31 މާޗް 2020
އާންމު ދުވަހެއް ނަމަ މުހައްމަދު އަމީން ރޭ ފަތިހު ގާތްގަނޑަކަށް 5:00 ހާ އިރު ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި، އިރުގެ ފުރަތަމަ ދޯދިތަކާ އެކު ނައްޓާލާ ޓީއެމްއޭގެ ބޯޓުފަހަރުން ރިސޯޓްތަކަށް އުދުހޭ ޓޫރިސްޓުން ގޮވައިގެންނެވެ. އެއީ ރޭ އައިސް މާލޭގައި ރޭކުރާނެ ޓޫރިސްޓުންނެވެ.
އާންމު ދުވަހެއް ނަމަ މުހައްމަދު އަމީން ރޭ ފަތިހު ގާތްގަނޑަކަށް 5:00 ހާ އިރު ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި، އިރުގެ ފުރަތަމަ ދޯދިތަކާ އެކު ނައްޓާލާ ޓީއެމްއޭގެ ބޯޓުފަހަރުން ރިސޯޓްތަކަށް އުދުހޭ ޓޫރިސްޓުން ގޮވައިގެންނެވެ. އެއީ ރޭ އައިސް މާލޭގައި ރޭކުރާނެ ޓޫރިސްޓުންނެވެ.
އާންމު ދުވަހެއް ނަމަ، އޭނާ މިއަދު ގާތްގަނޑަކަށް 10 ނުވަތަ 11 ޖަހަންދެން، މާ ބޮޑު ރެސްޓެއް ނެތި ހަރަކާތްތެރިވާނީ، ހެނދުނުގެ އެކި ފްލައިޓްތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔައި، ތިން ރިސޯޓަކަށް ފޮނުވުމުގަ އެވެ.
އާންމު ދުވަހެއް ނަމަ، މިއަދު އޭނާއާ އެކު އެތައް ސަތޭކަ އެއާޕޯޓް ރެޕުންނެއް، އަވަދިނެތި އުޅޭނީ އެތައް ހާސް ޓޫރިސްޓުންގެ އެކި ކަންކަމުގަ އެވެ.
އާންމު ދުވަހެއް ނަމަ، އޭގެ ތެރެއިން އެތައް ބަޔަކަށް ޓިޕްސްގެ ގޮތުގައި އެތައް ޑޮލަރެއް ލިބި، މަހުގެ އާމްދަނީއަށް ބޮޑު އެއްޗެއް އިތުރުވާނެ އެވެ.
އެކަމަކު ނަސީބު ދިމާކުރި ގޮތުން މިއަދަކީ އާންމު ދުވަހެއް ނޫނެވެ. މިއަދު ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް އޮތީ ހުހަށެވެ. ޓޫރިސްޓުންނެއް ނެތެވެ. މުޅި ތަން ހިމޭންކަމުގަ އެވެ.
ލޮލުން ކަރުނަ އަންނަންޏާ އަމީންގެ ލޮލުން އެ ކަރުނަ އޮހިގަތުން އެންމެ ރަނގަޅެވެ. "މިހާރު"ގެ ދައުވަތަކަށް އެއާޕޯޓަށް ގޮސް އޭނާ އާއި އޭނާގެ އެކުވެރި އެހެން ރެޕުންގެ އާންމު ދުވަސްތަކުގެ ވާހަކަތައް ކިޔައިދިނީ ހިތާމައިގައި އިނދެ އެވެ. ވީއައިއޭ ހުސްކޮށް އޮތުމަކީ ރާއްޖޭގެ އިގުތިސާދު ވެސް ހުސްވެގެން ދިއުމެވެ. އަމީން އާއި އޭނާގެ އެކުވެރިންނާއި އެއާޕޯޓްގައި ވަޒީފާ އަދާކުރާ އެހެން މީހުންނާއި އަހަރެމެންނާއި އެހެން ދިވެހިންގެ ވެސް (މަދު ބަޔަކު ނޫނީ) ދިރިއުޅުން ގާތްގަނޑަކަށް ހުސްވުމެވެ.
ބަންޔަންޓްރީގެ އެއާޕޯޓް ސާވިސަސް ކޯޑިނޭޓަރުގެ މަގާމުގައި ހުރި އަމީން އިއްޔެ އެކަނިމާއެކަނި އެއާޕޯޓްގައި "މިހާރު"އަށް އިންޓަވިއު ދިނުމުގެ ތެރެއިން --ފޮޓޯ/ނިޝާން އަލީ/މިހާރު
"ދުވަހަކު ވެސް، ދުވަހަކު ވެސް ހިތަކަށް ނާރާ މިކަހަލަ ދުވަހެއް އަތުވެދާނެއޭ،" ރިސޯޓްތަކަށް ހާއްސަކޮށްފައި ހުރި ކައުންޓަރުތަކުގެ ތެރެއިން އެއް ކައުންޓަރުންގައި އިނދެ، އޭނާ ބުންޏެވެ.
"އެއާޕޯޓް ހުސްވެދާނެ ކަމަކަށް ހިޔާލަށް ވެސް ނުގަނެވޭ."
ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖައްސާ ކޮވިޑް-19 ބައްޔާ އެކު ދުނިޔެ ހުއްޓިއްޖެ އެވެ. އެ ހުއްޓުން އަހަރެމެންނަށް އެންމެ ރަނގަޅަށް އިހުސާސްކުރެވޭނީ ވީއައިއޭގެ ތެރެއިންނެވެ. އެއީ ހުރިހާ ރިސޯޓަކަށް، ހުރިހާ ހޮޓާތަކަކަށް، ހުރިހާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ބެހިގެން ދާ ތަނެވެ. އެއީ އިގުތިސާދުގެ ދިރުން ދައްކައިދޭ މައި މަރުކަޒެވެ.
އާންމު ގޮތެއްގައި ވީއައިއޭއަށް ދުވާލަކު 4،000 އާއި 6،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ. ދުވާލަކު މަދުވެގެން 30 ހަކަށް އިންޓަނޭޝަނަލް ފްލައިޓް ޖައްސަ އެވެ. ޑޮމެސްޓިކް ފްލައިޓްތަކުގެ އަދަދު ގާތްގަނޑަކަށް 70 އަށް އަރަ އެވެ. ކަނޑަށް ޖައްސާ ބޯޓުތަކުގެ ދަތުރުތައް އަދި އެއަށް ވުރެ މާ ގިނަވާނެ އެވެ. އެހެންކަމުން ވީއައިއޭގެ ތެރެއިންނާއި ބޭރުންނާއި ހުޅުލޭގެ މަތިން ފެންނާނީ ރާއްޖޭގެ އިގުތިސާދީ އިންޖީނުގެ ހިނގުމެވެ. އޭގެ އަޑުތަކެވެ.
"ފަތިހު ފަހެއް ޖަހާއިރު އެއާޕޯޓަށް އަންނަނީ ރޭގަނޑު މާލޭގައި މަޑުކުރާ ޓޫރިސްޓުން ރިސޯޓަށް ފުރުވާލަން. އެ މީހުން ރިސޯޓްތަކަށް ފުރާނެ ހެނދުނު ހެނދުނާ. އެ މީހުން އެއާޕޯޓަށް ގެނެސް ސީޕްލޭން ޓާމިނަލްއަށް ފޮނުވުން ފުރަތަމަ ކަމަކަށް އޮންނާނީ،" ރާއްޖޭގައި ތިން ރިސޯޓެއް ހިންގަމުން އަންނަ ބަންޔަންޓްރީގެ އެއާޕޯޓް ސާވިސަސް ކޯޑިނޭޓަރުގެ މަގާމުގައި ހުރި އަމީން، 44، ބުންޏެވެ.
އޭގެ ފަހުން އެ އޮތީ މުޅި ދުވަހަށް ދެމިގެންދާ މަސައްކަތް ފެށިފަ އެވެ. ބައެއް ދުވަސްދުވަހު ހެނދުނު ސައި ވެސް ބޮވޭނީ 10 ނުވަތަ 11 ގެ ފަހުންނެވެ.
"އެންމެ ބިޒީ ދުވަސް ދުވަހު އަހަރެމެންގެ ތިން ރިސޯޓަށް މީހުން އަންނާނެ ވިއްސަކަށް އެއާލައިނުން. އަބަދު ބޯޓުތައް ޖައްސަ ޖައްސާ ހުންނާނީ،" އަމީން ކިޔައިދިނެވެ.
ވީއައިއޭގެ ގޮނޑިތައް ހުހަށް: މި އެއާޕޯޓް ހުސްކޮށް އޮތުމަކީ އިގުތިސާދު ވެސް ވެއްޓުން --ފޮޓޯ/ނިޝާން އަލީ/މިހާރު
އެއީ ގާތްގަނޑަކަށް މިދިއަ 15 އަހަރު، އޭނާ އާއި އޭނާގެ އެކުވެރި އެއާޕޯޓް ރެޕުން ވަޒީފާ އަދާކުރަމުން އައި ގޮތެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ގިނަވަމުން އައި ވަރަކަށް، އެ މީހުންގެ ބިޒީކަން ވެސް އައީ ބޮޑުވަމުންންނެވެ. މިދިއަ އަހަރު ރާއްޖެ ފާހަގަކުރީ ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި 1.5 މިލިއަން ޓޫރިސްޓުން އައުމުގެ އުފަލެވެ.
ރާއްޖޭގެ ޓޫރިޒަމަށް މީގެ ކުރިން ވެސް ބަނަ ދުވަސްތަކެއް ދިމާވި އެވެ. އެމެރިކާ އަށް 2001 ގައި ދިން ޓެރަރިސްޓް ހަމަލާ އާއި 04-2003ގެ ސާސް ރޯގާ އާއި 2004ގެ ސުނާމީގެ އިތުރުން 09-2008 ގައި ކުރިމަތިވި ދުނިޔޭގެ މާލީ ބާޒާރުގެ ފުނޑުވުމާ އެކު، ޓޫރިސްޓުން އައުން މަދުވި އެވެ. އެކަމަކު އެއިން އެއްވެސް ފަހަރަކު އެއާޕޯޓް މުޅިން ހުއްޓި، ރިސޯޓްތައް މުޅިން ހުހެއް ނުވެ އެވެ. ހުރިހާ އެއާލައިނަކުން ދަތުރުތަކެއް ކެންސަލެއް ވެސް ނުކުރެ އެވެ.
އަމީން ބުނި ގޮތުގައި ކޮރޯނާވައިރަސްގެ މައްސަލަ ޗައިނާގައި އެންމެ ބޮޑުވެގެން ދިޔަ އިރު ވެސް "މިވަރު ވެދާނެ ކަމަކަށް އަހަރެމެން އެއްވެސް މީހަކު ހިއެއްނުކުރެ" އެވެ.
"މިއީ ހަމަ ޝޮކެއް. މިތަނުގައި އުޅޭ ވަރަށް ގިނަ މީހުން އެ ޝޮކްގައި އެ އުޅެނީ،" މާލީ ގޮތުން އޭނާ އާއި އޭނާގެ އެކުވެރިންނަށް މިހާރު ކުރިމަތިވެފައިވާ ދަތިކަމަށް ވެސް އިޝާރަތްކޮށް އަމީން ބުންޏެވެ.
އަމީންގެ އުފަން ރަށަކީ އައްޑޫ ސިޓީގެ ހިތަދު އެވެ. އަންބަކާއި ދެ ކުދިން އެބަ ތިއްބެވެ.
އެއާޕޯޓްގެ މަސައްކަތް ނިންމުމަށް ފަހު އަމީން އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިން އާންމުކޮށް ކޮންމެ ރެއަކު ހެން ސިޓްރޮން ރެސްޓޯރެންޓްގައި، ކޮފީގައި ބައްދަލުކުރެ އެވެ. އެކަމަކު މިހާރު އެ އެންމެން ކަހަލަ ގޮތަކަށް ގެއްލިއްޖެ އެވެ.
"ބައެއް ރައްޓެހިންނަށް މިހާރު ވެސް ގޮތް ހުސްވެއްޖެ. އެއް ބަޔަކު ބުނަނީ ރަށަށް ދަނިއްޔޭ ކުލި ދައްކައިގެން މި ދުވަސްކޮޅު ނޫޅެވޭނެއޭ،" ޓޫރިޒަމަށް ލޮޅުން އައިތާ އެންމެ މަހެއްގެ ތެރޭގައި، ބައެއް މީހުންގެ ހަޔާތަށް ކުރިމަތިވި ބޮޑު ބަދަލާ ބެހޭ ގޮތުން އަމީން ބުންޏެވެ.
އެއާޕޯޓް ޖެޓީ ކައިރީގައި ފުލުހަކު އެކަނިމާއެކަނި: މި ދުވަސްވަރު ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި އެއްވެސް ހަރަކާތެއް ނެތް --ފޮޓޯ/ނިޝާން އަލީ/މިހާރު
ކޮންމެ ދުވަހަކު އެއާޕޯޓުން ބައްދަލުވާ އެއް ރައްޓެއްސެއްގެ ހާލަތު އަދި އެއަށް ވުރެ ވެސް ދަށްވާނެ ކަން އެނގޭތީ އޭނާ ހުރީ ވަރަށް ދެރަވެފަ އެވެ. ގޮހޮރުގެ ސީރިއަސް ބައްޔެއްގައި އުޅެމުން އަންނަ، އެ ރަހުމަތްތެރިޔާގެ މަންމަގެ ބަނޑުން ބޭރަށް ގުޅަން ޖެހޭ ކޮތަޅަށް ބޮޑު ހަރަދެއް ހިނގަ އެވެ. އޭގެ ހަތަރު ކޮޅު ހިމެނޭ ޕެކެއް ލިބެނީ 50 ޑޮލަރަށެވެ. ކޮތަޅު ބަދަލުކުރަން ގެޔަށް ގެންދާ ނަރުހަށް ކޮންމެ ފަހަރަކު 500ރ ދެ އެވެ.
"އޭނާ އެ ހުރިހާ ހަރަދެއް ކުރަނީ އެއާޕޯޓްގައި އުޅެގެން ލިބޭ އެއްޗަކުން. ވަރަށް ނިކަމެތިވާނެ މި ދިމާވި ގޮތުން،" އަމީން ބުންޏެވެ.
ބައެއް ކުންފުނިތަކުން މީހުން ވަކިކޮށްލީ ކުއްލިއަކަށެވެ. އޭގެ ތެރޭގައި އެއާޕޯޓް ރެޕުންގެ ބައެއް މީހުން ވެސް ހިމެނެ އެވެ. އެ ހުންނަނީ، އަމީން ބުނި ގޮތުގައި، މި ދަނޑިވަޅު އެތައް ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ނަމަވެސް ކުރިން ނަމަ ވިސްނާލަން ވެސް ނޭނގޭ މި ހާލަތުގައި އެ ހުރިހާ ކަމެއް ވެސް ދިމާވާނެކަން އޭނާއަށް ވެސް ގަބޫލުކުރެވެ އެވެ.
ހަމައެކަނި ޓޫރިޒަމަށް ރާއްޖޭގެ އިގުތިސާދު ބިނާކޮށްފައި އޮތް އޮތުމުގެ ނުރައްކާ އެންމެ ހިތިކޮށް މިފަހަރު މި އޮތީ ކުރިމަތިވެފައި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ހިޔާލު ފާޅުކުރެ އެވެ. އެއީ މުސްކުޅި މައުލޫއެކެވެ. ޓޫރިޒަމަށް މުޅިން ބަރޯސާނުވެ، ރާއްޖޭގެ އިގުތިސާދުގެ ހަރަކާތްތައް ތަފާތުކުރަން ޖެހޭކަމުގެ ވާހަކަ ދައްކާތާ ކިތައްމެ ދުވަހެކެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް އެ ބަދަލެއް ނުގެނެވުނެވެ.
މިއަދު ހުރިހާ ދިވެހިންނަށް ކުރިމަތިވެފައި މި އޮތް ހިތްދަތިކަމާ އެކު އަމީން ވެސް ބުނަނީ "އެކަނި މިއަށް، ޓޫރިޒަމަށް ބަލަން ތިބެވެން ނެތް" ކަމަށެވެ.
"ޓޫރިޒަމުން ލިބޭ އެއްޗަކުން ކައިބޮއިގެން މި އުޅުނީ. އެއް ދުވަހުން މިތަން [އެއާޕޯޓް] ހުސްވާ ހިސާބަށް ދިޔައިމާ ދެން ހަދާނެ އެއްވެސް ގޮތެއް ނެތިފައި މި ތިބީ. އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް،" އަމީން ބުންޏެވެ.
އަމީން "މިހާރު"އަށް އޭނާގެ ތަޖުރިބާ ކިޔައިދެނީ: މިއީ ދުވަހަކު ވެސް ހިތަށްއެރި ވަރުގެ މަންޒަރެއް ނޫން ކަމަށް ބުނި --ފޮޓޯ/ނިޝާން އަލީ/މިހާރު
އެއްވެސް މީހަކު މިވަގުތަށް، މިކަހަލަ ދުވަސްތަކަކަށް ތައްޔާރުވެފައެއް ނެތެވެ. ބައްޔަކާ ހެދި މިހާ ބޮޑު ހުއްޓުމެއް މުޅި ދުނިޔެއަށް އަތުވެދާނެ ކަމަކަށް، މަދު ސައިންސްވެރިންގެ ބަޔަކު ނޫނީ، ވިސްނާފައެއް ވެސް ނެތެވެ. ބޭސްވެރިކަމުގެ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާ އެކު، ބައްޔެއްގެ ބިރުވެރިކަމުން މުޅި ދުނިޔެ ހިމޭންވެދާނެ ކަމަކަށް ހިއެއް ވެސް ނުކުރެ އެވެ.
އެކަމަކު މިއަދު އަހަރެމެން އެންމެން މިތިބީ ކޮރޯނާވައިރަސް ދެކެ ބިރުގެންފަ އެވެ. އެ ވައިރަސް އަހަރެމެންގެ ހަށިގަނޑަށް ވަދެ، ފުއްޕާމޭ ފޫ ދުއްވާލާނެތީ ތުރުތުރުއަޅައަޅަ އެވެ. އިގުތިސާދަކާއި އިގުތިސާދެކެވެ. އެކަމަކު މި ބިރުން ސަލާމަތްވެ، އަނެއްކާވެސް އާންމު ހާލަތަކަށް ކަންކަން ގެނައުމުގެ ގާބިލްކަން އިންސާނުންނަށް ލިބިގެންވެ އެވެ. އެ ދުވަހަކަށް، އަމީން އާއި އަހަރެމެން އެންމެން، އަދި މުޅި ދުނިޔެ ވެސް ގެންދަނީ ދުއާކުރަމުންނެވެ.
"މިއީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް،" އަމީން ބުންޏެވެ.
"ކުރިއަށް އޮތް ތަނުގައި ޚަރަދަށް ވަރަށް ބަލައިގެން އުޅެން ޖެހޭނީ. މިކަހަލަ ކަމެއް ދިމާވީމާ އެބަ އެނގޭ އާދަތައް ވެސް ބަދަލުކުރަން ޖެހޭ ކަން."
ވީއައިއޭގެ ހުސްކަމާއި ހިމޭންކަން ފޫދުއްވާލައިގެން ނޫނީ އަހަރެމެންނަށް ރާއްޖޭގެ އިގުތިސާދު ކޮޅަކަށް ނުޖެއްސޭނެ އެވެ. އަމީން އާއި އޭނާއާ އެކު އުޅޭ އެތައް ސަތޭކަ އެއާޕޯޓް ރެޕުން ބިޒީވެ، ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުގައި އަވަދިނެތި އުޅޭ ތަން ނުފެންނަހާ ހިނދަކު އިގުތިސާދު އޮންނާނީ ދިރުމެއް ނެތި އެވެ. މި ވަގުތު އެންމެންގެ ދުއާއަކަށް ވާން މި ޖެހެނީ، ކޮރޯނާވައިރަސްގެ ބިރު ފިލައި، ރާއްޖެއަށް ޓޫރިސްޓުން އަންނާނެ މަގު ވީހާވެސް އަވަހަކަށް ފަހިވުމެވެ.
"މިބަލަނީ އޮގަސްޓް ހިސާބަށް ދާއިރު އިރާދަކުރެއްވިއްޔާ ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް،" އަމީން، އޭނާގެ އުއްމީދު ފާޅުކުރި އެވެ.
މިހާރު ކޮރޯނާވައިރަސްގެ ފެތުރުމާއި އެއާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކަށް ބަލާ ނަމަ އެއީ އެކަށީގެންވާ ރަނގަޅު މުއްދަތެކެވެ. އަދި ނަސީބު އަތުގައި ހިފައިފި ނަމަ، ރާއްޖޭގެ މައި އެއާޕޯޓާއި ރިސޯޓްތަކާއި އަމީންމެންނަށް މި އަހަރުގެ އާ ސީޒަން ފެށޭނީ ވެސް ގާތްގަނޑަކަށް އެ ދުވަސްވަރު އެވެ.
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
ދެކުނު ޓޫރިޒަމް ކުރިއަށް ދާނީ "ރާސްލާފައި": މައުސޫމް
އުފާވެރި މަންޒަރެއް: އަމިއްލަ ޖެޓުތަކުން އެއާޕޯޓް ފުރެނީ
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟