Roadha Mihaaru
ޖެނެރަލް ޝިޔާމަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމަށް ދައުވާކުރަން ފޮނުވައިފި

23 ޑިސެމްބަރ 2020

ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބައްޕަ ބެހެއްޓެވި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް ކޮރަޕްޝަނުގެ ކުށުގެ ދައުވާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބައްޕަ ބެހެއްޓެވި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް ކޮރަޕްޝަނުގެ ކުށުގެ ދައުވާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްް މިއަދު ފޮނުވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ އެ އިމާރާތުގައި ދިރިއުޅުއްވި މައްސަލަ އޭސީސީން ފުރަތަމަ ބެލުމަށް ފަހު ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެ މައްސަލަ ދެވަނަ ފަހަރަށް ބެލީ އަލުން ބަލަން ޕީޖީން އެންގުމުންނެވެ.

އޭސީސީން މިއަދު ބުނީ ޝިޔާމާ ދެކޮޅަށް ދެ ކުށެއްގެ ތުހުމަތުކޮށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ނަހަމަގޮތުގައި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑްގެ އިމާރާތުގައި ޖުލައި 18، 2017 އިން ފެށިގެން ޑިސެމްބަރު 11، 2018 އާ ހަމައަށް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭރު އެ މައްސަލަ ފައިލް ކުރި އިރު އޭސީސީން ބުނީ ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓް ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭކަން ލިބިފައިވާ ލިއުންތަކުން އެނގޭ ކަމަށެެވެ. އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސައިފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް އޭރު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.

ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ވެސް ބުންޏެވެ.

"...ހަމައެހެންމެ، ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫނެވެ. އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ، އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން ފާހަގަކުރެވެއެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

ޝިޔާމްްގެ މައްސަލަ އަލުން ބަލަން ޕީޖީން އެދުމުން، އޭސީސީން އޭރު ބުނީ މައްސަލަ އަލުން ތަހުގީގުކުރާނީ ކުރިން އެ މައްސަލަ ބެލި ޓީމް ނޫން އެހެން ޓީމަކުން ކަމަށެވެ. އެ ކޮމިޝަނުން އެ މައްސަލަ ބަލާފައި މިވަނީ މައްސަލައިގައި ކޮރަޕްޝަން ނެތް ކަމަށް ނިންމީ ޝިޔާމަށް މަންފާ ހޯދައިދޭން ކަމަށް ތުހުމަތުކޮށް، އާއްމުންގެ މީހަކު ކޮމިޝަނުގެ މެމްބަރުންގެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.