Roadha Mihaaru
އާބިޓްރޭޝަން މައްސަލައަކަށް ނެރުނު އަމުރު ހުއްޓުވައިފި

ބޭރު އާބިޓްރޭޝަންގައި ހިނގާ މައްސަލައަކަށް ނެރުނު ވަގުތީ އަމުރު ތަންފީޒު ކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

26 ޑިސެމްބަރ 2020

ރާއްޖެއިން ބޭރުގައި ހިންގާ އާބިޓްރޭޝަނަކާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ފަހަރަށް ނެރުނު ވަގުތީ އަމުރު ތަންފީޒު ކުރުން ރާއްޖޭގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއިން ބޭރުގައި ހިންގާ އާބިޓްރޭޝަނަކާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ފަހަރަށް ނެރުނު ވަގުތީ އަމުރު ތަންފީޒު ކުރުން ރާއްޖޭގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.

ޖުމެއިރާ ވިޓަވެލި ރިސޯޓް ހިންގުމާ ބެހޭގޮތުން ޖުމެއިރާ މެނޭޖްމަންޓް ސާވިސް ކިޔާ ކުންފުންޏަކާއި އެސްޕީއެޗް ކިޔާ ކުންފުންޏަކާ ދެމެދު ހަދާފައިވާ އެއްބަސްވުން އެސްޕީއެޗް އިން ބާތިލްކުރި މައްސަލަ ސިންގަޕޫރު އާބިޓްރޭޝަންގައި ދަނީ ހިނގަމުންނެވެ. ޖުމެއިރާގެ އެދުމަކަށް ރާއްޖޭގެ ހައި ކޯޓުން މިދިޔަ މަހު އަމުރު ނެރުނީ އާބިޓްރޭޝަންގައި ހިނގާ މައްސަލަ ނިމެންދެން ރިސޯޓް ހިންގުމުގެ ހައްގު ޖުމެއިރާ އަށް ގެއްލޭނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން އޮތް ހާލަތު ދެމެހެއްޓުމަށެވެ.

ހައި ކޯޓުގެ އަމުރު ތަންފީޒު ކުރަން ޖުމެއިރާ އިން ސިވިލް ކޯޓަށް ހުށަހެޅިއިރު، ހައި ކޯޓުގެ އެ އަމުރު އިސްތިއުނާފް ކުރަން އެސްޕީއެޗް އިން އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެސްޕީއެޗް އިން އެދުނީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލަން އަމުރެއް ނެރެ ދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުދަ ދުވަހު ނެރުނު އަމުރުގައިވަނީ އެ މައްސަލާގައި އެންމެ އަދުލުވެރި ގޮތަކީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުން ކަމަށެވެ. އެހެންވެ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން މިވަގުތު އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރުއްވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.