Roadha Mihaaru
ސްޕްރިންގްސްޓީންގެ މިއުޒިކް ސޮނީ އަށް ވިއްކާލައިފި

ސްޕްރިންގްސްޓީންގެ މިއުޒިކް ސޮނީއަށް 550 މިލިއަން ޑޮލަރަށް ވިއްކާލައިފި

27 ޑިސެމްބަރ 2021

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫސް ސްޕްރިންގްސްޓީންގެ މިއުޒިކްގެ ރައިޓްސް ސޮނީ އެންޓަޓައިންމަންޓަށް ވިއްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫސް ސްޕްރިންގްސްޓީންގެ މިއުޒިކްގެ ރައިޓްސް ސޮނީ އެންޓަޓައިންމަންޓަށް ވިއްކާލައިފި އެވެ.

މީޑިއާތަކުން ބުނީ 72 އަހަރުގެ ފަންނާނުގެ މިއުޒިކް ރައިޓްސް ވިއްކާލީ 550 މިލިއަން ޑޮލަރަށެވެ. މިއީ ވަކި ފަރުދެއްގެ މިއުޒިކް ރައިޓްސް އަށް އެހާ ބޮޑު އަގެއް ލިބުނު ފުރަތަމަ ފަހަރެވެ. ކޮލަމްބިއާ ރެކޯޑްސް ލޭބަލް ހިންގާ ސޮނީ އަށް ސްޕްރިންގްސްޓީންގެ 50 އަހަރުގެ މިއުޒިކް ރައިޓްސް ވިއްކާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ ބުނީ އޭނާ ކެރިއަރު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ކޮލަމްބިއާ ރެކޯޑްސް ހިންގާ ސޮނީ އެންޓަޓައިންމަންޓަށް މިއުޒިކް ވިއްކާލުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

"އަހަރެން އެންމެ އުފާވާ ކަމަކީ އަހަރެންގެ ބައި ގަރުނުވި ކެރިއަރުގެ ލެގަސީ ކޮލަމްބިއާ ރެކޯޑްސް ކަހަލަ ވަރުގަދަ ބައެއްގެ ބެލުމުގެ ދަށުން މެނޭޖް ކުރަމުން ދާނެތީ." ސްޕްރިންގްސްޓީން ބުންޏެވެ.

އޭނާ ކޮލަމްބިއާ ރެކޯޑްސްއާ އެކު ސޮއިކުރީ މީގެ 49 އަހަރު ކުރިން 1972 ގަ އެވެ.

ސޮނީ އަށް ސްޕްރިންގްސްޓީންގެ މިއުޒިކް ރައިޓްސް ވިއްކާލި ނަމަވެސް އެ އެއްބަސްވުމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މި މުއާމަލާތް ހަދާފައިވަނީ މިހާތަނަށް ސްޕްރިންގްސްޓީން ރެކޯޑްކޮށްފައިވާ ހުރިހާ ލަވަތަކުގެ ރެކޯޑިން އާއި އޭނަގެ ސޯންގް ރައިޓިން ރައިޓްސް ހިމެނޭ ގޮތަށެވެ.

ސްޕްރިންގްސްޓީންގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި "ބޯން އިން ދަ ޔޫއެސް"، "ބޯން ޓު ރަން" އަދި "ބްލައިންޑެޑް ބާއި ދަ ނައިޓް" ފަދަ އެތައް ލަވައެއް ހިމެނެ އެވެ. އޭނަގެ ކެރިއަރުގައި މިހާތަނަށް 20 އަލްބަމް ނެރެފައިވެ އެވެ. އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ލެޓާ ޓު ޔޫ" އެވެ.

ކެރިއަރުގެ ފުރަތަމަ އަލްބަމަކީ 1973 ގެ "ގްރީޓިންސް ފްރޮމް އެބްޒަރީ ޕާކް ނިއު ޖާޒީ" އެވެ.

މިއުޒިކް ކެރިއަރުގައި ސްޕްރިންގްސްޓީން ހޯދި ކާމިޔާބީތަކުގެ ތެރޭގައި 20 ގްރެމީ އެވޯޑްސް އާއި ދެ ގޯލްޑެން ގްލޯބް އެވޯޑްސް އާއި އޮސްކާ އެވޯޑް ހޯދުން ވެސް ހިމެނެ އެވެ.