Roadha Mihaaru
އާމްދަނީއަށް ވުރެ ދެ ގުނަ ޚަރަދާ އެކު ޖީޑީޕީ ދަށަށް!

އާމްދަނީއަށް ވުރެ ޚަރަދު ދެ ގުނަ ބޮޑުވެ ޖީޑީޕީ 27 ޕަސެންޓް ދަށަށް

10 ޖެނުއަރީ 2021

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުގައި މިދިއަ އަހަރު ދައުލަތުގެ އާމްދަނީ އަށް ވުރެ ދެ ގުނަ އިތުރަށް ޚަރަދުވެ ޖީޑީޕީ 27 ޕަސެންޓް މައިނަސް ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުގައި މިދިއަ އަހަރު ދައުލަތުގެ އާމްދަނީ އަށް ވުރެ ދެ ގުނަ އިތުރަށް ޚަރަދުވެ ޖީޑީޕީ 27 ޕަސެންޓް މައިނަސް ވެއްޖެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނީ 14 ބިލިއަން ރުފިޔާ އެވެ. އެކަމަކު 30.6 ބިލިއަން ރުފިޔާ ޚަރަދުވި އެވެ. އެހެންވެ 15 ބިލިއަން ރުފިޔާ ވަނީ ޑެފިސިޓްވެފަ އެވެ.

ކޮވިޑްގެ އެންމެ ގޯސް ހާލަތުގައި ދައުލަތުގެ އިގްތިސާދު 29 ޕަސެންޓަށް ދަށްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ލަފާކުރެ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ 86 ބިލިއަން ރުފިޔާ އިން 57 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. އިގްތިސާދު މިހާ ބޮޑަށް ދަށްވެފައިވަނީ ކޮވިޑް ފެތުރޭތީ ބޯޑަރު ބަންދު ކުރުމާ އެކު، މައިގަނޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައުމުންނެވެ. މިކަމާ ހެދި އާމްދަނީ ވަރަށް ބޮޑަށް ދަށްވި އެވެ. ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ގާތްގަނޑަކަށް 78 ޕަސެންޓަށް ދަށަށް ދިޔަ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމްގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ އާއި ދަތުރުފަތުރާއި މުއާސަލާތުގެ ދާއިރާ ވެސް ވަނީ އޭގެ ކުރީ އަރަށްވުރެ ދަށަށް ގޮސްފަ އެވެ.

ރާއްޖެ އަކީ ކޮވިޑް-19ގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިސާދަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެއް ގައުމުކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެ އެވެ.

މިދިޔަ އަހަރު ފެށުނު އިރު ދައުލަތުގެ އަމާޒަކީ 29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމެވެ. ނަމަވެސް އިގްތިސާދަށް އައި ލޮޅުމާ ހެދި، ލިބުނީ އަންދާޒާ ކުރިވަރަށް ވުރެ 15 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް މެނޭޖްކުރީ ލޯނާއި ޓީބިލް ވިއްކައިގެން ލިބުނު ފައިސާއިންނެވެ. މިދިޔަ އަހަރު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރު 1.6 ބިލިއަން ޑޮލަރުގެ މުދާ އެތެރެ ކުރި އިރު 256.4 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. އޭގެ ކުރީ ހަތަރު އަހަރު ވެސް ރާއްޖެއަށް އެވްރެޖުކޮށް ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނަ މުދާ އެތެރެ ކުރެ އެވެ.

މިދޔަ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވި ނަމަވެސް އެމްއެމްއޭ އިން ވަނީ މިއަހަރުގެ އުފެއްދުންތެރިކަން 66 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެ އެވެ.