Roadha Mihaaru
މިފްކޯ އުވާލުމަކީ ހައްލެއް ނޫން

މިފްކޯ އުވާލުމަކީ ހައްލެއް ނޫން

03 ޖެނުއަރީ 2021

މިފްކޯގެ ހަރަކާތްތަކާއި އެކުންފުނީގެ ކުރިމަގާއި، ޖުމްލަކޮށް ދިވެހި މަސްވެރިކަމުގެ މުސްތަގްބަލާ މެދު ވާހަކަތަކެއް ދެކެވެމުންދާ މިދުވަސްތަކުގައި، މި ހިސާބަށް އާދެވުނީ ކިހިނަކުންކަން އެނގުން މުހިންމެވެ. ފަހެ ދަތުރުކޮށް އައި މަގު އެނގި ދަސްވުމަށް ފަހު މެނުވީ ކުރިމަގުގައި ސަމުގާ ބަހައްޓަންވީ މިސްރާބު ކަނޑައަޅާކަށް ނުވާނެ އެވެ.

މިފްކޯގެ ހަރަކާތްތަކާއި އެކުންފުނީގެ ކުރިމަގާއި، ޖުމްލަކޮށް ދިވެހި މަސްވެރިކަމުގެ މުސްތަގްބަލާ މެދު ވާހަކަތަކެއް ދެކެވެމުންދާ މިދުވަސްތަކުގައި، މި ހިސާބަށް އާދެވުނީ ކިހިނަކުންކަން އެނގުން މުހިންމެވެ. ފަހެ ދަތުރުކޮށް އައި މަގު އެނގި ދަސްވުމަށް ފަހު މެނުވީ ކުރިމަގުގައި ސަމުގާ ބަހައްޓަންވީ މިސްރާބު ކަނޑައަޅާކަށް ނުވާނެ އެވެ.

މި ހިސާބަށް ދަތުރުކުރި މަގު

ރާއްޖެ 1970ގެ އަހަރުތަކާ ހަމައަށް އައިއިރު، މައިގަނޑު ގޮތެއްގައި ގައުމަށް ބޭނުންވާ އެންމެހާ ތަކެތި އިމްޕޯޓް ކުރަމުން ގެންދިޔައީ ހިކި ކަނޑުމަސް ސިލޯނަށް ވިއްކައިގެންނެވެ. ނަމަވެސް ދިވެހި ހިކި ކަނޑުމަސް ސިލޯނަށް އިމްޕޯޓް ކުރުން ހުއްޓާލުމަށް 1971ގައި ސިލޯނު ސަރުކާރުން ނިންމުމާ ގުޅިގެން ސަރުކާރުގެ ދައުވަތަށް 1972ގައި ބޭރު ކުންފުނިތަކެއް ރާއްޖެ އައިސް މަސްވެރިންގެ އަތުން ސީދާ މަސް ގަންނަން ފަށައި 1977ގައި ފެލިވަރުގައި އަށް ޓަނުގެ ކޭނަރީއެއް ބިނާ ކުރި އެވެ.

ދުނިޔޭގެ ބާޒާރުގައި 1982 ވަނަ އަހަރު މަހުގެ އަގު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން، ސަރުކާރުން ހުށަހަޅާ އަގަށް މަސް ގަނެވެން ނެތް ކަމަށް ބުނެ، މަސް ގަތުމުގެ މަސައްކަތް ހުއްޓާލާފައި ފުރައިގެން ދިޔުމަށް ބޭރު ކުންފުނިތަކުން ނިންމި އެވެ. މި ދަނޑިވަޅުގައި ސަރުކާރުން ނިންމީ ބޭރު ކުންފުނިތަކުގެ އެސެޓްސް ދައުލަތަށް ގަނެ، ސަރުކާރުން ހިންގާ ހަރަކާތަކަށް ބަދަލުކޮށްގެން ވެސް މަސްވެރިންގެ އަތުން މަސް ގަތުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށެވެ. އެކި ފަހަރު އެކި ނަމުގައި ނަމަވެސް މަސްވެރިން ބާނާ މަސް ގަނެ، ޕްރޮސެސްކޮށް ވިއްކުމަށް ސަރުކާރުން ހިންގަމުން ދިޔަ އެތައް މަސައްކަތެއް، ވަކިން ހިންގާ ވަކި ކުންފުންޏެއްގެ ދަށަށް ބަދަލުވީ ނޮވެމަބަރު 1، 1993ގައި މިފްކޯ އުފެދުނު ހިސާބުންނެވެ.

ހަމަ 1982ގައި މަސްވެރިކަން ތަރައްގީކޮށް އާލާކުރުމަށްޓަކައި ބޭރުގެ އެކި އިދާރާތަކުން ލޯނުގެ އެހީ ހޯދައިގެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ފެށި އެވެ. މިގޮތުން ކުރި މަސައްކަތްތަކުގެ ތެރޭގައި އަލިފުށީގައި ގާއިމްކުރި ބޯޓުޔާޑުން 65 މަސްދޯނި ބަނދެ ދޫކުރުމާއި ފެލިވަރު ކޭނަރީ އަށް ޓަނުން 50 ޓަނަށް އަޕްގްރޭޑްކުރުމާއި މަސްވެރިންގެ އަތުން ގަންނަ މަސް ފިނިކޮށް، އުފުލުމަށްޓަކައި ދެކުނު ކޮރެއާގައި ތިން "ކަލަމިންޖާ" ބަނދެގެން ގެނައުމާއި މާންދު އާއި ކޫއްޑޫ ފެސިލިޓީސް ގާއިމްކުރުން ހިމެނެ އެވެ.

މަސްވެރިކަން އާލާކޮށް ތަރައްގީކުރުމަށް ކުރި އެތައް މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ކުރިއަރައި 80ގެ އަހަރުތަކުގައި އަހަރަކު އެވަރެޖްކޮށް ބާނާ 50،000 ޓަނު މަސް، 2000ގެ އަހަރުތަކުގެ އެވަރެޖް ތިން ގުނައާ ގާތަށް އިތުރުވެ އަހަރަކު 148،000 ޓަނަށް ބަދަލުވި އެވެ. މިގޮތުން ކުރި މަސައްކަތްތަކުން އޮޑިވެރިންނަށާއި މަސްވެރިންނަށް ހިތްވަަރުު ލިބި އެބައި މީހުން މަސްވެރިކަމަށް އިންވެސްޓްކުރި އެވެ. ކޫއްޑޫ ޑިޒައިން ކުރުމުގައި ވިސްނިފައި ނެތް މިންވަރަށް ދޯނިފަހަރު ބޮޑެތިވެ، ކޫއްޑުއަށް މަސް ގަތުމަށް އަލަށް ބަން "ބޮޑު" ކަލެކްޓަ ވެސަލްގެ ކެޕޭސިޓީ ކަމަށް ވާ 50 ޓަނު، އެންމެ ދޯންޏަކުން އެއް ފަހަރާ ކިރުވި އެވެ.

ދައުލަތުގެ އިންވެސްޓްމަންޓުތަކުން ހިތްވަރު ލިބިގެން، މަސްވެރިންނާއި އޮޑިވެރިން އަމިއްލައަށް ކުރި މަސައްކަތްތަކުގެ ސަބަބުން ދައުލަތުގެ އިންވެސްޓްމަންޓްތައް ކުޑަވެއްޖެ ކަމަށް 2000ގެ އަހަރުތައް ފެށިގެން އައި އިރު ޔަގީން ކުރެވިއްޖެ އެވެ. އެހެންކަމުން 2002ގައި ރާއްޖޭގެ މަސްކަނޑުތައް ޒޯންކޮށް ދެ ޒޯނެއްގައި އިންވެސްޓްކުރަން އަމިއްލަ ފަރާތްތަކަށް ދައުވަތު ދީ، މިފްކޯއިން ހިންގި މާންދޫ ކޯލްޑް ސްޓޯރޭޖް، ހޮރައިޒަން ފިޝަރީޒަށް ވިއްކާލައި ޕްރައިވެޓް ސެކްޓަރުން މަހުގެ ވިޔަފާރިއަށް ވަންނަން ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް ޕްރައިވަޓައިޒޭޝަންގެ ފައިދާ މަސްވެރިންނަށް، އަދި ކިއެއްތަ، އިންވެސްޓްކުރި ފަރާތްތަކަށް ވެސް އެންމެ ރަނގަޅު ގޮތުގައި ލިބިފައެއް ނުވެ އެވެ.

އެހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް މިފްކޯއިން ނުވަތަ ދައުލަތުން ނަމަވެސް، މަސްވެރިކަން އިތުރަށް އާލާކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށް ހަރުދަނާ މަަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ.

މިފްކޯ: ސިޔާސީ ފުޓްބޯޅަ ކުޅެން ބޭނުންކުރާ ބޯޅައެއް

މިހިސާބުން ފެންނަން ފެށީ ސިޔާސީ ދަނޑުގައި ކުޅެން ގެންގުޅޭ ފުޓްބޯޅައެއްގެ ގޮތުގައި މިފްކޯ ބޭނުންކުރަން ފެށި ތަނެވެ. ވަކި ސަރުކާރަކުން، ވަކި ޕާޓީއަކުން ނޫނެވެ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމަށް ގެނައި ތަކެތި އައްޑޫ ހިތަދުއަށް ހިޖްރަކުރުމަށް ފަހު ބާ ދަނގަޑަށްވެ ވީރާނާ ވެއްޖެ އެވެ. ކޫއްޑޫގައި ކޭނަރީއެއް އެޅުމަށް ކުރި މަސައްކަތްތަކަށް "ކޮފީ އެޅި"، ވިލިނގިލީގައި އެއާޕޯޓެއް އަޅަން ހިއްކި ބިމުގެ މަތިން ހަނދާން ނެތި، ކޭނަރީ އަޅަން ވިސްނުނު ހުސް ބިމުގައި އެއާޕޯޓް އަޅައިފި އެވެ. މިފްކޯގެ ބެލެންސް ޝީޓުން ލަޔަބިލިޓީ ވަކިނުކޮށް، މިފްކޯ ބައިބައިކޮށް، ފެލިވަރާއި ކޫއްޑޫގެ ނަމުގައި އުފެއްދި ކުންފުނިތަކަށް އެސެޓްތައް ބަދަލުކޮށްފި އެވެ. ދުވަސްކޮޅެއް ފަހުން މި ނިންމުން އެކޮޅުކޮޅުން ޖަހައި އަނެއްކާ ކުންފުނިތައް އެއްކޮށް، އެވަރުން މައިތިރިނުވެ އެސްޓީ.އޯގެ ދަށަށް މިފްކޯ ބަދަލުވެއްޖެ އެވެ. ދިގު މުއްދަތުގެ ރޭވުމެއް ނެތި، އެކި ފަހަރު އެކި ކުންފުންޏާއި ތަފާތު މެނޭޖްމަންޓުގެ ވަގުތީ އުފަލުގެ ގޮތުގައި ބޭނުންކުރި މިފްކޯގެ އުޅަނދުފަހަރާއި އިންފްރާސްޓަރަކްޗާގެ ހާލަތު ދެރަވެ އައިސީޔޫގެ ދޮރުމައްޗަށް ގެންދެވިއްޖެ އެވެ. ބަދަލުވި ތިން ސަރުކާރުން މަދުވެގެން ހަތަަރު ފަހަރު ކުންފުނީގެ މެނޭޖްމަންޓް ބަދަލުކޮށް، މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ބަސްކިޔޭނޭ އެކި ފެންވަރުގެ ސިޔާސީ ވެރިން މަގާމުތަކަށް ލައި، ވިޔަފާރި ފައިދާއަށް ވުރެ ވޯޓުގެ ނަތީޖާއަށް އިސްކަން ދިނުމަށް ކުންފުނީގެ ބޯޑާއި މެނޭޖްމަންޓް ބައްޓަން ކުރުވައިފި އެވެ.

ޕްރައިމަރީ އިންޑަސްޓްރީޒްގެ މުހިންމުކަން

ކޮވިޑް 19ގެ ލޮކްޑައުންގައި ވަރަށް ގިނަ ރައްޔިތުން ރަށްރަށުގަ އާއި މާލޭގައި ކައިގެން ތިބީ މަސްވެރިންގެ މަސައްކަތުންނެވެ. ނަމަވެސް މަސްްވެރިކަމާއި ދަނޑުވެރިކަން ހިމެނޭ ގޮތުން އަޅުގަނޑުމެންގެ ޕްރައިމަރީ އިންޑަސްޓްރީޒްގެ ވޭތުވެ ދިޔަ ފަސް އަހަރުގެ އެވަރެޖަކީ އެންމެ 4.9 ޕަސެންޓެވެ. ކޮވިޑް 19ގެ ފިލާވަޅުތަކާ އެކު ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިޔަށް ވުރެ އުސް ހަރުފަތްތަކަކަށް ގެންދިޔުމަށް މަސައްކަތް ކުރުމީ މިއަދު ގައުމީ ވާޖިބެއް ކަމުގައި ނޫނީ ނުވެ އެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަސްވެރިންނާއި ދަނޑުވެރިންގެ ކަންތައް ނަގަނީ ވަރަށް މުހިންމުކޮށެވެ. މިއީ ރާއްޖެއަށް ޚާއްސަ ސިފައެއް ނޫނެވެ. ޔޫރަޕްގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމުގެ މަޝްވަރާތަކުގައި އެންމެ ހޫނު ހިފީ އިނގިރޭސި ކަނޑުތަކަށް ޔޫރަޕްގެ މަސްވެރިން ވަނުމާ ބަހޭ ވާހަކަތަކުގަ އެވެ. ބްރެކްސިޓް ނިމުނު ގޮތާ މެދު އެންމެ ޝަކުވާ ބޮޑުވެފައިވަނީ ވެސް މި މައްސަލައެވެ. ނަމަވެސް މަސްވެރިކަމަކީ އިނގިރޭސި ޖީޑީޕީގެ 0.1 ޕަސެންޓެވެ. ޔޫރަޕްގެ އިއްތިހާދުގެ 65 ބިިލިއަން ޔޫރޯއާ އެކު ބަޖެޓުގެ އެންމެ ބޮޑު އައިޓަމަކީ ދަނޑުވެރިކަމަށް ދޭ ސަބްސިޑީ ކަމަށް ހިމެނޭއިރު އީޔޫގައި ދަނޑުވެރިކަމުގެ ހިއްސާއަކީ އެންމެ 1.1 ޕަސެންޓެވެ. ޖަޕާނުގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާކުރަނީ 1.14 ޕަސެންޓް ކަމަށް ވެ، އަހަރުން އަހަރަށް ދަނޑު ހައްދާ މީހުންގެ އަދަދު ދަށްވަމުން ދާއިރު، ދަނޑުވެރިންނަށް އަހަރަކު 5.2 ބިލިއަން ޔެން ޖަޕާން ސަރުކާރުން ޚަރަދުކުރެ އެވެ. އެމެރިކާ އިން 2019ގައި 22 ބިލިއަން ޑޮލަރުގެ އެހީ ދަނޑުވެރިންނަށް ސަރުކާރުން ދޫކުރި އެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް، ބަދަލުވެގެންދާ ތަފާތު ސަރުކާރުތަކުން ވެސް މިފަދައިން ދަނޑުވެރިންނަށާއި މަސްވެރިންނަށް ޚަރަދު ކުރަނީ އެންމެ ސަބަބަކަށްޓަކަ އެވެ. އެބައި މީހުންގެ ވޯޓު ޔަގީންކުރުމަށެވެ. ދަނޑުވެރި ހިސާބުތަކުން، މަސްވެރި އަތޮޅުތަކުން އެ ގައުމެއްގެ މަޖިލިހަށް މެންބަރުން ފޮނުވާ ހުރިހާ ގައުމެއްގައިމެ މިކަންތައް މިނޫން ގޮތަކަށެއް ނުހިންގަ އެވެ. އަދި ހިންގާނޭ ކަމަކަށް ގަބޫލެއް ވެސް ނުކުރެވެ އެވެ.

ތަފާތަކީ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން މިފަދައިން ކުރާ ޚަރަދު، ފެންނަން ހުންނަ ގޮތަށް ބަޖެޓްގައި ހިމަނައިގެން، ހާމަކަން މަތީގައި ކުރާކުރުމެވެ.

ވީމާ މިފްކޯ އުވާލަންވީ ބާ އެވެ؟

ނޫނެކެވެ. މިފްކޯ އުވާލަންވީއެއް ނޫނެވެ. މި ދިވެހި ރާއްޖޭގައި މަސްވެރިކަމުގެ މުހިންމުކަން ނެތިއެއް ނުދާނެ އެވެ. އަދިވެސް ދިވެހިން މައިގަނޑު ގޮތެއްގައި ކައި އުޅޭނީ މަސްވެރިކަމުން ލިބެދޭ މަހުގެ ބާވަތްތަކެވެ. ފުޑް ސިކިޔުރިޓީގެ ގޮތުގައި އެކަނި ވެސް މަސްވެރިކަން ދަމަހައްޓައި އާލާކުރަން ޖެހޭކަން އަޅުގަނޑުމެންނަށް އަނެއްކާ ހަނދާން ކޮށްދިނީ ލޮކްޑައުންގައި ލިބުނު ފިލާވަޅުތަކުންނެވެ. ދިވެހި އިގްތިސާދުގައި ވިންދު ޖަހަމުން ދާނީ "އިގްތިސޯދުގެ ލޭނާރު" ދިރި، ދެމި، ހެޔޮ ހާލުގައި އޮވެގެންނެވެ. ދައުލަތުން 1980ގެ އަހަރުތަކުގައި ކުރަން ފެށި އިންވެސްޓްމަންޓްތަކުގެ ސަަބަބުން ކަނޑުމަހުގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަން މިއަދު މިވަނީ އެހެން ހަރުފަތަކަށް ގެންދެވިފަ އެވެ. މިފްކޯގެ މައި މަސައްކަތަކަށް ދެން ވެސް ވާންވީ އިތުރު ހަރުފަތަކަށް މަސްވެރިކަން ގެންދިޔުމުގެ މަސައްކަތް ފެށުމެވެ.

އަޅުގަނޑުމެންނަށް މިންވަރުކުރައްވާފައިވާ ކަނޑުގެ މުއްސަނދިކަމަކީ ހަމައެކަނި ކަޅުބިލަމަހުގެ ބާވަތްތަކެއް ނޫނެވެ. ރާއްޖޭގެ މި މުއްސަނދި ކަނޑުތަކުގައި، ފައިދާހުރި ގޮތުގައި ކުރެވޭނޭ މަސްވެރިކަމުގެ އެތައް ބާވަތެއް ހިމެނެ އެވެ. ފިޔަލަ އަކީ ކޮމާޝަލްކޮށް ބާނައި ކޮންޓޭނަރުގައި އެކްސްޕޯރޓް ކުރާ މަހުގެ ބާވަތެކެވެ. ތުތިޔަ ބޯވަދިލަމަސް ދަސްވީ އިހަށް ދުވަހު އެވެ. މުށިމަހަކީ ދަޅަށް އެޅުމުން މީރު މަހެކެވެ. ބޯވަދިލަމަހަކީ ފަޅަށް ވަނުމުން ފެންނަ އެއްޗެކެވެ. ބޭރު ބައެއް ކަނޑުތަކުން ނަގައި އިއްސާއި ކަކުނި ދިވެހި ކަނޑުތަކުގެ ހުރިކަން ޔަގީންވަނީ މަސް މާރުކޭޓުގައި ވިއްކަން ހުއްޓާ ފެންނާތީ އެވެ. މެރިކަލްޗަރުގެ ގޮތުގައި ފާނަ އާއި ރަތްމަހުގެ ބާވަތްތަކަކީ މީގެ 10 އަހަރު ކުރިއްސުރެ މެލޭޝިޔާ، ސިންގަޕޫރު، ބެންކޮކް ފަދަ ގައުމުތަކުގައި ކާމިޔާބުކޮށް ހިންގާ ވިޔަފާރިއަކަށް ވިޔަސް އަޅުގަނޑުމެންނަށް އަދި ކިރިޔާ ތަޖުރިބާކުރުމުގެ މަސައްކަތް ފެށުނީ އެވެ. މިފްކޯގެ ނަން އެކުލެވިގެން ވަނީ "އިންޑަސްޓްރިއަލް" އަދި "ފިޝަރީޒް" މި ދެ ލަފްޒު ހިމެނިގެންނެވެ. ސްޕެއިން އަދި ޓައިވާން ބޯޓުފަހަރުން އިންޑިޔާ ކަނޑުގެ މުއްސަނދިކަމުން "އިންޑަސްޓްރިއަލް ފިޝަރީޒް" ކުރާ މަންޒަރު ބަލަހައްޓައިގެން އަޅުގަނޑުމެން ތިބީ އެވެ. އިންޑިޔާ ކަނޑުގެ ރަށްވެހިންނަކީ އަޅުގަނޑުމެން ދިވެހިން ނޫނީ ދެން ކޮން ބައެއްތޯ އެވެ؟ އެކަނޑުގެ މުއްސަނދިކަން ހައްގުވަނީ އަޅުގަނޑުމެން ފިޔަވައި އެހެން ކޮން ބަޔަކަށް ބާވަ އެވެ؟

ފެލިވަލު ބަނދަރުގައި އޮތް މިފްކޯގެ މަސް ކިރާ ބޯޓެއް: މިފްކޯ ކުރިއަށް ނުދަނީ ސިޔާސީ ނުފޫޒު މާ ބޮޑަށް ވަންނާތީ ކަމަށް ބެލެވޭ --ފޮޓޯ/މިހާރު

ފެލިވަލު ބަނދަރުގައި އޮތް މިފްކޯގެ މަސް ކިރާ ބޯޓެއް: މިފްކޯ ކުރިއަށް ނުދަނީ ސިޔާސީ ނުފޫޒު މާ ބޮޑަށް ވަންނާތީ ކަމަށް ބެލެވޭ --ފޮޓޯ/މިހާރު

ޖަޕާނުގެ ބޯޓުފަހަރު 1982ގައި ސަރުކާރަށް ގަނެ އޮޕަރޭޓް ކުރުމަށް ނިންމީ ބޭރު މާރުކޭޓުތަކުގައި މަހުގެ އަގަށް އަންނަ ބަދަލަށް ބޯލަނބަން ބޭނުން ނުވެގެންނެވެ. އެއީ މިފްކޯގެ ފެށުމެވެ. މިއަދު ވެސް މި އުޅެނީ އެ ހާލުގަ އެވެ. ސިޔާސީ ވިސްނުމަކަށް ބަދަލެއް ނާދެ އެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށެވެ.

މިފްކޯ އުވާލަންވީކީ ނޫނެވެ. އެކަމަކު ދެތިން ކަމެއް މާދަމާ ވެސް ކުރަން ފެށުން މަޖުބޫރެވެ.

1. ފުރަތަމައިނުން، ތެދު ބަހުން މަސްވެރިންނާއި ރައްޔިތުންނާ ވާހަކަދައްކައި މަހުގެ ވިޔަފާރިއާ ބެހޭ ހަގީގަތް އޮޅުންފިލުވައި ދޭން ޖެހެ އެވެ. ވިޔަފާރީގައި ދެމި ތިބެވޭނީ އެ މުދަލެއް ނުވަތަ ޚިދުމަތެއް އުފެއްދުމަށް ކުރާ ޚަރަދަށް ވުރެ ބޮޑު އަގުގައި ވިއްކޭ ނަމަ އެވެ. މިއީ ބަދަލުނުވާނޭ ހަގީގަތެކެވެ. ވަކި ކުލައެއްގެ ޓީޝާޓެއް ލުމަކުން ނުވަތަ ވަކި އިންތިޚާބެއް ކައިރިވުމަކުން މި އަސާސަކަށް ބަދަލެއް ނާންނާނެ އެެވެ. މަސްވެރިންގެ އަތުގައި މިއަދު ހުރީ އައިފޯނުގެ އެންމެ ފަހުގެ މޮޑެލް އެވެ. ދުނިޔޭގައި ކަން ހިނގާ ގޮތް އެމީހުންނަށް ފިސާރި ރަނގަޅަށް އެނގެ އެވެ. ސިޔާސީ ބޭނުމަށް އޮޅުވާލައިގެން ވޯޓު ހޯދަން ކުރާ މަސައްކަތުގެ ނަތީޖާ އާޚިރުގައި މާ ގޯހެވެ.

2. ދެވަނައަށް، ދުނިޔޭގެ ބާޒާރުގެ އަގާ ނުބައްދަލު އަގެއްގައި މަސްވެރިންގެ އަތުން މަސް ގަތުމަށް ސަރުކާރުން ބޭނުންވަނީ ނަމަ، އީޔޫ، ޖަޕާން، އެމެރިކާ ފަދަ ގައުމުތަކުން މަސްވެރިންނާއި ދަނޑުވެރިންނަށް ސަބްސިޑީ ދޭ ފަދައިން، ފާޅުކަން މަތީގައި ބަޖެޓުގައި ހިމަނައިގެން ސަބްސިޑީ ދޭންވީ އެވެ. މިފްކޯގެ ބޮލުގައި ދަރަނި އަޅުވައި، މަސްވެރިންގެ ނުރުހުމާއި ރުޅިވެރިކަން މިފްކޯއަށް އަމާޒުކުރެވޭ ގޮތަށް މި ސަބްސިޑީ ދިނުން ހުއްޓާލަންވީ އެވެ.

3. މަސްވެރިންގެ އަތުން މަސް ގަތުމުގައި ދޭ އެހީއަކީ ރައްޔިތުންގެ ފައިސާއިން ދޭ އެއްޗެކެވެ. ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ދޫކުރާ ސަބްސިޑީއެކެވެ. ރައްޔިތުންގެ ފައިސާއިން ދޭ މި ސަބްސިޑީއަކީ ވަކި ކުންފުންޏަކަށް މަސް ވިއްކުނީތީ ކުރެވޭ ވެދުމެއް ކަމަށް ނުވަތަ ވަކި ކުންފުންޏެއް ކޮޅަށް ބަހައްޓަން ވިއްދާ ކައްތިރިއަކަށް ހެދުން ހުއްޓާލަންވީ އެވެ.

4. ހަތަރު ވަނައަށް މިފްކޯ، އަދި ޖުމްލަކޮށް ދައުލަތުގެ ހުރިހާ ކުންފުންޏެއް ވެސް، ސިޔާސީ ނުފޫޒުން އެއްކިބާކުރުވައި، ސިޔާސީ ފަހުލަވާނުންގެ ފޯންކޯލަށް ހުން އައިސް، ރަޖާ ލާން ނުޖެހޭ ބޯޑަކާއި މެނޭޖަމަންޓެއް އެ ކުންފުންޏަށް ގެރެންޓީ ކޮށްދޭންވީ އެވެ. މިގޮތަށް މިފްކޯ ބަދަލުކުރުމުގެ ހިތްވަރު ނެތްނަމަހީ މިފްކޯއަކީ ދައުލަތުގެ އިދާރާއެއް ކަމުގައި ނަން ބޯޑު ޖަހައި ޑިޕާޓްމަންޓް އޮފް މިފްކޯގެ ޚަރަދު ބަޖެޓުގައި ހިމަނައިގެން ފާޅުކަންމަތީ ހިންގަންވީ އެވެ.

މިފްކޯގެ ހިންގުން ހަރުދަނާކޮށް ޒިންމާ ކުރެވޭނީ މިފަދަ ފިޔަވަޅުތަކެއް އެޅިގެންނެވެ. ކުންފުންޏަށް ވާނީ ގެއްލުންކަން ޔަގީންވެ ތިބެ، ސިޔާސީ އިސް ފަރާތެއްގެ ނުރުހުން އަމާޒު ވެއްޖެ ނަމަ މާދަމާ ވެސް ކޮންމެވެސް ބޯޓެއްގެ ސަރަނގަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރުގައި ތިބި މެނޭޖްމަންޓަކަށް، އެންމެ ރަނގަޅު ގޮތުގައި ކުންފުންޏެއް ނުހިންގޭނެ އެވެ. ނުވެސް ހިންގާނެ އެވެ. އެމީހުން ވެސް ބަލާނީ އަވަހަށް ނެގެން އޮތް އަމިއްލަ ބޮޑު ފައިދާއެއް މިއަދު ވެސް ނެގުމަށެވެ. މިސާލުން މި ހަގީގަތް ހާމަކަން މަތީ ފެންނާން އެބަ ހުއްޓެވެ.

މިކަންތައްތައް ރަނގަޅު ކުރެވިއްޖެ ނަމަ ދިވެހި މަސްވެރިކަން ދެން އޮތް ހަރުފަތަށް ގެންދިޔުމަށް މިފްކޯއިން ތެދުވަންވީ އެވެ. ދައުލަތުގެ އިސްނެގުމާ އެކު ކުރެވޭ މަސައްކަތުގެ ފައިދާ ފެންނަ ހިސާބުން، ބުނެ ކިޔާ އާދޭސްކޮށްގެން ވެސް ޕްރައިވެޓް ސެކްޓަރު އެފަދަ ވިޔަފާރިތަކުގައި ބައިވެރިވެ ސަރުކާރު ކުންފުންޏަށް ވުރެ މޮޅަށް، ބޮޑު ފައިދާއާ އެކު އެ ވިޔަފާރި ކުރާނެ އެވެ. އެ ހަގީގަތް ވެސް މިހާރު ވެސް ފެންނާން އެބަ އޮތެވެ. އެދުވަސް އައުމުގެ ކުރިން މިފްކޯއިން ޖެހޭނީ ވިސްނުންތެރިކަމާ އެކު ފޭއަށް ޖެހި ދެން އޮތް ހަރުފަތަށް ދިޔުމުގެ މަސައްކަތް ފެށުމަށެވެ.

މިފްކޯ އެއީ ނަމެކެވެ. މި ނަމާ ހިތާ ނުވަނީ ނަމަ ނަން ބަދަލުކުރެވިދާނެ އެވެ. އެކަމަކު މިފްކޯގެ މުހިންމުކަމެއް މި ވެއްޓަކުން ނުނެތޭނެ އެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އިނގިރޭސި ބަހުން ނެރޭ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.