Roadha Mihaaru
ދަރަނިއަދާކުރުން ފަސްކޮށްދޭން ފްރާންސުން އެއްބަސްވެއްޖެ

ރާއްޖޭގެ ދަރަނި އަދާކުރުން ފަސްކޮށްދޭން ފްރާންސުން އެއްބަސްވެއްޖެ

31 ޑިސެމްބަރ 2020

ރާއްޖެ އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ވަގުތީ ގޮތުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ފްރާންސުން މިއަދު ސޮއިކޮށްފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ވަގުތީ ގޮތުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ފްރާންސުން މިއަދު ސޮއިކޮށްފި އެވެެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދަރަނީގެ ފައިސާ ދެއްކުން ވަގުތީ ގޮތުން ހުއްޓައިލުމަށް ފުރުސަތު ދޭން ފްރާންސުން ރާއްޖެއާ އެކު އެއްވަސްވުމެއްގައި ސޮއިކުރީ އެ ލުއި ދިނުމަށް ޖީ20 ގެ ގައުމުތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކަމަށެވެ. އެ އެއްބަސްވުމުގައި ރާއްްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު ރައްޒާގެެވެ. ފްރާންސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އަށާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ލަވާޓޫ އެވެ.

ދަރަނިތަކަށް ފައިސާ ދެއްކުން ފަަސްކޮށްދޭން ޖީ20 ގެ ގައުމުތަކުން އިސްނެގީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ އިގުތިސާދަށް ބޮޑެތި ގެއްލުންތައް ލިބުމުންނެވެ. ރާއްޖެއަކީ އެގޮތުން އެންމެ ބޮޑު ގެއްލުން ލިބުނު އެއްގައުމެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމުން، މި އަހަރު ރާއްޖެ އަށް ލިބެން އޮތް އާމްދަނީގެ ބޮޑުބައެއް ގެއްލުނެވެ. އެހެންވެ ދަރަނިތައް ދެއްކުން ފަސްކޮށްދޭން ރާއްޖޭން އަންނަނީ ގައުމުތަކުގައި އެދެމުންނެވެ. އެކަމަށް އިޖާބަދިން ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ޖަޕާނު ވެސް ހިމެނެ އެވެ. ރާއްޖެ އަށް އެންމެ ގިނައިން ލޯނުދޫކޮށްފައިވާ އެއް ގައުމު ކަމަށްވާ ޗައިނާ އިން ވެސް ރާއްޖޭން އަންނަނީ ދަރަނި ދެއްކުން ފަސްކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރަމުންނެވެ.