Roadha Mihaaru
އަރިއާނާގެ ކައިވެނި ދެން މާ ލަހެއް ނުވާނެ

އަރިއާނާ ގްރަންޑޭގެ ކައިވެނި ދެން މާ ލަހެއް ނުވާނެ

28 ޑިސެމްބަރ 2020

އަރިއާނާ ގްރަންޑޭ އެންގޭޖްވިކަން މިދިޔަ ހަފުތާގައި އިންސްޓަގްރާމްގައި ހާމަކޮށްފައިވާ އިރު އޭނާ ދެން މާ ލަސްތަކެއް ނުކޮށް ކައިވެނިކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަރިއާނާ ގްރަންޑޭ އެންގޭޖްވިކަން މިދިޔަ ހަފުތާގައި އިންސްޓަގްރާމްގައި ހާމަކޮށްފައިވާ އިރު އޭނާ ދެން މާ ލަސްތަކެއް ނުކޮށް ކައިވެނިކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާންމުންގެ މެދުގައި މަގުބޫލުވި އެތައް ލަވައެއް ކިޔާފައިވާ 27 އަހަރުގެ ލަވަކިޔުންތެރިޔާ ދެވަނަ ފަހަރަށް އެންގޭޖްވީ މި އަހަރުގެ ޖެނުއަރީން ފެށިގެން ޑޭޓްކުރަމުން އަންނަ ލޯބިވެރިޔާ ޑާލްޓަން ގޮމޭޒްއާ އެވެ. އެ ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކާއި އެންގޭމަންޓް އަނގޮޓި ވެސް އިންސްޓަގްރާމްގައި ދައްކާލައި އަރިއަނާ ބުނެފައި ވަނީ "ފޯއެވާ އެން ދެން ސަމް" ކަމަށެވެ.

ޑާލްޓަން އަކީ ލޮސް އެންޖެލިސްގެ ރިއަލް އެސްޓޭޓް އެޖެންޓެކެވެ. އޭނާ އާއި އަރިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދަނިކޮށް އެކަން ރަސްމީކޮށް ދިނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

އެއީ އޭރު އަރިއާނާ އާއި ޖަސްޓިން ބީބާ ކޮލަބަރޭޓްވެގެން ނެރުނު ލަވަ "ސްޓަކް ވިތު ޔޫ" ލަވައިގެ ވީޑިއޯގައި އަރިއާނާ އާއި ޑާލްޓާން އެކީގައި ދައްކާލަމުންނެވެ. އެ ލަވައިގައި ހިމެނި ދެ މީހުންގެ މަންޒަރުތަކަކީ ކަރަންޓީނުގައި އެކީގައި ހޭދަކުރި ދުވަސްތަކުގެ މަންޒަރުތަކެކެވެ.

މީގެ ދެ އަހަރު ކުރިން އަރިއާނާ، ކޮމީޑިއަން ޕީޓް ޑޭވިޑްސަނާ ވެސް އެންގޭޖްވި އެވެ. އެކަމަކު އެ އެންގޭޖްމަންޓް ފަހުން ވަނީ ރޫޅާލައިފަ އެވެ. އެ ގުޅުމާ ބެހޭ ގޮތުން އަރިއާނާ ބުނެފައި ވަނީ އެންގޭޖްމަންޓް ރޫޅައިލީ ޕީޓަކީ އޭނާގެ ހަގީގީ ލޯބި ނޫންކަން ޔަގީންވުމުން ކަމަށެވެ.

މިއުޒިކް ދާއިރާ އިން މިހާތަނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ އަރިއާނާ މިހާތަނަށް ހަ އަލްބަމް ނެރެފައިވެ އެވެ. މިދިޔަ އަހަރު ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ މި އަހަރު ނެރުނު "ޕޮޒިޝަންސް" އެވެ.