Roadha Mihaaru
އިންޑިއާގެ "ފައު-ޖީ" ނެރުން 26 ގައި

އިންޑިއާގެ ވީޑިއޯ ގޭމް "ފައު-ޖީ" ނެރުން މި މަހުގެ 26 ގައި

05 ޖެނުއަރީ 2021

މަޝްހޫރު ވީޑިއޯ ގޭމް ޕަބްޖީ މިދިޔަ އަހަރު އިންޑިއާގައި މަނާކުރުމާ ގުޅިގެން އޭގެ ބަދަލުގައި އެ ގައުމުން އުފެއްދި އަމިއްލަ ވީޑިއޯ ގޭމް "ފައު-ޖީ: ފިއަލެސް ޔުނައިޓެޑް ގާޑްސް" މި މަހުގެ 26 ގައި ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ވީޑިއޯ ގޭމް ޕަބްޖީ މިދިޔަ އަހަރު އިންޑިއާގައި މަނާކުރުމާ ގުޅިގެން އޭގެ ބަދަލުގައި އެ ގައުމުން އުފެއްދި އަމިއްލަ ވީޑިއޯ ގޭމް "ފައު-ޖީ: ފިއަލެސް ޔުނައިޓެޑް ގާޑްސް" މި މަހުގެ 26 ގައި ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ގޭމް އުފެއްދި އެންކޯ ގޭމްގެ އިތުރުން "ފައު-ޖީ" ޕްރޮމޯޓްކޮށްދެމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ވަނީ ގޭމް ނެރޭ ތާރީހު އޭގެ ޓްރެއިލާއަކާ އެކު ޓްވިޓާގައި ހާމަކޮށްފަ އެވެ.

އިންޑިއާގެ ވަތަނީ ރޫހު ދައްކުވައިދޭ ގޮތަށް ގައުމުގެ ދިފާއުގައި ސިފައިން ކުރާ ހަނގުރާމައެއްގެ މައިދާނަކަށް ގޭމް ކުޅޭ މީހުން ގެންގޮސްދޭނެ "ފައު-ޖީ" ނެރެން ނިންމި ތާރީހަކީ އިންޑިއާގެ 72 ވަނަ ޖުމްހޫރީ ދުވަހެވެ.

މި ގޭމް ނެރޭ ތާރީހު އިއުލާންކުރުމުގެ ކުރިން ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ ގޭމް ހޯދަން ބޭނުންވާ މީހުންނަށް ޕްރި-ރެޖިސްޓްރޭޝަނަށް ވެސް ހުޅުވާލައިފަ އެވެ.

"ފައު-ޖީ" އަކީ ޑިޖިޓަލްގެ ދުނިޔޭގައި އެހެން ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކޮށް، އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކުރިއަރުވަން ކުރާ މަސައްކަތުގެ ބައެކެވެ. ހާއްސަކޮށް ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް އުފެއްދި ގޭމެކެވެ. މިކަމަށް ހާއްސަކޮށްގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ "މޭކް އިން އިންޑިއާ" ގެ ނަމުގައި އިނިޝިއޭޓިވެއް ވެސް ލޯންޗްކުރައްވައިފަ އެވެ.

ޕަބްޖީ އިންޑިއާގައި މަނާކުރީ ސެޕްޓެމްބަރު މަހުގެ 2 ގަ އެވެ. އަދި އޭގެ ބަދަލުގައި އިންޑިއާ އިން "ފައު-ޖީ" ގެ ނަމުގައި ގޭމެއް ނެރެން އުޅޭކަން އިއުލާންކުރީ ސެޕްޓެމްބަރު މަހުގެ 4 ގަ އެވެ.