Roadha Mihaaru
ދެކުނު ޓޫރިޒަމް ކުރިއަށް ދާނީ "ރާސްލާފައި": މައުސޫމް

ދެކުނުގެ ޓޫރިޒަމް ފެންނަނީ "ރާސްލާފައި ކުރިއަށް ދާނެތަން": ޑރ. މައުސޫމް

07 ޖެނުއަރީ 2021

ރާއްޖޭގެ ވަކި ސަރަހައްދެއްގެ ޓޫރިޒަމް "ރާސްލާފައި ކުރިއަށް ދާނެ ތަން" ޓޫރިޒަމް މިނިސްޓަރަށް ފެނިވަޑައިގަންނަވާ ނަމަ، އެއީ ކުރިމަގުގެ އާދައިގެ ހާސިލްވުމަކަށް ވެދާނެ ހެއްޔެވެ؟

މޫސާ ލަތީފް މޫސާ ލަތީފް

ރާއްޖޭގެ ވަކި ސަރަހައްދެއްގެ ޓޫރިޒަމް "ރާސްލާފައި ކުރިއަށް ދާނެ ތަން" ޓޫރިޒަމް މިނިސްޓަރަށް ފެނިވަޑައިގަންނަވާ ނަމަ، އެއީ ކުރިމަގުގެ އާދައިގެ ހާސިލްވުމަކަށް ވެދާނެ ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވާ ގޮތުގައި އައްޑު އާއި އެންމެ ދެކުނުގެ ޓޫރިޒަމް އޭނާއަށް ފެނިވަޑައިގަންނަވަނީ "ރާސްލާފައި ކުރިއަށް ދާނެ ތަނެ"ވެ.

އޭނާގެ މި ވާހަކަ އައީ، މިދިއަ އާދިއްތަ އާއި ހޯމަދުވަހު އައްޑު އަށް ކުރެއްވި ދަތުރާ ވެސް ގުޅިގެންނެވެ. މި ދަތުރުގައި މީދޫގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ހުޅުއްވައި ދެއްވި އެވެ. އަދި އައްޑޫގައި އިނގިރޭސިން އުޅުނު އިރު ގަމަށް ތެޔޮ ސަޕްލައިކުރަން ބޭނުންކުރި "ބްރިޓިޝް ލޯޔަލްޓީ" ޓޭންކަރު ފެތިގެން އުފެދުނު ޑައިވިން ރެކަށް 75 އަހަރު ފުރުން ވެސް ފާހަގަކުރެއްވި އެވެ. ދެވަނަަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ހަމަލާއެއްގައި އެ ބޯޓު ފެތި، މޫދު އަޑީގެ ދިރުންތައް އޭގައި އުފެދި މިހާރު އެއީ ހިތްގައިމު ޑައިވިން ސަރަހައްދެކެވެ.

މީދޫ ފަދަ ތާރީހީ ރަށެއްގައި ހުރި ޓޫރިޒަމަށް އެކަށީގެންވާ މަންޒަރުތަކާއި އައްޑޫގެ ކަނޑު އަޑީގެ ރީތިކަމާއި އައްޑޫ ރައްޔިތުންގެ ކިބާގައި ހުރި ޓޫރިޒަމްއާ ރަހުމަތްތެރި ހުނަރާއި އާދަތަކަކީ، މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި، އެ ސިޓީގެ ޓޫރިޒަމްގެ ކުރިމަގަށް ލިބޭ އެޑްވާންޓޭޖްތަކެވެ.

ޑރ. މައުސޫމް ވިދާޅުވީ ގަމަކީ އެންމެ ދެކުނުގެ މައި ވައިގެ ބަނދަރަށް ހަދާފައި، ހުވަދު އަތޮޅުގައި ޓޫރިޒަމްގެ ގިނަ ރިސޯޓްތަކެއް ތަރައްގީވުމުން އެ އޮތީ ރާއްޖޭގެ އެންމެ ދެކުނުގެ ޓޫރިޒަމް ފައްކާވެފައި ކަމަށެވެ. ސަރުކާރުގެ ޕްލޭނަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ހިސާބުގައި ހައެއްކަ ހާސް އެނދު އުފެއްދުމެވެ.

"އައްޑޫ ސިޓީ އާއި ސަދަން ޒޯނަކީ ޓޫރިޒަމް ރާސްލާފައި ކުރިއަރައިގެން ދާނެ ތަނެއް،" ކުރިމަގުގެ ހުވަފެންތަކާ މެދު ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑު އަަމިއްލައަށް ހައިރާންވާހާ ބޮޑަށް އައްޑޫ ސިޓީ ކުރިއަރައިގެން ހިނގައިދާނެ. އަޅުގަނޑަށް ގަބޫލުކުރެވޭ."

އެކަމަކު މިހާރު އައްޑޫ އޮތީ އެފަދަ އުފާވެރިކަމެއްގެ ތެރެއަކު ނޫނެވެ. މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ޝަންގުރިއް ލާ ވިލިނގިލި، ކޮވިޑް ތެރޭގައި ބަންދުކުރި ގޮތަށް ހުޅުވޭނެ ދުވަހެއް ވިދާޅުވާން މިނިސްޓަރަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. މީގެ 12 އަހަރު ކުރިން އައްޑޫ ރައްޔިތުންނަށް ބޮޑު އުއްމީދެއް ގެނެސްދިން އެ އަތޮޅުގެ ފުރަތަމަ ރިސޯޓް، ހެރަތެރެ (މިހާރު ސިންގަޕޫރުގެ ކޭނަރީފް ރިސޯޓް) ވެސް އޮތީ ބަންދުކޮށްފަ އެވެ.

އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ޓޫރިސްޓުންގެ ބަޔަކކު ގޮވައިގެން އެއާޕޯޓްގެ ރެޕަކު ދަނީ: ރާއްޖޭގެ ޓޫރިޒަމް ދެން ފުޅާވާން އޮތީ އުތުރާއި ދެކުނުގެ ޓޫރިޒަމް ތަރައްގީކޮށްގެން --ފޮޓޯ: ނިޝާން އަލީ/މިހާރު

އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ޓޫރިސްޓުންގެ ބަޔަކކު ގޮވައިގެން އެއާޕޯޓްގެ ރެޕަކު ދަނީ: ރާއްޖޭގެ ޓޫރިޒަމް ދެން ފުޅާވާން އޮތީ އުތުރާއި ދެކުނުގެ ޓޫރިޒަމް ތަރައްގީކޮށްގެން --ފޮޓޯ: ނިޝާން އަލީ/މިހާރު

ޑރ. މައުސޫމް ވިދާޅުވީ އެ ދެ ރިސޯޓް ވީހާވެސް އަވަހަކަށް ހުޅުވޭތޯ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ދެ ރިސޯޓް ބަންދުކޮށްފައި ބޭއްވުމަކީ އޮޮޕްޝަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ދެ ރިސޯޓް ހުޅުވި، އައްޑޫގެ އެތައް ސަތޭކަ ބަޔަކު އަލުން ވަޒީފާއަށް ނުކުމެވޭނެ ވަކި ތާރީހެއް ސަރުކާރަކަށް ނޭނގެ އެވެ. ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭނުން އެ ސަރަހައްދުގެ ޓޫރިޒަމަށް މިހާރު ވެސް ވަރަށް ފުޅާކޮށް ހިފޭކަމަށް ފެނެ އެވެ. އެގޮތުން ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރަން، ހުވަދު އަތޮޅުގެ ބައެއް ރިސޯޓްތަކަށް އައި މަހުޖަނުންގެ ޖެޓްތައް ޖެއްސީ ގަން އެއާޕޯޓަށެވެ.

ގުދުރަތީ ރީތިކަން ބޮޑު އަދި އެތައް ސަތޭކަ ރަށަކުން ގެތިފައި އޮތް ހުވަދު އަތޮޅުގެ ޓޫރިޒަމް ފުޅާކޮށް، އެންމެ ދެކުނުގެ ޓޫރިޒަމް "ރާސްލާފައި ކުރިއަށް ދާނީ"، ޑރ. މައުސޫމް ވިދާޅުވި ގޮތުގައި، އެވަރަށް އިންވެސްޓްމަންޓްތައް ގެނެވިގެންނެވެ. އެހެންކަމުން މިނިސްޓަރަށް ވެސް އަދި އެހެން މީހުންނަށް ވެސް، ސުވާލު އޮތީ އެކަން ކުރެވިދާނެކަމާ މެދުގަ އެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމްގައި މާލެ ސަރަހައްދުގެ ތޮއްޖެހުން ބޮޑުވަމުން ދާ އިރު، ރާއްޖޭގެ ޓޫރިޒަމް ދެން ފުޅާވާން އޮތީ އުތުރާއި ދެކުނުގައި އެނދު އިތުރުކޮށްގެންނެވެ. އަދި އެއީ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު" ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރަން އެކި ސަރުކާރުތަކުން އެކި ކަންކަން ކުރަން އަބަދުވެސް ރާވަ އެވެ. ހެރަތެރެ ހުޅުވި ދުވަސްވަރު ޗާޓަރު ފްލައިޓްތައް ވެސް ބޭއްވި އެވެ. އެކަމަކު އަންނަ ޓޫރިސްޓުން މަދުވެ، އެވަރުގެ ވައިގެ ދަތުރުފަތުރެއް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި، މާ ގިނަ ދުވަހެއް ނުވެ ހުއްޓާލީ އެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި އެއާލައިންތަކާ އެކު ސަރުކާރުން މިހާރު ވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެގޮތުން އައްޑު އާއި ހުވަދު އަތޮޅު އެއްކޮށްލައިގެން ޓޫރިސްޓުންނަށް ޕެޖޭކްތަކެއް ހެދިދާނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ކުރީގެ ތަޖުރިބާއަށް ބަލާއިރު އެއާލައިނަކުން ނުވަތަ އެއާލައިންތަކަކުން އެ ސަރަހައްދަށް ވައިގެ ދަތުރުތައް ފަށަން އޮތީ ކޮން އެޑްވާންޓޭޖެއްތޯ ދެންނެވުމުން، އޭނާ ވިދާޅުވީ ހުރިހާ ކަމެއް ވެސް ފުރިހަމަވާނީ "އެންމެ ވިޔަފާރި ލައިނެއް އޮތުމުގެ ބަދަލުގައި ވިޔަފާރީގެ ގިނަ ކަންކަން ހުރެގެން" ކަމަށެވެ.

"ކަންކަން ގިނަވާންވީ. މިސާލަކަށް 6،000 އެނދު. އޭރުން އެންމެ އެއާލައިނެއް ނޫން، އެންމެ ރިސޯޓެއް ނޫން ލިބެން އޮންނާނީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެންމެ ރިސޯޓެއް ބަންދުކޮށްގެން އޭރަކުން އައްޑޫ [ނުވަތަ ދެކުނު]ގެ ޓޫރިޒަމް ފުނޑައިގެންނެއް ނުދާނެ."

އުއްމީދުތައް ކިތައްމެ މައްޗަސް، މިނިސްޓަރުގެ މި ވާހަކަތަކަށް އަމަލީ ސިފައެއް އައުމަކީ އަދި އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ހުވަދު އަތޮޅުގެ އެކި ހިސާބުގައި މިހާރު ވެސް ރިސޯޓްތައް ގިނަވެއްޖެ އެވެ. އައްޑު އާއި ފުވައްމުލަކުގައި ގެސްޓް ހައުސްތައް ވެސް އެބަ ގިނަވެ އެވެ. އަދި އިތުރު ރިސޯޓްތައް އަންނަނީ ހަދަމުންނެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި މި އަހަރުގެ ޓޫރިޒަމްގެ ފުރަތަމަ އިވެންޓް، ބްރިޓިޝް ލޯޔަލްޓީ ޝިޕް ރެކަށް 75 އަހަރު ފުރުމުގެ ހަނދާންތައް އާ ކުރަން ހަފުލާއެއް އައްޑޫގައި ބޭއްވީ އެ ސިޓީގެ އިސްނެގުމަށެވެ. އެމީހުންގެ އެ ޖޯޝާއި ފޯރި އާއި އުއްމީދު ވެސް ހުރި ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރާ އިރު އެ އުފާވެރިކަން އައްޑުއަށް އަންނާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، "ވަަރަށް މާނަ ފުންކޮށެ"ވެ.