Roadha Mihaaru
މިލާނަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

މިލާނަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

10 ޖެނުއަރީ 2021

މިލާން (ޖެނުއަރީ 10) – ޓޮރިނޯ އަތުން 2-0 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިލާން (ޖެނުއަރީ 10) – ޓޮރިނޯ އަތުން 2-0 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އެ ޓީމު ރޭ މި މޮޅުވީ، މިދިޔަ ހަފުތާގައި ޔުވެންޓަސް އަތުން 3-1 އިން ބަލިވެ ލީގުގައި ބަލިނުވެ ދަަމަހައްޓަމުން އައި ރެކޯޑް 27 މެޗަށް ފަހު ނިމުމަކަށް އައިސްފައި ވަނިކޮށެވެ. އޭގެ ކުރިން އެ ޓީމު އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

މިލާން އެއް ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް އިންޓަ އަށް 16 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. މިއަދު ހަވީރު ރޯމާ އަތުން އިންޓަ މޮޅުވެއްޖެ ނަމަ އެ ޓީމަށް މިލާނާ އަނެއްކާ ވެސް އެއް ޕޮއިންޓަށް ގާތްވާނެ އެވެ. އަނެއްކޮޅުން ރޯމާ މޮޅުވެއްޖެ ނަމަ އެ ޓީމަށް 17 މެޗުން 36 ޕޮއިންޓް ހަމަކުރެވި ދެ ވަނަ އަށް އެރޭނެ އެވެ.

ރޭ މިލާނުގެ ދެ ގޯލް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލް 25 ވަނަ މިނެޓުގައި ޕޯޗުގަލްގެ ރަފައެލް ލީއޯ ޖެހީ ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ބްރަހިމް ޑިއާޒް ދިން ބޯޅައަކުންނެވެ. މިލާނުގެ ދެ ވަނަ ގޯލް 36 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ފްރޭންކް ކެސީ އެވެ. މިއީ ޑިއާޒް ހޯދައިދިން ޕެނަލްޓީއެކެވެ.

އަނިޔާގެ ސަބަބުން ދޮޅު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ޒަލަޓާން އިބްރަހިމޮވިޗް ވަނީ ފިޓްވެ ރޭގެ މެޗުގެ ފަހުކޮޅު ކުޅެން އަރައިފަ އެވެ. އޭނާ ވަނީ ލީގުގައި ކުޅުނު ހަ މެޗުން 10 ގޯލް ޖަހައިފަ އެވެ. އިބްރަހިމޮވިޗް އަނބުރާ އައުމަކީ ލީގަށް ވާދަކުރަމުން އަންނަ މިލާނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.