Roadha Mihaaru
ވައިރަހުގެ އާ ވައްތަރާ އެކު ބައިނަލްއަގުވާމީ ކަންބޮޑުވުން

ވައިރަހުގެ އާ ވައްތަރާ އެކު ބައިނަލްއަގުވާމީ ކަންބޮޑުވުން

22 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ، ކޮރޯނާވައިރަހުގެ އާ ވެރިއަންޓާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުން އިތުރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ، ކޮރޯނާވައިރަހުގެ އާ ވެރިއަންޓާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުން އިތުރުވެއްޖެ އެވެ.

ސާޅީހަށް ވުރެ ގިނަ ގައުމުން މިހާރު ވަނީ އިނގިރޭސި ވިލާތުގެ ދަތުރުވެރިންނާއި އެ ގައުމުގެ ފްލައިޓްތައް މަނާކޮށްފަ އެވެ. ވައިރަހުގެ މިއުޓޭޓްވެފައިވާ އާ ވޭރިއަންޓަކީ ކޮރޯނާވައިރަހަށް ވުރެ 70 ޕަސެންޓް އަވަހަށް ފެތުރޭ އެއްޗެކެވެ. އެކަމަކު އެއީ އާއްމު ކޮރޯނާވައިރަހަށް ވުރެ ނުރައްކާ އެއްޗެއް ކަމުގެ ހެއްކެއް ނެތެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ރޯގާއެއް ފެތުރި ވައިރަސް ބަދަލުވަމުންދާ އިރު އާ ސްޓްރެއިންތައް ފެނުމަކީ އާއްމު ކަމެއް ކަމަށެވެ. އަދި އާ ވެރިއަންޓް ވަނީ ކޮންޓްރޯލުން ނެއްޓިފައި ނޫން ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ސައުތު އެފްރިކާ އިން ވެސް އާ ވޭރިއަންޓެއް ފެނުމާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުގެ ފްލައިޓްތަކާއި ދަތުރުވެރިން މަނާކޮށްފަ އެވެ. ސައުތު އެފްރިކާ އިން ފެނުނު ވޭރިއަންޓަކީ އިނގިރޭސި ވިލާތުން ފެނުނު ވޭރިއަންޓާ ތަފާތު އެއްޗެއް ކަމަށްވެ އެވެ.

އާ ސްޓްރެއިން ފެތުރުން ހުއްޓުވުމަށްޓަކައި އިނގިރޭސި ވިލާތުން މީހުން އެތެރެވުން ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ. އެމެރިކާ އިން ވެސް ވަނީ އިނގިރޭސި ވިލާތުން ދަތުރު ކުރާ އެމެރިކާ ނޫން މީހުން އެތެރެވުން 14 ދުވަހަށް މަނާކޮށްފަ އެވެ. ސައުދީ އަރަބިއާ، ކުވޭތު އަދި އޮމާނުން ވަނީ ބައިނަލްއަގުވާމީ ފްލައިޓްތަކަށް ބޯޑަރު ބަންދުކޮށްފަ އެވެ.

ވައިރަހުގެ އާ ސްޓްރެއިން ވަނީ ޑެންމާކް، އޮސްޓްރޭލިއާ، އިޓަލީ އަދި ނެދަލޭންޑްސް އިން ވެސް ފެނިފަ އެވެ. ސްވިޑަން އިން މިހާރު ވަނީ ޑެންމާކުން މީހުން ދަތުރުކުރުން މަނާކޮށްފަ އެވެ.