Roadha Mihaaru
ބަލި ދޫންޏެއް ބަލަހައްޓަން މީހަކާ ހަވާލުކޮށްފި

ހިމާޔަތްކޮށްފައިވާ ބަލި ދޫންޏެއް ބަލަހައްޓަން އީޕީއޭ އިން މީހަކާ ހަވާލުކޮށްފި

30 ޑިސެމްބަރ 2020

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއްގެ ފިޔަގަނޑު ބިނދިފައި އޮއްވައި ފެނިގެން އެޔަށް އެހީވި މީހަކަށް އެ ބެލެހެއްޓުމުގެ ވަގުތީ ހުއްދައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއްގެ ފިޔަގަނޑު ބިނދިފައި އޮއްވައި ފެނިގެން އެޔަށް އެހީވި މީހަކަށް އެ ބެލެހެއްޓުމުގެ ވަގުތީ ހުއްދައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

އައިންމަތީ ދޫންޏެއް ކަމަށްވާ ކުރަނގި ބެލެހެއްޓުމުގެ ހުއްދަ ލިބުނު، ގއ. ގެމަނަފުށީގައި ދިރިއުޅޭ އަހުމަދު އައްޒާމް ނާފިޒު "މިހާރު" އަށް ބުނީ އެ ދޫންޏަށް އަނިޔާވެފައިވާ އޮއްވައި ފެނުނީ މިދިޔަ އަންގާރަ ދުވަހު އެ އަތޮޅު އަރައިގައްތާ އަށް ދަތުރު ގޮސް އުޅެނިކޮށް ކަމަށެވެ. އެ ދޫނި ފެނުނީ ގަސްތަކުގެ ތެރޭގައި، ފިޔަގަނޑު ބިނދިފައި އޮއްވައި ކަމަށް ބުންޏެވެ.

އެ ދޫންޏަށް ފަރުވާދީ، ރިލެބިލިޓޭޓްކުރަން އެދި އީޕީއޭގެ ހުއްދައަކަށް އައްޒާމް ސިޓީ ފޮނުވުމުން އިއްޔެ ދިން ޖަވާބުގައި އޮތީ ވެޓިނަރީ ޑޮކްޓަރެއްގެ ލަފާ ހޯދައި، ދޫނީގެ ހާލު ރަނގަޅުވެ ދޫންޏަށް އެކަނި އުޅެވޭވަރު ވުމުން ލަސްނުކޮށް އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލަން ޖެހޭނެ ކަމަވެ. އަދި އެގޮތަށް އަމަލުކުރިކަން އީޕީއޭ އަށް އަންގަން ވެސް ޖެހެ އެވެ.

އަނިޔާވެފައިވާ ދޫނި ފެނުނު އައްޒާމް ކުރި ޓްވީޓެއް

އައްޒާމް ބުނީ އެ ދޫނީގެ ހާލަތާ ބެހޭ ގޮތުން ވެޓިނަރީ ޑޮކްޓަރަކާ ވާހަކަ ދައްކާފައިވާ ކަމަށާއި ފިޔަގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިންފެކްޓްވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ އެއްކޮށް ރަނގަޅުވާނެކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ވެލާ ހިމާޔަތްކުރަން ބ. އަތޮޅު ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގައި ހިންގާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް" ގައި ބައިވެރިވާން އައްޒާމް އަންނަ ހަފްތާގައި ދާން ހަމަޖެހިފައިވާތީ އެ ރިސޯޓްގެ ވެޓިނަރީ ޑޮކްޓަރަކަށް އެ ދޫނި ދައްކާނެ ކަމަށް އޭނާ ބުންޏެވެ.