Roadha Mihaaru
ނިއު ޔޯކް ޓައިމްސް: ހަމަނުޖެހުން އުފެއްދެވީ ޓްރަމްޕް

ނިއު ޔޯކް ޓައިމްސް: ހަމަނުޖެހުން އުފެއްދެވީ ޓްރަމްޕް

07 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 6) - އެމެރިކާގެ ކޮންގްރެސްގެ މައި އިމާރާތަށް ގަދަކަމުން ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ ރައީސް ޑޮނަލްޑް ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށް ބުނެ، އެމެރިކާގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސް އިން، އެ މައްސަލަ ބަލަން ގޮވާލައިފި އެވެ.

ވޮޝިންޓަން (ޖެނުއަރީ 6) - އެމެރިކާގެ ކޮންގްރެސްގެ މައި އިމާރާތަށް ގަދަކަމުން ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ ރައީސް ޑޮނަލްޑް ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށް ބުނެ، އެމެރިކާގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސް އިން، އެ މައްސަލަ ބަލަން ގޮވާލައިފި އެވެ.

ނުފޫޒު ގަދަ ނޫހުގެ އެޑިޓޯރިއަލްގައި ލިއެފައިވާ ގޮތުގައި ރައީސް ޓްރަމްޕާއި އޭނާއަށް ވާގިވެރިވާ ސެނެޓާއި ހައުސް (ދިވެހިން އާންމުކޮށް ކިޔާ ނަމުން ނަމަ ކޮންގްރެސް)ގެ މެމްބަރުން ވަނީ ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދީ، އިންތިހާބުގެ ސައްހަކަމާ މެދު އާންމުންގެ ހިތުގައި ޝައްކު އުފައްދައިފަ އެވެ. އަދި ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތުމަށް ފަހު ހުއްޓުމެއް ނެތި، ޓްރަމްޕް ގެންދެވީ އެމެރިކާގެ ޑިމޮކްރެސީގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ މިނިވަން އިންތިހާބު "ވަގަށް ނެގި ކަމަށް" ވިދާޅުވެ، އޭނާގެ ސަޕޯޓަރުން ރުޅިއަރުވަމުން ކަމަށް ވެސް، ނިއު ޔޯކް ޓައިމްސްގެ އެޑިޓޯރިއަލްގައި ލިއެފައިވެ އެވެ.

ހައުސް، ކޮންގްރެސްގެ ތިރިގެ އަދި ސެނެޓް، ކޮންގްރެސްގެ މަތިގެ، އެއްވެގެން ރޭ ފެށި ޖަލްސާއަކީ ރިޔާސީ އިންތިހާބުގައި އެމެރިކާގެ އެކި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭ ގޮތް އިއުލާންކޮށް، ނަތީޖާގައި އެންމެ ފަހުގެ ރަސްމީ ސިފަ ޖެއްސުމެވެ. އެމެރިކާގެ ރައީސަކަށް ހޮވޭނީ ކޮލެޖް ވޯޓުގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން ބައިޑަންއަށް 306 ލިބިވަޑައިގެންނެވި އިރު ޓްރަމްޕްގެ އަދަދަކީ 232 އެވެ.

އެމެރިކާގެ ކޮންގްރެސްގެ އިމާރާތުގައި ކެޕިޓޮލް ފުލުހުންނާއި ޓްރަމްޕުގެ ސަޕޯޓަރުން ކުރިމަތިލަނީ. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ކޮންގްރެސްގެ އިމާރާތުގައި ކެޕިޓޮލް ފުލުހުންނާއި ޓްރަމްޕުގެ ސަޕޯޓަރުން ކުރިމަތިލަނީ. --ފޮޓޯ:އޭއެފްޕީ

އެކަމަކު އެމެރިކާގެ ފަހުގެ ތާރީޚުގެ އެއްވެސް ރައީސެއްގެ ފަރާތުން ފެނިފައި ނުވާ ފަދަ ގޮތްދޫނުކުރެއްވުމެއް ޓްރަމްޕް ގެންދަވަނީ ދައްކަވަމުންނެވެ. އޭނާ އަދިވެސް ބަލި ގަބޫލެއް ނުކުރައްވަ އެވެ. އިންތިހާބު އޮޅުވާލީ ކަަމށް ވިދާޅުވާ ވާހަކާގައި، އެއްވެސް ހެއްކެއް ނެތެވެ. އެމެރިކާގެ އެކި ކޯޓުތަކަށް ވެއްދި ހުރިހާ މައްސަލައެއްހެން ވަނީ، ޓްރަމްޕާއި އޭނާގެ ސަޕޯޓަރުންނާ ދެކޮޅަށް ނިމިފަ އެވެ. އޭގެ ތެރޭގައި، އޭނާ އައްޔަންކުރެއްވި ތިން ފަނޑިޔާރަކު ތިއްބެވި، ސުޕްރީމް ކޯޓު ވެސް ހިމެނެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ، އިންތިހާބުގެ ނަތީޖާ ބަދަލުވާ ފަދަ ނިޒާމީ އެއްވެސް ނުބައެއް ހިނގާފައިނުވާ ކަމަށެވެ.

ނިއު ޔޯކް ޓައިމްސްގެ އެޑިޓޯރިއަލްގައި ލިއުނު ގޮތުގައި ކޮންގްރެސްގެ ޖަލްސާއާ ދިމާކޮށް ވެރިރަށަށް ސަޕޯޓަރުން ގެންނެވީ ޓްރަމްޕެވެ. އިންތިހާބު "ވަގަށް ނެގީ ކަމަށް" ސަޕޯޓަރުން ކައިރީގައި ވިދާޅުވީ ޓްރަމްޕެވެ. ތަޅާފޮޅަން އެންގެވީ ޓްރަމްޕެވެ. އެ މީހުންނާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިމާރާތަށް އެ މީހުން ވަދެގަތުމުން، އެކަން ކުށްވެރިނުކޮށް އަދި އެއްވެސް އެއްޗެއް ވިދާޅުނުވެ، އެތައް ގަޑިއިރެއް ހޭދަކުރެއްވި ކަމަށް ވެސް، އެމެރިކާގެ ރައީސްގެ ފެއިލްވުން ދެއްކުމުގެ ގޮތުން، އެޑިޓޯރިއަލްގައި ލިއުނެވެ.

އެންމެ ފަހުން ވާހަކަ ދެއްކެވި އިރު ވެސް، ޓްރަމްޕް ވަނީ ސަޕޯޓަރުންގެ ރުޅިވެރިކަން ދަމަހައްޓަވައިފަ އެވެ. "އެނބުރި ގެއަށް ދާށޭ" ވިދާޅުވުމަށް ފަހު ދެން ވިދާޅުވީ "އަހަރެމެން ކަލޭމެން ދެކެ ލޯބިވަން" ކަމަށެވެ.

"މިއީ ރައީސެއްގެ ޒިންމާ ނަންގަވަން ދެކޮޅުހައްދަވާކަން ދޭހަކޮށްދޭ އަދި އޭގެ ނަތީޖާއާ މެދު ފަރުވާލެއް ނުބަހައްޓާކަން އެނގޭ އަމަލެކެވެ،" ނިއު ޔޯކް ޓައިމްސްގައި ލިއުނެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަތުމުން ކެޕިޓޮލް ފުލުހުންގެ ސްވޮޓް ޓީމުން ކޮންގްރެސްގެ ސްޓާފުން ފާސްކުރަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަތުމުން ކެޕިޓޮލް ފުލުހުންގެ ސްވޮޓް ޓީމުން ކޮންގްރެސްގެ ސްޓާފުން ފާސްކުރަނީ. --ފޮޓޯ:އޭއެފްޕީ

ނޫހުން ގޮވާލީ ރައީސާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެއީ އިމްޕީޗްކުރުން ކަމަށް ވިޔަސް އަދި ޖިނާއީ ދައުވާއެއް އުފުލައިގެން ކަމަށް ވިޔަސް މެ އެވެ. އަދި ހަމަނުޖެހުން އުފެއްދި ސަޕޯޓަރުންނަށް ވެސް އޮންނަން ޖެހޭނީ އެގޮތް ކަމަށް، އެޑިޓޯރިއަލް އިން ގޮވާލި އެވެ.

"މިއީ 2020 ގެ އިންތިހާބުގެ ނަތީޖާ އަށް ދިން ހަމަލާއެއް ނޫނެވެ. މިއީ ކުރިމަގުގެ އިންތިހާބުތަކުގައި ނުކުންނާނެ ނަތީޖާތަކާ މެދު ދެކޮޅުވެރިކަން އުފައްދަން ބޭނުންކޮށްފާނެ 'ނަމޫނާއެކެ'ވެ،" އެޑިޓޯރިއަލްގައި ލިއުނެވެ.

"ޖެނުއަރީ 6، 2021 މާޒީވެގެން ދާނީ ކަޅު ދުވަހެއްގެ ގޮތުގަ އެވެ. ސުވާލަކީ، ރައީސް ޓްރަމްޕްގެ ވެރިކަން ނިމުނަސް، މިއީ އަނދިރިކަމެއްގެ ތެރެއަށް އެމެރިކާ ވެއްޓުމުގެ ފެށުމެއް ހެއްޔެވެ؟ ނުވަތަ އެފަދަ ވެއްޓުމެއްގެ ނިމުން ހެއްޔެވެ؟"

މި ސުވާލުތަކާ އެކު ނޫހުން، ރިޕަބްލިކަން ޕާޓީގެ ލީޑަރުންނަށް ގޮވާލީ އެމެރިކާގެ ޑިމޮކްރަސީ އަށް ދޭ ހަމަލާތައް ހުއްޓާލުމަށެވެ. އަދި އެ މީހުންގެ ހުވާޔާ އެއްގޮތަށް، ގައުމު ދިފާއުކޮށްދިނުމަށެވެ.