Roadha Mihaaru
މެދުއިރުމަތީގައި ފިރިހެނުންގެ ފެޝަން ޝޯއެއް

މެދުއިރުމަތީގައި ފިރިހެނުންގެ ފެޝަން ޝޯއެއް

07 ޖެނުއަރީ 2021

މެދުއިރުމަތީގައި މުޅިން އަލަށް އޮންނަ ފިރިހެނުންގެ އަރަބި ފެޝަން ޝޯ މި މަހު ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެދުއިރުމަތީގައި މުޅިން އަލަށް އޮންނަ ފިރިހެނުންގެ އަރަބި ފެޝަން ޝޯ މި މަހު ބާއްވަން ނިންމައިފި އެވެ.

އަރަބި ފެޝަން ކައުންސިލާއި "އަރަބް ފެޝަން ވީކް" ގުޅިގެން ބާއްވާ އިވެންޓް އޮންނާނީ މި މަހުގެ 28-30 އަށް ޔޫއޭއީގަ އެވެ. "އަރަބް ފެޝަން ވީކް މެންސް އިވެންޓް" ގެ ނަމުގައި މުޅިން އަލަށް ބާއްވާ ފިރިހެނުންގެ ފެޝަން ޝޯގައި ޔޫއޭއީގެ އިތުރުން ގަތަރާއި އިރާން އަދު ލުބާނަންގެ ޑިޒައިނަރުންގެ އުފެއްދުންތައް އަރަބި ފިރިހެން މޮޑެލުންނާ އެކު ދައްކައިލާނެ އެވެ.

މި އިވެންޓް ފޭސްބުކް ލައިވާއި އިންސްޓަގްރާމް ލައިވުން ލައިވް ސްޓްރީމްކުރާނެ އެވެ.

އަރަބި ފެޝަން ކައުލްސިލްގެ ޗީފް ސްޓްރެޓެޖީ އޮފިސަރު މުހައްމަދު އަގްރާ ވިދާޅުވީ ބަދަލުވަމުން އަންނަ ޒަމާނާ އެކު މެދުއިރުމަތީގެ ފިރިހެނުންގެ ލައިފް ސްޓައިލަށް ވެސް މިހާރު ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި އެ ބަދަލު އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއް ކަމަކީ އަރަބި ފިރިހެނުން ހެދުން އަޅާގޮތް ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މިއީ ފިރިހެން މޮޑެލުންނާއި ޑިޒައިނަރުންނަށް ވެސް ކުރިއަށް ދާން ހުޅުވޭ ވަރަށް މުހިއްމު ދޮރަކަށް ވާނެ. ފެޝަން ސްޓޭޓްމަންޓަކީ ހަގީގަތުގައި ހިޔާލުފާޅުކުރުމުގެ ގޮތެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ. "ފެޝަން އިންޑަސްޓްރީގައި އޮތް ދެ ޖިންސްގެ ތަފާތުކުރުންތަކަށް މިކަމުގެ ސަބަބުން ބޮޑު ބަދަލެއް އަންނާނެ."

އަރަބި ފެޝަން ކައުންސިލުން ބުނީ ޖެނުއަރީ މަހު ފިރިހެނުންގެ ފެޝަން ޝޯ ތައާރަފުކުރުމަށް ފަހު އަމާޒަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ދެ އިވެންޓް ކޮންމެ އަހަރަކު ވެސް ބޭއްވުމެވެ. އެއީ ޖެނުއަރީ އާއި ޖޫން މަހުގެ ތެރޭގަ އެވެ.

އަރަބި ފެޝަން ކައުންސިލްގައި އަރަބި ލީގްގެ 22 ގައުމެއް ތަމްސީލުކުރެ އެވެ. އެ ކައުންސިލްގެ ބާނީ އަކީ ލުބްނާންގެ ބޭރޫތަށް އުފަން ޖެކޮބް އަބްރިއަން، 28، އެވެ. އަދި "އަރަބް ފެޝަން ވީކް" ތައާރަފުވީ 2015 ގަ އެވެ.