Roadha Mihaaru
އިންތިޚާބު ބޭއްވޭނެކަމުގެ ޔަގީންކަން ނުލިބޭ: ޝަރީފު

އިންތިޚާބު ބޭއްވިދާނެ ކަމުގެ ޔަގީންކަމެއް ނުލިބޭ: ޝަރީފު

17 ޑިސެމްބަރ 2020

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ އެކު، އިއްޔެ މަޝްވަރާކުރި ނަމަވެސް އިންތިޚާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން އަދި ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ އެކު، އިއްޔެ މަޝްވަރާކުރި ނަމަވެސް އިންތިޚާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން އަދި ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ އިސްލާހު ކޮށްގެން ފަސްކޮށްފައިވާ އިންތިޚާބު އަންނަ މާޗު 6 ނުވަތަ 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު، އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުންނެވެ.

މި އަހަރު ބާއްވަން ޖެހޭ އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚާއްސަ ގާނޫނުގައި ބުނެފައި ވަނީ އިންތިޚާބުގެ މަސައްކަތްތައް ކޮމިޝަނުން ފަށާނީ މާޗު، 12، 2020 ގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. ދިގުދަންމަމުން އަންނަ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން ވެސް އިތުރުކުރީ މަހަކަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 5 އަށެވެ.

ކޮމިޝަންގެ ރައީސް ޝަރީފު "މިހާރު" އަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ލަސްވެގެން ޖެނުއަރީ މަހުގެ ނިޔަލަށް އުވާނުލައިފި ނަމަ އިންތިޚާބު ނުބޭއްވޭނެ ކަމަށް އެޗްޕީއޭއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސުން ހާމަކޮށްފައިވާނެ ކަމަށެވެ. އެކަމަކު އެ ބައްދަލުވުމުގައި، އެ ތާރީޚަށް ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާނެ ކަމުގެ ޔަގީންކަމެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.

އީސީން އެޗްޕީއޭއާ ބޭއްވި ބައްދަލުވުމުގައި އެ އޮތޯރިޓީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އީސީ

އީސީން އެޗްޕީއޭއާ ބޭއްވި ބައްދަލުވުމުގައި އެ އޮތޯރިޓީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އީސީ

ޝަރީފް ވިދާޅުވި ގޮތުގައި ޖެނުއަރީ މަހުގެ ތެރޭގައި ވަރަށް ބޮޑު ލުއިތަކެއް ދީފި ނަމަ ކޮވިޑް-19ގެ ހާލަތު ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އެޗުޕީއޭ އަށް އޮތް ކަމަށް އެ ބޭފުޅުން ދެންނެވި އެވެ.

"އަޅުގަނޑުމެން އެދުނީ އެކަމާ މަޝްވަރާކޮށްފައި ގޮތެއް އަންގަވައިދެއްވަން،" އޭނާ ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ސްކޫލްތައް ވެސް ހުޅުވަން މަޝްވަރާކުރަމުން އަންނަ އިރު، ކުއްލި ނުރައްކާ އުވާލައި ލުއި ދީފި ނަމަ ތިން ވަނަ ރާޅެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުން އެޗްޕީއޭ އަށް އެބައޮތެވެ. މީގެ އިތުރުން، ރާއްޖެ އަށް ކޮވިޑް ވެކްސިން ހޯދަން މަސައްކަތް ކުރަމުން އަންނައިރު، ސިއްހީ ކުއްލި ނުރައްކާ އުވައިލުމަކީ އެކަމަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި ބައެއް މީހުން ލަފާކުރެ އެވެ.

ޝަރީފް ވިދާޅުވީ އެޗްޕީއޭ އިން އެކި ކަންކަމުގައި މިހާރު ދީފައިވާ ލުއިތަކުގެ ތެރޭގައި، ސިޔާސީ ޕާޓީތަކުން ރަށްރަށަށް ކެމްޕޭނަށް ދެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭން ކޮމިޝަނުން އެދިފައިވާ ކަމަށެވެ. އަސާސީ ކަންކަމުގެ ތެރޭގައި ހިމަނައިގެން ނަމަވެސް ކެމްޕޭންގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓީނާއި އައިސޮލޭޝަންގައި ތިބޭ މީހުންގެ ވޯޓުލުމާ ގުޅޭ ގޮތުން ވެސް އެޗްޕީއޭއާ އެކު މަޝްވަރާ ކުރި އެވެ. އިންތިޚާބާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމްއާ ވެސް ބައްދަލުކުރަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު ބާއްވާނީ އިންތިޚާބު ފަސްކުރިއިރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށެވެ. އަލުން ފުރުސަތު ހުޅުވައެއް ނުލާނެ އެވެ. އެކަމަކު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 18 އަހަރު ފުރުނު ގާތްގަނޑަކަށް 5،000 މީހުންނަށް ވޯޓުލުމު ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކައުންސިލް އިންތިޚާބަށް 4،172 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.