީގެ އާ ހެޑްފޯން، ގެލެކްސީ ބަޑްސް ޕްރޯ ވެސް ދައްކާލި އެވެ. މީގެ އަގަކީ 200 ޑޮލަރެވެ.

ފޯނުތަކާއި ބަޑްސް ވެސް ތަފާތު ކުލަތަކުން ގަންނަން ލިބޭނެ އެވެ.