Roadha Mihaaru
"ޕެރަސައިޓް" ގެ ބަތަލާ އަށް ތައިރޮއިޑް ކެންސަރު

"ޕެރަސައިޓް" ގެ ބަތަލާ އަށް ތައިރޮއިޑް ކެންސަރު ޖެހި، ފަރުވާ ހޯދަނީ

15 ޑިސެމްބަރ 2021

އޮސްކާ އެވޯޑްސްގެ ތާރީހު ބަދަލުކޮށްލި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ ބަތަލާ ޕާކް ސޯ ޑެމް ތައިރޮއިޑް ކެންސަރަށް ފަރުވާ ހޯދަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްކާ އެވޯޑްސްގެ ތާރީހު ބަދަލުކޮށްލި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ ބަތަލާ ޕާކް ސޯ ޑެމް ތައިރޮއިޑް ކެންސަރަށް ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނާ ތަމްސީލުކުރާ ޓެލެންޓް އެޖެންސީ އާޓިސްޓް ކޮމްޕެނީ ބުނީ 30 އަހަރުގެ ބަތަލާ އަށް ޖެހިފައި ވަނީ ތައިރޮޑް ކެންސަރުގެ އެންމެ އާންމު ވައްތަރު ކަމަށްވާ ޕެޕިލަރީ ތައިރޮއިޑް ކެންސަރު ކަމަށާއި މިހާރު ބައްޔަށް ފަރުވާ ހޯދުމުގެ ތެރެއިން ސާޖަރީއެއް ވެސް ހަދާފައިވާ ކަމަށެވެ.

"ފަރުވާ އަށް ޕާކް ވަރަށް ބޮޑު އިސްކަމެއް ދޭ. އަދި އޭނާ އެއްކޮށް ބަލިން ވަރަށް އަވަހަށް ރަނގަޅުވާނެ ކަމުގެ އުންމީދު ވެސް ބޮޑު." އެ ކުންފުނިން ބުންޏެވެ.

އާޓިސްޓް ކޮމްޕެނީން ބުނީ އުންމީދީ ޒުވާން ބަތަލާ ބޮޑު ބައްޔަކާ ކުރިމަތިވިކަން އެނގުނީ މީދެ ދުވަސްކޮޅެއް ކުރިން ހެދި ރޫޓިން ޗެކަޕެއްގެ ތެރެއިން ކަމަށެވެ. އަދި އޭނާ އަށް ތައިރޮއިޑް ކެންސަރު ޖެހިފައި މި ވަނީ އާ ފިލްމު ސްޕެޝަލް ޑެލިވަރީ (ސްޕެޝަލް ކާގޯ) ގެ ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް ފަށާފައި ވަނިކޮށެވެ.

ނަމަވެސް ބައްޔާ ހެދި ޕްރޮމޯޝަންތަކުގައި ޕާކް ބައިވެރިނުވާނެ ކަމަށާއި އެކަމަކު އޭނާގެ ފޭނުން ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ދޭނެކަމުގެ އުންމީދު އެބައޮތް ކަމަށް އާޓިސްޓް ކޮމްޕެނީން ބުންޏެވެ. "ސްޕެޝަލް ޑެލިވަރީ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ.

ޕާކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގޯސްޓް" ވެސް ހިމެނެ އެވެ.

ކޮރެއާގެ އެތައް އުފެއްދުމެއްގައި މިހާތަނަށް މަސައްކަތްކޮށްފައިވާ ޕާކް އަށް ބައިނަލްއަގްވާމީ މައިދާނުގައި މަޝްހޫރުކަން ލިބުނު ފިލްމު "ޕެރަސައިޓް" އަށް އޮސްކާގެ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑް ލިބުނެވެ. އަދި 2020 ގައި ބޭއްވި ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ބޭރު ފިލްމަކީ ވެސް "ޕެރަސައިޓް" އެވެ.