Roadha Mihaaru
ސިވިލް ސާވިސް ނިންމައި ދާއިމީ ލިސްޓުތައް ނެރެނީ

ސިވިލް ސާވިސްގެ ފޯމުތައް ނިންމައި، ދާއިމީ ލިސްޓުތައް މި މަހު އިއުލާންކުރަނީ

09 ޑިސެމްބަރ 2020

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި ކެޓަގަރީން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފުތާގައި އާއްމުކޮށް، ހުރިހާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާންކުރެވޭތޯ ބަލަމުން އަންނަ ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި ކެޓަގަރީން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފުތާގައި އާއްމުކޮށް، ހުރިހާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާންކުރެވޭތޯ ބަލަމުން އަންނަ ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ފްލެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޓީގެ މެމްބަރު ތޯހާ އަހްމަދު ވިދާޅުވީ މިހާތަނަށް ވަގުތީ ލިސްޓު ނުނެރެވި އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކެޓަގަރީ އެކަނި ކަމަށެވެ. އުއްމީދަކީ އަންނަ ހަފުތާގައި ވަގުތީ ލިސްޓު ފައިނަލްކޮށް ނެރުން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހުޅުވާލި ކެޓަގަރީއަށް 1,000 ފްލެޓް ހާއްސަކުރި އެވެ.

ތޯހާ ވިދާޅުވި ގޮތުގައި ކޮމިޓީން މިހާރު ކުރަމުން އަންނަނީ 11 ކެޓަގަރީގެ ވަގުތީ ލިސްޓުތަކަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތެވެ.

"ސިވިލް ސާވިސް މުވައްޒަފުންގެ ލިސްޓުގެ ޝަކުވާތައް ނިންމައި އުއްމީދުކުރަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ދާއިމީ ލިސްޓް ފައިނަލް ކުރެވޭނެ ކަމަށް،" ތޯހާ ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީން އެންމެ ފަހުން އާއްމުކުރީ އެންމެ ގިނަ ބަޔަކު ފޯމުލީ އެޗް7 ކެޓަގަރީ އެވެ. ގާތްގަނޑަކަށް 9،000 މީހުން ކުރިމަތިލީ 18-40 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލި އެ ކެޓަގަރީގެ ވަގުތީ ލިސްޓާ މެދު ގިނަ ޝަކުވާތަކެއް ދަނީ ކުރަމުންނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދީފައިވާ ގޮތެވެ.

ހާލަތު ބަލާނެ އުސޫލު އާއްމުނުކޮށް އެ ކެޓަގަރީގެ ފޯމުތައް އިވެލުއޭޓްކޮށް ލިސްޓު އިއުލާންކުރިިއިރު، ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް އިއުލާންކުރި 600 އަށް ވުރެން ގިނަ މީހުންނަށް ޕޮއިންޓް މަދުވި ކަމުގެ މައްސަލަ ބޮޑެވެ. މި ޝަކުވާތަކާ ގުޅިގެން ފްލެޓް ކޮމިޓީން ވަނީ ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑު އާއްމުކޮށްފަ އެވެ.

ހާލަތު ބެލުމުގެ ކުރިން މިންގަނޑު އާއްމުނުކުރީ އެއީ އެންމެ އިންސާފުވެރި ގޮތަކަށް ނުވެދާނެތީ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައި ފޯމުތައް އަލުން އިވެލުއޭޓްކުރަން ނިންމީ އެ ޝަކުވާތަކާ ހެދި އެވެ.

މި ސަރުކާރުގެ ވައުދަކީ އެ ފްލެޓްތައް އިންސާފުވެރިކަމާ އެކު ހައްގުވެރި ފަރާތަށް ދިނުމެވެ.