Roadha Mihaaru
ރޭޕްގެ އަމަލެއް ނުހިނގާ، ނުރުހުމުގައި އަތްލާން އުޅުނު

ރިސޯޓެއްގައި ރޭޕްގެ އަމަލެއް ނުހިނގާ، އުޅުނީ ގައިގައި އަތްލާން: ފުލުހުން

08 ޖެނުއަރީ 2021

ރިސޯޓެއްގައި ދިވެހިި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައުލޫމާތުތަކެއް ފެތުރުނަސް، އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި އެކަމަކު ނުރުހުމުގައި އަތްލާން މަސައްކަތް ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިސޯޓެއްގައި ދިވެހިި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައުލޫމާތުތަކެއް ފެތުރުނަސް، އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި އެކަމަކު ނުރުހުމުގައި އަތްލާން މަސައްކަތް ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ އިންޑިއާގެ ފިރިހެނަކު ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ވާހަކަތަކެއް މީޑިއާގައި ދާދިފަހުން އާންމުވި އެވެ. އޭރު ފުލުހުން ބުނެފައިވަނީ އެފަދަ ކަމެއް ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި އަދި ބައެއް މީޑިއާތަކުގައި އެ ވާހަކަ އޮތުމުން އެކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާގެ މައުލޫމާތު ބެލިއިރު، ރޭޕް ކުރުމުގެ އެއްވެސް އަމަލެއް ހިނގާފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށާއި އެކަމަކު ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އެ ރިސޯޓްގައި މަސައްކަތްކުރާ ބިދޭސީއަކު އަތްލާން މަސައްކަތް ކުރި ކަމަށް އެ އަންހެން މީހާ ބުނާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ މީޑިއާ އަށް އައުމުގެ ކުރިން ފުލުހުންނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ. އަދި ފަހުން އެ މައުލޫމާތު ލިބިގެން ބެލިއިރު، ތުހުމަތު ކުރެވޭ މީހާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.